ބޮލީވުޑްގެ މެގަސްޓަރ އަމީތާބް ބަޗަންގެ ކާފަ ދަރިފުޅު، އަގަސްތިޔާ ނަންދާ ވެސް ބޮލީވުޑަށް ނުކުންނަން އުޅޭ ކަމަށް ބުނެފި އެވެ.
އަމީތާބުގެ އަންހެން ދަރިފުޅު ޝުވެތާގެ 20 އަހަރުގެ އަގަސްތިޔާ ނަންދާ ބޮލީވުޑަށް ނުކުންނަން ހަމަޖެހިފައިވަނީ ޒޯޔާ އަހްތަރު ޑައިރެކްޓުކުރާ އާޗީ ކޮމިކްސް އަސްލަކަށް ބަލައިގެން އުފައްދާ ހިންދީ ފިލްމުންނެވެ. ޝާހްރުކް ހާންގެ އަންހެން ދަރިފުޅު ސުހާނާ ހާން އަދި ޝްރީދޭވީގެ ހަގު ދަރިފުޅު ޚުޝީ ކަޕޫރު ވެސް މިިފިލްމުން ތައާރަފު ވެގެންދާނެ ކަމަށް މީގެ ކުރިން ވަނީ މީޑިއާއިން ވަނީ ރިޕޯޓުކޮށްފަ އެވެ.
އެންމެފަހުގެ ހަބަރުތަކަށް ބަލާއިރު މިފިލްމުގައި ސުހާނާ ކުޅެން ހަމަޖެހިފައިވަނީ ބެޓީ ކޫޕާގެ ކެރެކްޓާކަމަށްވާއިރު، ހުޝީ ކުޅުމަށް ހަމަޖެހިފައިވަނީ ވެރޯނިކާ ލޮޖްގެ ކެރެކްޓާ ކަމަށްވެއެވެ. އަދި އަގަސްތިޔާ އަށް މިފިލްމުން ލިބިފައިވަނީ ލީޑު ކެރެކްޓާ ކަމަށްވާ އާޗީގެ ރޯލު ކަމަށް ބޮލީވުޑް ހަންގާމާ އިން ވަނީ ރިޕޯޓުކޮށްފައެވެ.
ޒޯޔާ އަހްތަރުގެ މިފިލްމަށް ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ކަމަށް ބޮލީވުޑްގެ ހަބަރުތައް ބުނެ އެވެ.
މި ފިލްމުގެ އިތުރުން ސަންޖޭ ކަޕޫރުގެ ދަރިފުޅު ޝަނާޔާ ކަޕޫރުވެސް ބޮލީވުޑަށް ނުކުންނަ ފިލްމުގެ މަސައްކަތް ފެށި ހަބަރު ފާހަގަކޮށްލެވެއެވެ. ކަރަން ޖޯހަރުގެ ދަރްމާ ޕްރޮޑަކްޝަންއިން ތައްޔާރުކުރާ ފިލްމު ''ދޯނޯ މިލޭ އިސް ތަރާ'' ގެ ޝޫޓިންތައް ޝަނާޔާ ފަށާފައިވާކަން އިއްޔެ ހާމަކޮށްފައިވާއިރު ޝަނާޔާގެ ބައްޕަ ސަންޖޭ ކަޕޫރުވެސް ވަނީ އެކަން ޔަގީންކޮށް ދަރިފުޅަށް މަރުހަބާ ކިޔާ ޕޯސްޓެއް ކޮށްފައެވެ.
މަޝްހޫރު ތަރިންގެ އާއިލާ މެމްބަރުންނަށް ބޮލީވުޑަށް ނުކުތުމުގެ ފުރުސަތު ފަހިކޮށްދޭ މައްސަލައިގައި އަބަދުވެސް ބޮލީވުޑަށް ފާޑިކިޔުންތައް ވަނީ އަމާޒުވަމުން އައިސްފައެވެ. ނަމަވެސް ނެޕޮޓިޒަމްގެ މައްސަލަ ބޮޑުވެފައިވީނަމަވެސް ބޮލީވުޑްގައި މިކަމަށް އެއްވެސް ހުއްޓުމެއް އައިސްފައެއް ނުވެއެވެ. ކާމިޔާބު ތަރިންގެ ދަރީން އިންޑަސްޓްރީއަށް ނުކުތުމުގައި ގުޅުން އޮންނަ ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުން އެހީވެދޭއިރު ބޮލީވުޑްގައި ފައިހަމަކޮށްލެވެނީ އޭގެ ތެރެއިން މަދު ބަޔަކަށް ކަން ފާހަގަކޮށްލެވެއެވެ.