ހަތެއް ފެބްރުއަރީ، ތާއަބަދަށް ދެމިއޮންނާނީ ފުލުހުންނަށް ތާއަބަދަށް ހިތާމަވެރި ދުވަހެއްގެ ގޮތުގައި ކަމަށް އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު (އެމްސީ ހަމީދު) ވިދާޅުވެއްޖެއެވެ.
ވީޓީވީ "ފަސްމަންޒަރު" ޕްރޮގްރާމުގައި މިރޭ ވާހަކަދައްކަވަމުން ހަމީދު ވިދާޅުވީ އެ ދުވަހު ކަންތައްތައް ހިނގައިގެން ދިޔައީ ފުލުހުން ކަންތައްތައް ކުރަންވާނެ ގޮތަކަށް ނޫން ކަމަށެވެ. އަދި އެ ދުވަހު ހިނގައިދިޔަ ކަންތައްތަކުން އިބުރަތް ލިބިގަންނަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑު ގަބޫލުކުރަނީ އެ ދުވަސް ތާއަބަދަށް ދެމިއޮންނާނީ ވަރަށް ހިތާމަވެރި ދުވަހެއްގެ ގޮތުގައި. ހަތެއް ފެބްރުއަރީ 2012ގައި ހިނގައިދިޔަ ކަންތައްތަކަކީ ހަގީގަތުގައި ފުލުހުންގެ މުއައްސަސާއަށް ނިސްބަތްވާ އެއްވެސް ފުލުހަކު ކަންތައް ކޮށްގެންވާނެ ގޮތަކަށް ނޫން،" އޭނާ ވިދާޅުވިއެވެ.
ހަމީދު ވިދާޅުވީ އެ ދުވަހު ވެރިކަން ބަދަލުވުމާއި އޭގެ ވަށައިގެން ހިނގައިދިޔަ ކަންތައްތައް ނޭޝަނަލް ކޮމިޝަން އޮފް އިންކުއަރީ އިން ބަލާފައިވާ ކަމަށާއި އެ ކޮމިޝަނުން ފުލުހުންގެ މުއައްސަސާއާ މެދު ބެލީ ކޮން ކަންތައްތަކެއްތޯ ބަލަން ޖެހޭނެ ކަމަށެވެ.
"އޭގެ ތެރެއިން ކޮންކޮން ކަންތައްތަކެއްތޯ ކުރިއަށް އަޅަން ޖެހޭނީ. އެފަދަ ގޮތަކަށް ފުލުހުންގެ މުއައްސަސާއިން އެއްވެސް މީހަކު އިންޑިވިޖުއަލީ އަދި މުޅި މުއައްސަސާއިން ވެސް ތަކުރާރު ނުކުރާނެ ގޮތަކަށް ކަންކަން ކުރުން. އަޅުގަނޑު ގަބޫލުކުރަނީ އެ ދުވަހު ފުލުހުންގެ ތެރެއިން މަދު ނަމަވެސް ފުލުހުންތަކެއް ކަންކުރި ގޮތް އެއީ އެންމެ ރަނގަޅު ގޮތެއް ނޫން،" އޭނާ ވިދާޅުވިއެވެ.
އެކްޓިން ސީޕީ ހަމީދު އިތުރަށް ވިދާޅުވީ އެ ދުވަހު ހިނގައިދިޔަ ކަންތައްތަކުގެ ތެރޭގައި ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓާ ހިލާފު އަދި ރާއްޖޭގައި އަމަލުކުރަމުންދާ ގާނޫނާ ހިލާފު އަމަލުތަކެއް ހިމެނޭ ކަމަށާއި އޭގެ ތެރެއިން ބައެއް ފުލުހުންނާ މެދު ކަމާބެހޭ މުއައްސަސާތަކުން ކަންކަން ބަލައި ފިޔަވަޅު ވެސް އަޅާފައިވާ ކަމަށެވެ.