މެޗު ނިމިއްޖެ. މެޗު ނިމުނީ 0-0 ގެ ނަތީޖާއަކުން. ނަތީޖާއާއެކު ސީޝެލްސް ވަނީ ފައިނަލަށް ގޮސްފައި. ރާއްޖެ ވަނީ ކަޓައިފައި.
94' ރުންޑޮލްފްގެ ނުރައްކާތެރި ހަމަލާއެއް. އޭރިއާ ތެރެއިން އޭނާ ފޮނުވާލި ހަމަލާ ނާޖިހު މަތަކޮށް ބޭރުކޮށްލި.
އަޑޭއަށް ރަތްކާޑު ދެއްކީ ގަސްދުގައި ސީޝެލްސްގެ ކުޅުންތެރިޔާ މޫނުމަތީގައި އުޅަނބޮށިން ޖެހުމުން.
ރާއްޖޭގެ އަސްހަދު އަލީ (އަޑުބަރޭ) އަށް ރަތް ކާޑު. ކުޅުމުގެ ބޭރުން އޭނާ ކުރި ފައުލަކަށް ރެފްރީ ވަނީ ރަތް ކާޑު ދައްކައިފައި. އަޑޭ ކުޅުމަށް އެރިތާ އަދި މިނެޓެއްވެސް ނުވާނެ.
ރާއްޖެއަށް އިތުރު ބަދަލެއް. އައިޝަމްގެ ބަދަލުގައި ކުޅެން ނުކުތީ ހުސައިން ޝިފާއު (ކްރޯ)
ރާއްޖެއަށް ބަދަލެއް. އުމައިރުގެ ބަދަލުގައި ކުޅެން ނުކުތީ އަސްހަދު އަލީ.
މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ފަސް މިނެޓު ދައްކައިފި.
88' އަރިމަތިން ސެންޓޭ ފޮނުވާލި ބާރު ހަމަލާ ގޯލަށް އަމާޒުނުވެ ބޭރަށް.
84' ސީޝެލްސްގެ ފަރާތުން މެޗުގައި ނުރައްކާތެރި ފައުލްތަކެއް ފެންނަމުން ދޭ. އަޝްފާގަށް ކުރި ފައުލަކަށް ރިކީ ނޮރެސްއަށް ރީނދޫ ކާޑު ދައްކައިފި.
80' ރާއްޖެއަށް ފުރުސަތެއް. ކޯނަރަކުން ފަހި ކުރި ފުރުސަތުގައި އަކޫ ފޮނުވާލި ބޯޅަ ގޯލް ކުރިމަތިން ހުރަސް ވެގެން ގޮސް ސެންޓޭއަށް ލިބުނު ނަމަވެސް ޖެހީ ބޭރަށް. އެ ބޯޅައަށް އަކޫ މަސައްކަތް ކުރި އިރު، އަކޫ ހުރީ އޮފްސައިޑް ކަމަށް ރެފްރީ ފަހުން ވަނީ ނިންމާފައި.
76' ސީޝެލްސްގެ ޑިފެންޑަރު މާކު މަތިއޮޓަށް ރަތް ކާޑު. ދެވަނަ ރީނދޫ ކާޑެއް އޭނާއަށް ދެއްކީ ހައިޝަމްއަށް ކުރި ފައުލަކަށް.
75' ދެވަނަ ހާފް ފެންނަނީ ހަމަލާތައް މަދުކޮށް. ރާއްޖެއަށްވެސް އަދި ގޯލަށް އަމާޒުކޮށް ބޯޅައެއް ފޮނުވާލެވިފައި ނުވާ އިރު، އައިޝަމް ދުރުން ފޮނުވާލި ހަމަލާ ދިޔައީ މާ ދުރުން ބޭރަށް.
ދަނޑު ވަރަށް ބޮޑަށް ޗަކަވެފައި އޮތުމުން ދެޓީމުގެ ކުޅުންތެރިންނަށްވެސް ދަނީ އެކަމުގެ އުނދަގޫތައް ކުރިމަތިވަމުން. ކުޅުންތެރިންގެ ޖާޒީތަކާއި ބޫޓުތައްވެސް ފެންނަނީ ވަރަށް ބޮޑަށް ހަޑިވެފައިވާ މަންޒަރު.
65' ސީޝެލްސްގެ ނުރައްކަލެއް. ރުންޑޮލްފް ނަގައިދިން ކޯނަރު ހުބާޓް އެމެނުއަލް ޖެހި ނަމަވެސް ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށް.
63' ރާއްޖޭގެ އަލީ އަޝްފާގު (ދަގަނޑޭ) ދަނޑު މައްޗަށް. ދަގަނޑޭ ކުޅެން ނުކުތީ ފޭދޫ އިއްބެއަށް އަނިޔާވެ އޭނާ ބާލަން ޖެހުމުން.
60' ސީޝެލްސްގެ ނުރައްކާތެރި ހުރަހެއް. ލެބްރޯސް އަރިމަތިން ނަގައިދިން ހުރަސް ދިޔައީ ގޯލު ކުރިމަތިން ހުސްކޮށް.
57' ރާއްޖެއިން ބަދަލެއް. ނިހާންގެ ބަދަލުގައި ކުޅެން ނުކުތީ އަލީ ފާސިރު (ސެންޓޭ) .
56' ރާއްޖެއަށް ހުސް ދެ ފުރުސަތު. އަރިމަތިން އޭރިއާ ތެރެއަށް ވަދެ ފޭދޫ އިއްބެ ފޮނުވާލި ހަމަލާ ގޯލްކީޕަރު މަތަކުރި އިރު، ރީބައުންސްގައި އަސަދުﷲ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ މަތިން.
49' އަރިމަތިން އުމައިރު ފޮނުވާލި ހިލޭ ޖެހުން ގޯލަށް އަމާޒުވި ނަމަވެސް ގޯލްކީޕަރު ވަނީ ޕަންޗުކޮށް ބޭރުކޮށްލައިފައި.
48' އަރިމަތިން ހަމްޕު ދެ ކުޅުންތެރިން ނައްޓާލައިފައި ދިޔުމުން ސީޝެލްސްގެ ޑޯން ފަންޗެޓޭ ކުރި ފައުލަށް ރެފްރި ވަނީ އޭނާއަށް ރީނދޫ ކާޑު ދައްކާފައި.
ރާއްޖެއިން ދެވަހަ ހާފަށް ނުކުތީ ބަދަލަކާއެކު. ހަސަން ރާއިފްގެ ބަދަލުގައި ނުކުތީ އިބްރާހީމް މަހުދީ (ފޭދޫ އިއްބެ).
މެޗުގެ ދެވަނަ ހާފްގެ ކުޅުން ފަށައިފި.
ފުރަތަމަ ހާފުގެ އިތުރު ވަގުތަށް ދިން ދެ މިނެޓު ހަމަވެ، ފުރަތަމަ ހާފް ނިމިގެން ދިޔައީ 0-0 އިން ނަތީޖާ ހަމަހަމަ ވެފައި އޮވެގެން.
37' ޝީސެލްގެ މޮތޭ ދުރުން ފޮނުވާލި ބާރު ހަމަލާ ރާއްޖޭގެ ގޯލްކީޕަރު ނާޖިހު ފަސޭހަ ކަމާއެކު ދިފާއުކޮށްފި.
35' ރާއްޖެގެ ނުރައްކާތެރި ދެ ހަމަލާއެއް. ހަމްޕު ދެ ކުޅުންތެރިން ނައްޓާލުމަށްފަހު އޭރިއާ ތެރެއަށް ވަދެ އަރިމަތީގައި ހުރި ނިހާނަށް ޖައްސާލުމުން އޭނާ ފުލުފުލުގައި ފޮނުވާލި ދެ ހަމަލާވެސް ސީޝެލްސް ކުޅުންތެރިން ވަނީ ބްލޮކް ކޮށްފައި. ނިހާނަށް ފަހިވެގެން ދިޔައީ މެޗުގައި މިހާތަނަށް ފެނުނު އެންމެ ހުސް ފުރުސަތު.
33' ހަންނަ އަށް ރަނގަޅު ފުރުސަތެއް. އަރިމަތިން ނަގައިދިން ހުރަސް އޭރިއާ ތެރޭގައި ހުރި ހަންނައަށް ހުސްކޮށް ލިބުނު ނަމަވެސް އޭނާ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ސީޝެލްސް ގޯލްކީޕަރު އަތަށް.
28' ހަމްޕުއަށް ކުރި ފައުލަކަށް ސީޝެލްސްގެ މާކް މެތިއޮޓަށް ރެފްރީ ވަނީ ރީނދޫ ކާޑު ދައްކައިފައި. އެ ފައުލްގައި ލިބުނު ހިލޭ ޖެހުމުގައި އުމައިރު ސީދާ ގޯލަށް ފޮނުވާލި ހަމަލާ ސީޝެލްސްގެ ގޯލްކީޕަރު ދިފާއުކުރި.
ރާއްޖެއިން އެންމެ ބޮޑަށް އެޓޭކްގައި ބައިވެރިވާތަން ފެންނަނީ ހަމްޕު. ހަމްޕުއަށް ސީޝެލްސްގެ ކުޅުންތެރިން ދަނީ ގިނަ ފައުލްތަކެއްވެސް ކުރަމުން. މިއަދުގެ މެޗަކީ ހަމްޕު މި މުބާރާތުގެ ފުރަތަމަ 11ނުކުތް ފުރަތަމަ މެޗު. ހަމްޕު މުބާރާތަށް ދިޔައީ ސާފް ޗެމްޕިއަންޝިޕްގައި ލިބުނު އަނިޔާއިން ރަނގަޅުވަމުން ދަނިކޮށް. މިހާރު އޭނާ ވަނީ ފުލްކޮށް ރިކަވާ ވެފައި.
27' ރާއްޖޭގެ ހަމަލާއެއް. އުމައިރުގެ ކޯނަރަކުން އަކޫއަށް ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ ސީޝެލްސްގެ ޑިފެންޑަރު ވަނީ ބްލޮކް ކޮށްފައި.
17' އަރިމަތިން ސީޝެލްސްގެ ޖޯސިފް ފޮނުވާލި ބާރު ހިލޭ ޖެހުން އަމާޒުވީ ރާއްޖޭ ގޯލުގެ ބޭރުން އަރިމަތީ ދާގަނޑަށް.
16' ސީޝެލްސްގެ މާކް މެތިއޮޓަށް ރާއްޖެ އޭރިއާ ކައިރިން ކުރި ފައުލަށް ހަންނައަށް ރީނދޫ ކާޑު ދައްކައިފި. ސީޝެލްސްއަށް ހިލޭ ޖެހުމެއް.
15' އަރިމަތިން ރާއްޖެއަށް ލިބުނު ހިލޭ ޖެހުން އުމައިރު ސީދާ ގޯލަށް ފޮނުވާލި ނަމަވެސް، މާ ބޮޑު ބާރެއް ނެތި ދިޔާއީ ގޯލްކީޕަރު އަތަށް.
10' ފުރަތަމަ ކޮޅުގައި ދެޓީމުގެ ފަރާތުންވެސް ނުރައްކާތެރި ހަމަލާއެއް ފެނިފައެއް ނުވޭ. ރާއްޖެއިން ޕާސްތައް ގިނަކޮށް ފެނުނު ނަމަވެސް އަދި ސީޝެލްސް ގޯލަށް ނުރައްކާ ކުރެވިފައެއް ނުވޭ.
ލަންކާއަށް މިއަދު ފެންނަނީ މޫސުން ގޯސްކޮށް، ދަނޑު ވަރަށް ބޮޑަށް ހަލާކުވެފައި އޮތުމުގެ އިތުރުން ދަނޑުގައި ވަނީ ފެންވެސް ހެދިފައި. ފުރަތަމަ ކޮޅުގައި ދެޓީމަށްވެސް ދަނީ އެކަމުގެ އުނދަގޫތައް ފޯރަމުން.
މެޗަށް ނެރުނު ފުރަތަމަ 11 ގައި ނާއިޒް ހަސަން (ދާދު) ފުރަތަމަ ހިމެނި ނަމަވެސް، ވާމް އަޕްގައި އަނިޔާވެ އޭނާގެ ބަދަލުގައި މެޗަށް ނުކުތީ ހަންނަ.
މެޗުގެ ކުޅުން ފަށައިފި. ކުޅުން ފެށީ ރާއްޖޭގެ ފޯވަޑް ހަމްޕު.
ސްރީ ލަންކާގައި ކުރިއަށްދާ މަހިންދަ ރާޖަޕަކްސާ ޓްރޮފީ ފޯ ނޭޝަންސް ކަޕްގައި ރާއްޖެއިން ސީޝެލްސްއާ ދެކޮޅަށް ކުޅޭ މެޗުގެ ލައިވް ކަވަރޭޖަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!
މިއީ ދެޓީމަށްވެސް މުބާރާތުގެ ލީގު ބުރުގައި ކުޅެން ލިބޭނެ ފަހު މެޗު. މެޗުން މޮޅުވުމަކީ ފައިނަލަށް ދާން ރާއްޖެއަށް މިހާރު އޮތް ހަމައެކަނި މަގު. ފުރަތަމަ މެޗުގައި ރާއްޖެ ލަންކާ ކައިރީން 4-4 އިން އެއްވަރުވެފައި އޮތް އިރު، އެންމެފަހުން ކުޅުނު މެޗުގައި ބަންގުލަދޭޝް އަތުން ބަލިވީ 2-1 ގެ ނަތީޖާއަކުން. އެ ބައްޔަކީ މިދިޔަ 18 އަހަރު ތެރޭގައިވެސް ބަންގުލަދޭޝް އަތުން ރާއްޖެވި ފުރަތަމަ ބަލި. މާޔޫސީ ދެ މެޗަށްފަހު މިއަދު ރާއްޖެއިން ސީޝެލްސްއާ ދެކޮޅަށް ނުކުންނާނީ އުނދަގޫ މެޗަކަށް.
ރާއްޖެއިން މީގެ ކުރިން ސީޝެލްސްއާ ދެކޮޅަށް ފީފާގެ އެކުވެރިކަމުގެ ފަސް މެޗެއްގައި ވާދަކޮށްފައިވޭ. އޭގެ ތެރެއިން ދެމެޗުން ރާއްޖެ މޮޅުވެފައިވާ އިރު، ސީޝެލްސް އިން ވަނީ ތިން މެޗުން މޮޅުވެފައި. އެ މެޗުތައް ގުނާއިރު އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ މެޗުތައް ނުގުނާނެ. އެންމެފަހުން ރާއްޖެ އާއި ސީޝެލްސް ކުޅެފައި ވަނީ 2015 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ގައި. އެ ފަހަރު ރާއްޖެ މޮޅުވީ 2-1 ގެ ނަތީޖާއަކުން.
ރާއްޖެއިން މިހާތަނަށް ކުޅުނު ދެ މެޗުގައިވެސް ފުރަތަމަ 11 ގައި ކޯޗު މޮރިއޭރޯ ބޭނުން ކުރީ އެއް ކުޅުންތެރިންތަކެއް ނަމަވެސް، މިއަދު ސީޝެލްސްއާ ދެކޮޅަށް ނުކުންނަ މެޗަށް ކޯޗު ވަނީ ފުރަތަމަ 11 އަށް ބަދަލުތަކެއް ގެނެސްފައި. އެގޮތުން އެންމެ ފާހަގަކޮށްލެވޭ ބަދަލަކީ ރާއްޖު ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިޔާ، އަދި ގައުމީ ޓީމުގެ ރެކޯޑު ގޯލު ޖެހުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) މިއަދުގެ މެޗު ބެންޗުން ފެށުން.
ދަގަނޑޭގެ އިތުރުން މިދިޔަ ދެމެޗުގެ 11 ގައި ހިމެނުނު އަލީ ފާސިރު (ސެންޓޭ)އާއި ހުސައިން ޝިފާއު (ކްރޯ)ވެސް މިއަދުގެ މެޗު ފަށާނީ ބެންޗުން. އެ ތިން ކުޅުންތެރިންގެ ބަދަލުގައި މެޗުގެ ފުރަތަމަ 11 އަށް ނުކުންނާނީ ހަމްޒާ މުހައްމަދު (ހަމްޕު) އާއި ރާއިފް ހަސަން (ހަންނަ)ގެ އިތުރުން އަހުމަދު ނޫމާން (ހެލްމެޓް). އޭގެ އިތުރުން އިބްރާހީމް މަހުދީ (ފޭދޫ އިއްބެ)ވެސް މިއަދުގެ މެޗަށް ފުރަތަމަ 11 ގައި ހިމެނިފައި ނުވާ އިރު، އަސަދުﷲ އަބްދުﷲ ވަނީ ފުރަތަމަ 11 ގައި ހިމެނިފައި.