އިލެކްޝަންސް ކޮމިޝަން

ތިން ޕާޓީއެއް އުފައްދަން ހުއްދަ ދީފިން، ދެ ޕާޓީއެއް އުފައްދަން އޮތީ ހުއްދައަށް އެދިފައި: އީސީ

ޝަހީދާ އަބްދުﷲ ސައީދު

ސިޔާސީ ތިން ޕާޓީއެއް އުފައްދަން ދާދިފަހުން ހުއްދަ ދީފައިވާނެ ކަމަށާއި އިތުރު ދެ ޕާޓީއެއް އުފައްދަން ހުއްދައަށް އެދިފައިވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން މިއަދު ބުނެފިއެވެ.

''ވަންއޮންލައިން''އަށް މައުލޫމާތު ދެއްވަމުން އީސީގެ މެންބަރު އަހުމަދު އަކުރަމު ވިދާޅުވީ މިދުވަސްވަރު ސިޔާސީ ޕާޓީތައް އުފައްދަން ހުށަހަޅާ މިންވަރު އިތުރު ކަމަށެވެ. އެގޮތުން މިހަފްތާގެ އާދީއްތަ ދުވަހާއި ހޯމަ ދުވަހު ވެސް ޕާޓީއެއް އުފެއްދުމުގެ ހުއްދައަށް އެދިފައިވާ ކަމަށެވެ.

އަދި އޭގެ ކުރިން ހުއްދަ ދީފައިވާ ތިން ޕާޓީއެއް ރަޖިސްޓްރީ ކުރުމަށް ހުށަހަޅާފައި ނުވާކަމަށް ވެސް އަކުރަމު ވިދާޅުވިއެވެ.

މިދިޔަ އާދިއްތަ ދުވަހު ރައީސް މައުމޫން އިސްވެ ހުންނަވައިގެން ''މޯލްޑިވްސް ރިފޯމް މޫވްމަންޓް"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދައަށް ވަނީ އެދިފައެވެ.

އަދި އިއްޔެ ވަނީ އަހުމަދު ޝަފީގު (ޑީއޯ ސައްޕެ) ''ދަރުމަވަންތަ ޕާޓީ"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަން އީސީއަށް ހުށަހަޅައިފައެވެ.

އަކުރަމު ވިދާޅުވީ އެންމެ ފަހުން ހުއްދައަށް އެދުނު ދެޕާޓީ އުފައްދަން ހުއްދަ ދިނުމާ މެދު އަދި ވަކިގޮތެއް ކޮމިޝަނުން ނުނިންމާ ކަމަށެވެ. ނުވަ ސިޔާސީ ޕާޓީއެއް އީސީގައި މިހާރު ވަނީ ރަޖިސްޓްރީކޮށްފައެވެ. އެއީ އެމްޑީޕީ، ޑީއާރުޕީ، ޕީޕީއެމް، އެމްޑީއޭ، އަދާލަތު، ޖުމްހޫރީ ޕާޓީ، އެމްޑީއޭ، ޕީއެންސީ، އަދި ލޭބާ ޕާޓީއެވެ.