ޝަހީދާ އަބްދުﷲ ސައީދު
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ފެނަކައާއި މިފްކޯއިން އެސްޓީއޯއަށް ދަރާފައިވާތީ، އެފައިސާ ހޯދަން ކޯޓަށް މައްސަލަ ވައްދާފައިވާ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ ''ފަލަ ސުރުޚީ''ގެ ރޭގެ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އަމްރު ވިދާޅުވީ ފާއިތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި މިފްކޯއާއި ފެނަކައިން ތެޔޮ ނެގުމަށްފަހު ފައިސާ ނުދޭ ކަމަށާއި އެކަމުގެ ސަބަބުން ހިންގުމަށް ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައިވާ ކަމަށެވެ.
އަމްރު ވިދާޅުވީ ތެޔޮ ގަތުމަށްފަހު ފެނަކައިން 685 މިލިއަން ރުފިޔާ ދޭންޖެހޭ ކަމަށެވެ. އަދި މިފްކޯއިންވެސް ގިނަ އަދަދެއްގެ ފައިސާ ދޭން ޖެހޭކަން އަމުރު ފާހަގަކުރެއްވިއެވެ. ނަމަވެސް މިފްކޯއިން ދޭންޖެހޭ ފައިސާގެ އަދަދެއް އަމްރު ވިދާޅެއް ނުވެއެވެ.
އަމުރު ވިދާޅުވީ ފެނަކައަށް ތެޔޮ ނުދީފިނަމަ ރަށްރަށުގައި ހުރި އިންޖީނުތައް ނުހިންގޭނެ ކަމަށާއި އަދި މިފްކޯއަށް ތެޔޮ ނުދީފިނަމަ މަސްވެރިން ބާނާ މަސް ނުގަނެވޭނެ ކަމަށެވެ. އެހެންކަމުން އެސްޓީއޯއިން މިހާރު ތެޔޮ ގަންނަނީ ލޯނު ނަގައިގެން ކަމަށް އަމްރު ވިދާޅުވިއެވެ.
އަމްރު ވިދާޅުވީ އެއިރު އެކަންކޮށްފައި ހުރީ މަތިން އޯޑަރު އައިސްގެން ކަމަށާއި އަދި މަޖިލިސް މެމްބަރުންގެ ވެސް ނުފޫޒާއެކު ކަމަށެވެ.