ޑާކާ އިން: އަހުމަދު ޔަޝާއު – ވަން އޮންލައިން
ސާފް ސުޒުކީ ކަޕް 2018 ގެ ސެމީފައިނަލުން ޖާގައެއް ހޯދަން ގްރޫޕް ބީގެ ފަހު މެޗުގައި މިރޭ ރާއްޖެ އެކުވެރި އިންޑިއާ އާ ދެކޮޅަށް ނިކުންނާނެ އެވެ. ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ވަނީ ސްރީލަންކާ އާ ދެކޮޅަށް 0-0 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ.
ތިން ޓީމު ހިމެނޭ މި ގްރޫޕްގައި އިންޑިއާ ވަނީ އެޓީމު ކުޅުނު ފުރަތަމަ މެޗުން ސްރީލަންކާ 0-2 އިން ބަލިކޮށް ސެމީން ޖާގަ ހޯދާފައެވެ. އެހެންކަމުން، މިއަދުގެ މެޗުން މޮޅުވެގެން ނުވަތަ އެއްވަރުވެގެން ރާއްޖެއަށް ސެމީގެ ޖާގަ ކަށަވަރުވާނެއެވެ. ރާއްޖެއަށް ގޯލެއް ކާމިޔާބު ނުކުރެވި، ތިން ގޯލުގެ ތަފާތުން ބަލިވެއްޖެ ނަމަ ސެމީގެ ޖާގަ ލިބޭނީ މި މެޗުގައި ކުޅިބަލަން ތިބޭނެ ލަންކާ ޓީމަށެވެ. މިއަދުގެ މެޗުން އެއް ލަނޑުގެ ތަފާތުން ބަލިވެގެން ވެސް ރާއްޖެއަށް ސެމީއަށް ދެވެން އެބައޮތެވެ. ނަމަވެސް، ދެގޯލުގެ ތަފާތުން ރާއްޖެ ބަލިވެއްޖެނަމަ، ޕޮއިންޓުގެ ގޮތުންނާއި، ފައިދާ ގޯލުންނާއި، ޖެހި ގޯލުންނާއި، ބައިކޮޅަށް ވަން ގޯލުންވެސް ރާއްޖެ އާއި ލަންކާ އެއްވަރުވާނެއެވެ. އެހެންވެއްޖެނަމަ، ދެން ބަލާނީ ފެއާޕްލޭ އުސޫލުން ދެއްކި ކާޑަށެވެ. އެގޮތުން ވެސް އެއްވަރުވެއްޖެނަމަ، ދެން ގުރުއަތުލައިގެން ސެމީފައިނަލަށް ދާނެ ބަޔަކު ކަނޑައަޅާނެވެ.
މިއަދުގެ މެޗަށް ދިވެހި ޓީމު ނުކުންނައިރު ޓީމުގެ ކޯޗު ޕީޓާ ސެގާޓް ބުނެފައިވަނީ، މިއަދުގެ މެޗުން ރަނގަޅު ނަތީޖާއެއް ހޯދައި ސެމީއަށް ދިއުމުގެ ފުރިހަމަ ޔަޤީންކަން އޮތްކަމަށެވެ. އިންޑިއާގެ ކޯޗު ކޮންސްޓެންޓީން ބުނެފައިވަނީ، ތާރީހުގައި ނުކުމެފައިހުރި ނަތީޖާތަކާ މެދު އޭނާ ނުވިސްނާ ކަމަށާއި، މިއަދުގެ މެޗުގައި ރާއްޖެ ނުކުންނާނީ ތަފާތު ޒުވާން އިންޑިއާ ޓީމަކާ ދެކޮޅަށް ކަމަށާއި، ހަމައެގޮތަށް އިންޑިއާވެސް ނުކުންނާނީ ތަފާތު ރާއްޖެ ޓީމަކާ ދެކޮޅަށް ކަމަށެވެ. އަދި މުބާރާތުގެ ފޭވަރިޓުންނަކީ އިންޑިއާ ކަމަށް އޭނާ ނުދެކޭ ކަމަށެވެ.
ރާއްޖެއާއި އިންޑިއާ ސާފް ޗެމްޕިއަންޝިޕް ތާރީހުގައި 11 ފަހަރު ވާދަކޮށްފައިވެއެވެ. އޭގެތެރެއިން އަށް ފަހަރު އިންޑިއާ މޮޅުވެފައިވާއިރު ރާއްޖެ މޮޅުވީ އެންމެ ދެފަހަރު އެވެ. އެއްފަހަރު އެއްވަރުވެގެން ނިމުނުއިރު ރާއްޖެ މި މުބާރާތުގެ ތަށި ހަމައެކަނި ހޯދިފަހަރަކީ 2008 ވަނަ އަހަރު އިންޑިއާ ބަލިކޮށްފަ ހޯދިފަހަރުއެވެ.
މިމެޗު ފަށާނީ ރާއްޖޭ ގަޑިން މިއަދު އިރުއޮއްސި 6 ޖަހާއިރުއެވެ.