އުމަރު ނަސީރު

އިންޑިއާގެ މިލިޓަރީ ހާޑުވެއާތައް ރާއްޖޭގެ މިނިވަންކަން އަތުލާދުވަހު ދިވެހީންނާ ދެކޮޅަށް ބޭނުންކުރާނެ : އުމަރު

ޝަހީދާ އަބްދުﷲ ސައީދު

1

އިންޑިއާއިން ރާއްޖެއަށް ދެމުންދާ އެހީތަކުގެ ތެރޭގައި ހެލިކޮޕްޓަރާއި ރާޑަރުފަދަ ތަކެއްޗަކީ ރާއްޖޭގެ މިނިވަންކަން އަތުލާ ދުވަހު ދިވެހިންނާ ދެކޮޅަށް ބޭނުންކުރާނެ ވަސީލަތްތަކެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު މިހެން ވިދާޅުވީ އޭނާގެ ފޭސްބުކް ޕޭޖުގައި ލިޔުއްވި ޕޯސްޓެއްގައެވެ.

އުމަރު ވިދާޅުވީ އިންޑިއާއިން މިހާރު ވަނީ ދިވެހިން ހިމޭން އަޅުވެތި ކުރުމެއް ކޮށްފައި ކަމަށާއި ދިވެހިންނަށް ހޭލެވޭއިރު އޮންނާނީ ފިލްމު ނިމިފައި ކަމަށެވެ.

''ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓް، ރާޑަރުފަދަ އިންޑިއާގެ މިލިޓަރީ ހާޑުވެއާތަކަކީ ރާއްޖޭގެ މިނިވަންކަން އަތުލާ ދުވަހު ދިވެހިންނާ ދެކޮޅަށް ބޭނުންކުރާނެ ވަސީލަތްތައް. މިހާރު މިވަނީ ހިމޭން އަޅުވެތި ކުރުމެއްގައި. ދިވެހިންނަށް ހޭލެވޭއިރު އޮންނާނީ ފިލްމު ނިމިފައި.'' އުމަރު ވިދާޅުވިއެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ބޭތިއްބުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން 2010 ވަނަ އަހަރު ހެދި އެއްބަސްވުން އާ ނުކޮށް، މުއްދަތު ހަމަވުމުން ފޮނުވައިލުމަށް 2014 ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށް އުމަރު ނަސީރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ އޭނާވެސް ހިމެނޭ ގޮތަށް ރައީސް ޔާމީންގެ ސަރުކާރުގައި ވަޒީރުންގެ މަޖިލީހުން 2014 ވަނަ އަހަރުގެ ތެރޭގައި ރާއްޖެއިން އިންޑިއާ ސިފައިން ފޮނުވާލުމަށްޓަކައި އެއްބަސްވުން އާނުކުރުމަށް ނިންމައި، މުއްދަތު ހަމަވި ދުވަހު އިންޑިއާ ސިފައިން ރާއްޖެއިން ދިއުމަށް ރައީސް ޔާމީން އަމުރުކުރައްވާފައިވާ ކަމަށެވެ.

ނަމަވެސް މިސަރުކާރުން އެ އެއްބަސްވުން އާކޮށްދީ، އިންޑިއާގެ އިތުރު މިލިޓަރީ އެސެޓްތައް ރާއްޖެއަށް ގެނައުމަށް އެއްބަސްވެފައިވާ ކަމަށް އުމަރު ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟