ވިޔަފާރި

"ގޯލްޑް 100"ގެ ގޯލްޑް ޕާޓްނަރަކަށް ދަ ހޯކްސް ހަމަޖައްސައިފި

"ގޯލްޑް 100" އެވޯޑުގެ ގޯލްޑް ޕާރޓްނަރަކަށް ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް ހަމަޖައްސައިފިއެވެ.

މޯލްޑިވްސް ގެޓަވޭސްގެ ފަރާތުން ދޭ "ގޯލްޑް 100" އެވޯޑަކީ ރާއްޖޭގެ ކުރިއަރާފައިވާ ވިޔަފާރި ކުންފުނިތައް ފާހަގަކޮށް ދޭ އެވޯޑެކެވެ.

އެ އެވޯޑުގެ ގޯލްޑް ޕާޓްނަރަކަށް ދަ ހޯކްސް ހަމަޖެއްސުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ދަ ހޯކްސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު ހުސައިން އަމަންއެވެ. އަދި މޯލްޑިވްސް ގެޓަވޭސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) ހުސައިން ސަނީ އުމަރެވެ.

ދަ ހޯކްސްއަކީ ރާއްޖޭގައި ތެޔޮ ފޯރުކޮށްދޭ ދިވެހި ކުންފުންޏެވެ. ދަ ހޯކްސް އިން ކަނޑު ދަތުރުފަތުރު ކުރާ އުޅަނދުތަކާއި ހޮޓެލް އޮޕަރޭޝަންތަކަށް ޑީސަލްއާއި ޕެޓްރޯލް ފޯރުކޮށްދެމުންދާތާ މިހާތަނަށް ދިހަ އަހަރަށް ވުރެ ދިގު މުއްދަތެއް ހޭދަކޮށްފައިވެއެވެ.

ގޯލްޑް 100ގެ ގޯލްޑް ޕާޓްނަރުންގެ ގޮތުގައި މީގެ ކުރިން އުރީދޫ މޯލްޑިވްސް އާއި އަލްޝާރީ މެރިން ހަމަޖައްސާފައިވާ އިރު، ޕްލެޓިނަމް ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ބޭންކް އޮފް މޯލްޑިވްސްއެވެ.

މިއަހަރުގެ "ގޯލްޑް 100" ހަފުލާ ބޭއްވުމަށް ހަމަޖައްސައިފައިވަނީ މިމަހުގެ 23 ވަނަ ދުވަހު ޕެރަޑައިސް އައިލެންޑް ރިސޯޓުގައެވެ.