ގާސިމް އިބްރާހިމް

ޤާސިމްގެ ހަ ދަރީން ބައްޕަޔާ ވަކިވުމުން ކުރި ހިތާމަ އައިޝާގެ ދުލުން!

10

ޖުމްހޫރީ ޕާޓީގެ ބާނީ އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ޖަލުގައި ހުންނެވި ދުވަސްވަރު އެމަނިކުފާނުގެ ހަ ދަރިންނަށް އަނިޔާ ލިބެމުންދިޔަ ކަމަށް އަނބިކަނބަލުން އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން އައިޝާ ވިދާޅުވީ ގާސިމް ޖަލުގައި ހުންނެވި އިރު، އެ ކުޑަކުޑަ ކުދިން ރުއި ރުއިމާއި ކުރި ހިތާމަ އެންމެ ކައިރިން އޭނާއަށް ފެނުނު ކަމަށެވެ.

އައިޝާ ވިދާޅުވިގޮތުގައި ކުޑަކުޑަ އެ ހަކުދިން ހީކުރީ އެކުދިންގެ ބައްޕަ ރުޅި އައިސްގެން ދިޔައީ ކަމަށެވެ.

"ހަގީގަތުގައި ވަރަށް ނިކަމެތި މަންޒަރެއް ބަލަން. ގާސިމް ގުޅައިގެން ފޯނުން ވަޓްސްއަޕުން ވީޑިއޯ ކޯލް ކޮށްގެން ކުޑަ މީހާ އަނގައިން ނުބުނެގެން ގަޑިއެއްހާއިރު، އެބަ ހޭދަކުރައްވާ ދަރިފުޅާ ދަރިފުޅާ ގޮވާލަ. މި ކުޑަ މީހާ މި ހީކުރަނީ އޭނަދެކެ ރުޅި އައިސްގެން ބައްޕަ ނާންނަނީ ކަމަށް،" އައިޝާ ކިޔައިދިނެވެ.

އައިޝާ ވިދާޅުވިގޮތުގައި އޭނާގެ އެންމެ ބޮޑު، އުމުރުން 10 އަހަރުގެ ދަރިފުޅު ސަލްޓަން ޕާކަށް ނުވަންނަން ވެގެން ބޯ ވާރޭ ތެރޭގައި ހުއްޓެވެ. އޭނާ ވިދާޅުވިގޮތުގައި ދަރިފުޅު ބުނީ އެ ޕާކަށް ދުވަހަކު ވެސް ނުވަންނާނެ ކަމަށެވެ. ސަބަބަކީ ރައީސް ޔާމީން ހެއްދެވި ޕާކަކަށް ވާތީއެވެ. އަދި ޔާމީނަކީ ބައްޕައަށް އަނިޔާ ކުރާ މީހާ ކަމަށް ދަރިފުޅު ބުނި ކަމަށް އައިޝާ ކިޔައިދިނެވެ.

"އަޅުގަނޑުގެ ބޮޑު ދަރިފުޅު. 10 އަހަރު. އަޅުގަނޑުގެ ދަރިފުޅު ގާސިމްގެ ކޮއްކޮއަކާ އެކު ފޮނުވީ ސަލްޓަން ޕާކް ކައިރީ ހުންނަ ފިހާރައަކަށް. އޭނަ ބޭނުންވާ އެއްޗެއް ގަންނަން ކަންދިމާކުރިގޮތުން ކާރު މަޑުކުރެވެން ނެތީމަ. ވިއްސާރަވެހެމުންދިޔަ ވަގުތަކާ ދިމާވީމަ ފިހާރަ ބަންދުކޮށްފަ ހުރީމަ މަގުމަތީގަ ތިބެން މިޖެހުނީ. ވިއްސާރަ ވީމަ އެއްކޮށްދިޔަ ހުރިހާކުދިން މިވަނީ ޕާކްތެރެއަށް. ވަދެ މިގޮވަނީ ޕާކްތެރެއަށް ވަންނަން އަންނާށޭ. އަޒްހާން އިނގޭތޯ ކިޔަނީ. އޭނައަށް ގޮވާ ގޮވާ ޕާކްތެރެއަށް ނައިއްސަ އެވެހުނު ބޯ ވާރޭތެރޭގަ އެ ކުއްޖާ ތެމެމުން ދިޔައީ. އެންމެފަހުން ކީއްވެތޯ ނުވަނީ އެހީމަ މި ބުނަނީ ތި ޕާކަކަށް ދުވަހަކު ވެސް ނުވަންނާނަމޭ. ތީ ޔާމީނު ހަދާފަހުރި ޕާކެކޭ. ޔާމީން އެއީ ތިމަންނަގެ ބައްޕައަށް އަނިޔާ ކުރާ މީހެކޭ،" އައިޝާ ކިޔައިދިނެވެ.

އޭނާގެ ހަ ކުޑަކުދިންނަށް ލިބުނު ފަދަ ނަފްސާނީ އަނިޔާތަކެއް އެހެން އެއްވެސް މީހެއްގެ ދަރިއަކަށް ކުރިމަތިވިޔަ ނުދިނުން އެދި އައިޝާ ވަނީ މާތްﷲގެ ހަޒުރަތަށް ދުއާ ދަންނަވާފައެވެ.

"މިއީ ހަގީގަތުގައި، މިދަންނަވަން އުޅެނީ އަޅުގަނޑުގެ ކުޑަކުޑަ ހަ ކުދިންނަށް ލިބެމުންދިޔަ އަނިޔާ. ލިބުނު ނިކަމެތިކަން. އަޅުގަނޑު ބޭނުމެއް ނޫން މިކަހަލަ ނިކަމެތިކަމެއް އެހެން އިންސާނަކަށް، އެހެން މީހަކަށް ދުވަހަކު ވެސް ލިބޭތަން ދެކެން،" އައިޝާ ވިދާޅުވިއެވެ.

އައިޝާ ވިދާޅުވިގޮތުގައި އޭނާ ސިޔާސީ ދައިރާއަށް ނުކުމެވަޑައިގަންނަވަން ޖެހިވަޑައިގެންނެވި ސަބަބަކީ އެހެން އާއިލާއަކަށް އެފަދަ އަނިޔާއެއް ލިބުނަ ނުދިނުމަށް މަސައްކަތް ކުރުމެވެ.
ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމުގެ އިސްތިއުނާފު މަރުހަލާ ނިމެންދެން ކަފާލާތުގެ ދަށުން ގާސިމް މިނިވަންކޮށްފައި ބެހެއްޓުމަށް ހައިކޯޓުން އަމުރުކުރީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ. އެ އަމުރާ އެކު ގާސިމް ރާއްޖެ ވަޑައިގަތީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

ގާސިމް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގެންނެވި ވަގުތު ކުޑަކުޑަ ހަ ކުދިންނާ އެކު އައިޝާ ވެސް އެއާޕޯޓަށް ވަޑައިގެންނެވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟