މަހިންދާ ރާޖަޕަކްސަ ކަޕް

ސްރީ ލަންކާ 4-4 ރާއްޖެ (ފުލްޓައިމް)

10 Nov 03:38

މެޗުގެ އުސްއަލިތައް

  • މެޗުގެ ކުރީކޮޅުގައި ރާއްޖެއިން ފުލުފުލުގައި ދެ ގޯލު ޖެހި
  • ފުރަތަމަ ގޯލު ކެޕްޓަން އަކޫ ޖަހައިދިނީ ދަގަނޑޭގެ ހިތްގައިމު ހުރަހަކުން
  • އެ ގޯލަށް މިނެޓެއް ފަހުން ސެންޓޭ ރާއްޖެއަށް ލީޑު ފުޅާކޮށްދިން
  • ލަންކާއަށް ރަނގަޅު ހަމަލާއެއް ނުއުފެއްދިގެން އުޅެނިކޮށް ރާއްޖެއިން ތިންވަނަ ގޯލެއް ޖެހި
  • ރާއްޖޭގެ ތިންވަނަ ގޯލު ފޭދޫ އިއްބެ ޖެހީ ހުނަރިވެރި ކުޅުމަކާއެކު
  • ދެވަނަ ހާފުގެ ކުރީކޮޅުގައި ދަގަނޑޭގެ ބާރު ހަމަލާއެއް ސުޖަން މަތަކުރި
  • ދަގަނޑޭގެ ނުރައްކާ މެޗުގައި ދެންވެސް ފެނުނީ ބޮޑުކޮށް، ދެވަނަ ހާފުގެ ކުރީކޮޅުގައި ދަގަނޑޭ ގޯލުވެސް ޖެހި
  • ލަންކާ ޑިފެންޑަރު ނައްޓާލައި، ދަގަނޑޭ ގޯލަށް ބޯޅަ ވައްދާލީ ފަސޭހަކަމާއެކު
  • ރާއްޖެއިން ހަތަރު ގޯލުގެ ލީޑެއް ނަގައި މެޗުން ކޮންޓްރޯލު ހޯދި ނަމަވެސް ލަންކާއިން ދިޔައީ ގޯލަކަށް ބުރަކޮށް މަސައްކަތް ކުރަމުން
  • އޭގެ ނަތީޖާއެއްގެ ގޮތުން އެޓީމުން ވަނީ ރާއްޖެއަށް ނުރައްކާކޮށް، މެޗުގެ ނަތީޖާގެ ފަރަގު ކުޑަކޮށްފައި
  • ލަންކާއިން ފުލުފުލުގައި ތިން ގޯލު ޖެހި، އެ ތިން ގޯލުވެސް ޖެހީ ރަޒީކު
  • އެ ތިން ގޯލާއެކު ރާއްޖެއަށް ކޮންމެވެސް ވަރެއްގެ ޕްރެޝަރަކާ ކުރިމަތިލާން ޖެހުނު
  • ލަންކާއިން ޕޮއިންޓެއް ހޯދި ގޯލު މެޗުގެ ފަހު މިނެޓުގައި ޖެހީވެސް ރަޒީކް
  • އެ ގޯލާއެކު މެޗުގެ ނަތީޖާ 4-4 އިން އެއްވަރުކޮށް، ލަންކާއިން ރާއްޖެ މާޔޫސްކޮށްލި
10 Nov 03:37

މެޗުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 4-4ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެން.

10 Nov 03:34

'+90 - ލަންކާއިން ނަތީޖާ ހަމަހަމަކޮށްފި. ލަންކާގެ ހަތަރު ލަނޑުވެސް ކާމިޔާބުކޮށްދިނީ ވަސީމް ރަޒީކް. އޭނާ އެ ލަނޑު ކާމިޔާބުކޮށްދިނީ ޕެނަލްޓީ އޭރިއާ ތެރޭ ހުއްޓައި ކޯނަރެއްގެ ތެރެއިން ލިބުނު ބޯޅައަކުން.

10 Nov 03:31

ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ތިން މިނެޓުގެ ކުޅުން ދައްކައިފި.

10 Nov 03:29

'87 - ރާއްޖެއަށް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއިން ހަމްޕު ފޮނުވާލި ހަމަލާ، ލަންކާގެ ކީޕަރު ސުޖަން ކުރިއަށް ނުކުމެ ވަނީ މަތަކޮށްފައި.

10 Nov 03:22
10 Nov 03:21

'79 - ރާއްޖެއިން ބަދަލެއް. ފޭދޫ އިއްބެގެ ބަދަލުގައި ކުޅެން ނުކުތީ ހަމްޒާ މުހައްމަދު (ހަމްޕު).

10 Nov 03:19

'73 - ރާއްޖެއިން އަދި ލަންކާ އިން ވެސް ބަދަލުތަކެއް ގެނެސްފި. ރާއްޖެއިން ނިހާޓުގެ ބަދަލުގައި އިބްރާހިމް ވަހީދު ހަސަން (އިއްބެ) އަދި ސެންޓޭގެ ބަދަލުގައި ނާއިޒް ހަސަން (ދާދު) ވަނީ ކުޅެން އަރުވާފައި.

10 Nov 03:14

'72 - ލަންކާގެ ތިންވަނަ ލަނޑު، ވަސީމް ރަޒީކްގެ ހެޓްރިކެއް. ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅަ، އޭނާ ވަނީ ރާއްޖޭގެ ގޯލުގެ ތިރީ ކަނަކަށް އަމާޒުކޮށްލާފައި.

10 Nov 03:10

'68 - ލަންކާގެ އިތުރު ލަނޑެއް. ޑިލޮން ޑި ސިލްވާ ދިން ބޯޅައަކުން ލަންކާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން ވަސީމް ރަޒީކް. އޭނާ އެ ލަނޑު ވެސް ކާމިޔާބުކުރީ ރާއްޖޭގެ ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުން.

10 Nov 03:06

'64 - ސްރީ ލަންކާގެ ފުރަތަމަ ލަނޑު. ޕެނަލްޓީ އޭރިއާ ތެރެއިން ހުސްކޮށް ލިބުނު ބޯޅައަކުން ލަންކާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ވަސީމް ރަޒީކް.

10 Nov 03:03

'61 - ލަންކާގެ ހަމަލާއެއް. ކޯނަރެއްގެ ތެރެއިން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ޗަމޫދު ބޮލުން ފޮނުވާލި ހަމަލާ، ރާއްޖޭގެ ގޯލާ އަމާޒުވެފައެއް ނުވޭ.

10 Nov 03:00

'58 - ރާއްޖެއިން ހަތަރުވަނަ ލަނޑު ޖަހައިފި. ލަންކާގެ ދެ ކުޅުންތެރިއެއް ކައިރިން ނައްޓާލުމަށްފަހު ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ ރާއްޖެއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ދަގަނޑޭ. އޭނާ އެ ބޯޅަ ފޮނުވާލީ ލަންކާ ގޯލުގެ ތިރީ ކަނަކަށް.

10 Nov 02:52

'51 - ރާއްޖެއަށް ހުސް ފުރުސަތެއް. ފޭދޫ އިއްބެ ދިން ބޯޅައިން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ސެންޓޭ ފޮނުވާލި ހަމަލާ، ލަންކާގެ ގޯލާ އަމާޒުވެފައެއް ނުވޭ.

10 Nov 02:51

'49 - ދަގަނޑޭގެ އިތުރު ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ދަގަނޑޭ ފޮނުވާލި ހަމަލާ، ލަންކާގެ ގޯލާ އަމާޒުވެފައެއް ނުވޭ.

10 Nov 02:49

'47 - ދަގަނޑޭގެ ބާރު ހަމަލާއެއް. ދަގަނޑޭ ދުރުން ފޮނުވާލި ބާރު ހަމަލާ، ލަންކާގެ ކީޕަރު ސުޖަން ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.

10 Nov 02:47

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި.

10 Nov 02:42
10 Nov 02:32

ފުރަތަމަ ހާފުގެ އުސްއަލިތައް:

  • ރާއްޖެއިން މެޗު ފެށީ ރަނގަޅު ފޯމެއްގައި
  • މެޗުގެ ކުރީކޮޅުގައި ރާއްޖެއިން ފުލުފުލުގައި ދެ ގޯލު ޖެހި
  • ފުރަތަމަ ގޯލު ކެޕްޓަން އަކޫ ޖަހައިދިނީ ދަގަނޑޭގެ ހިތްގައިމު ހުރަހަކުން
  • އެ ގޯލަށް މިނެޓެއް ފަހުން ސެންޓޭ ރާއްޖެއަށް ލީޑު ފުޅާކޮށްދިން
  • ދެ ގޯލާއެކު ރާއްޖެއިން ހަމަޖެހިލިތަން ފެނުނު، އެވަގުތު ލަންކާއިން ކޮންމެވެސް ވަރަކަށް ނުރައްކާ ކުރި
  • ލަންކާއަށް ރަނގަޅު ހަމަލާއެއް ނުއުފެއްދިގެން އުޅެނިކޮށް ރާއްޖެއިން ތިންވަނަ ގޯލެއް ޖެހި
  • ރާއްޖޭގެ ތިންވަނަ ގޯލު ފޭދޫ އިއްބެ ޖެހީ ހުނަރުވެރި ކުޅުމަކާއެކު
10 Nov 02:31

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ 3-0ގެ ނަތީޖާއަކުން ރާއްޖެ ކުރީގައި އޮވެގެން.

10 Nov 02:28

ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި އެއް މިނެޓުގެ ކުޅުން ދައްކައިފި.

10 Nov 02:28

މިހާރު ލަންކާއިން އަންނަނީ ކުރިއަށް ޖެހި ރާއްޖޭގެ ގޯލަށް ނުރައްކާކުރުމަށް މަސައްކަތްކުރަމުން.

10 Nov 02:27

'43 - ލަންކާއަށް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއިން ޑިލޮން ޑި ސިލްވާ ފޮނުވާލި ހަމަލާ، ރާއްޖޭގެ ކީޕަރު ނާޖިހު ވަނީ މަތަކޮށްފައި.

10 Nov 02:25

'42 - ލަންކާ އިން ބަދަލެއް. މުހައްމަދު އަމާންގެ ބަދަލުގައި ކުޅެން ނުކުތީ އަސީކުރް ރަހުމާން.

10 Nov 02:23

'40 - ލަންކާއަށް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ޗަމޫދު ބޮލުން ފޮނުވާލި ހަމަލާ، ރާއްޖޭގެ ގޯލާ އަމާޒުވެފައެއް ނުވޭ.

10 Nov 02:17

'34 - ރާއްޖެއިން ތިން ލަނޑުގެ ލީޑެއް ހޯދައިފި. ލަންކާގެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު، ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ރާއްޖެއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ފޭދޫ އިއްބެ.

10 Nov 02:16

'33 - ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ފޭދޫ އިއްބެ ހަމަލާއެއް ފޮނުވާލުމުގެ ކުރިން ލަންކާގެ ޑިފެންޑަރު ޑަކްސަން ޓެކަލްކޮށް ހުރަސްއަޅައިފި.

10 Nov 02:13

'30 - ލަންކާގެ ޕެނަލްޓީ އޭރިއާ ތެރެއިން ސެންޓޭއަށް ހުސްކޮށް ބޯޅަ ލިބުނު ނަމަވެސް، އޭނާ ހުރީ އޮފްސައިޑް މަގާމެއްގައި.

10 Nov 02:12

'28 - ލަންކާގެ ޑިލޮން ޑި ސިލްވާގެ އިތުރު ހަމަލާއެއް. ރާއްޖޭގެ ޕެނަލްޓީ އޭރިއާ ތެރެއިން އޭނާ ފޮނުވާލި ހަމަލާގައި ބާރެއް ނެތް، ރާއްޖޭގެ ކީޕަރު ނާޖިހު ވަނީ ފަސޭހަކަމާއެކު އެ ބޯޅަ ހޯދާފައި.

10 Nov 02:09

'26 - ޕެނަލްޓީ އޭރިއާ ތެރެއިން ޑިލޮން ޑި ސިލްވާ ފޮނުވާލި ހަމަލާ، ރާއްޖޭގެ ޑިފެންޑަރުން ދިފާއުކޮށްފި.

10 Nov 02:08

'25 - ޑިލޮން ޑި ސިލްވާއަށް ކުރި ފައުލަކާ ގުޅިގެން ރާއްޖޭގެ ޑިފެންޑަރު ސަމުއްޓޭއަށް ރީނދޫ ކާޑެއް.

10 Nov 02:08

'24 - ލަންކާއަށް ހުސް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއިން ވަސީމް ރަޒީކް ފޮނުވާލި ހަމަލާ، ހައިޝަމް ވަނީ ބްލޮކްކޮށްފައި.

10 Nov 02:01

'17 - ލަންކާގެ ފުރަތަމަ ހަމަލާ. ޕެނަލްޓީ އޭރިއާ ބޭރުން ފަސަލް ފޮނުވާލި ހަމަލާ، ރާއްޖޭގެ ގޯލާ އަމާޒުވެފައެއް ނުވޭ.

10 Nov 01:57

ދެ ލަނޑަށްފަހު ވެސް ރަނގަޅު ކުޅުމެއް ދައްކަމުންދަނީ ރާއްޖެއިން. ރާއްޖޭގެ ފަރާތުން ފެންނަނީ ވަރަށް އެޓޭކިން ކުޅުމެއް.

10 Nov 01:53

'9 - ރާއްޖެއިން ލީޑު ފުޅާކޮށްފި. ކުރޯ ދިން ބޯޅަ ހިފައިގެން ވަރަށް ހުސްކޮށް ހުރެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ރާއްޖެއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ސެންޓޭ.

10 Nov 01:51

'8 - ރާއްޖެއިން ލީޑު ހޯދައިފި. ދަގަނޑޭ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން ރާއްޖެއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ކެޕްޓަން އަކޫ.

10 Nov 01:50

'7 - ރާއްޖޭގެ ހަމަލާއެއް. ދަގަނޑޭ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޭދޫ އިއްބެ ފޮނުވާލި ބާރު ހަމަލާ، ކީޕަރު ސުޖަން ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.

10 Nov 01:48

މެޗުގެ ފުރަތަމަ ފަސް މިނެޓުގެ ތެރޭގައި ރާއްޖެއަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވޭ. ރަނގަޅަށް ބޯޅަ ހިފެހެއްޓޭ ގޮތް ވަނީ ނުވެފައި.

10 Nov 01:47

'4 - އުމައިރު ދިން ބޯޅަަ، ސެންޓޭއަށް ލިބުމުގެ ކުރިން ލަންކާގެ ކީޕަރު ސުޖަން ކުރިއަށް ނުކުމެ ދިފާއުކޮށްފި.

10 Nov 01:45

'3 - ކުރޯއަށް ލަންކާގެ އިޝާން ކުރި ފައުލަކާ ގުޅިގެން އަމިއްލަ ހާފުގެ ތެރެއިން ރާއްޖެއަށް ހިލޭ ޖެހުމެއް.

10 Nov 01:44

'2 - އިޝާން ދިން ބޯޅަ، ރާއްޖޭގެ ޕެނަލްޓީ އޭރިއާ ތެރެއިން ނުރައްކާވުމުގެ ކުރިން އަކޫ އެ ބޯޅަ ހޯދައިފި.

10 Nov 01:43

މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ރާއްޖެއިން.

10 Nov 01:39

މެޗުގައި ރާއްޖޭގެ ޓީމަށް ސަޕޯޓުކުރުމަށް ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހި ރައްޔިތުން ވަނީ ދަނޑަށް ވަދެފައި.

10 Nov 01:35

މި މެޗަށް ނެރުނު ފުރަތަމަ 11ގައި ބަދަލުތަކެއް ފާހަގަކުރެވޭ. ރާއްޖޭގެ އެއް ނަންބަރު ގޯލްކީޕަރު މުހައްމަދު ފައިސަލް އަނިޔާގައި ހުރުމުން މި މެޗުގައި ރާއްޖޭގެ ގޯލު ބަލަހައްޓާނީ އަލީ ނާޖިހު. މިއީ ފުރަތަމަ 11 ގައި ނާޖިހު ކުޅޭ ފުރަތަމަ މެޗު. އޭގެ އިތުރުން ހަމްޒާ މުހައްމަދު (ހަމްޕު)ގެ ބަދަލުގައި ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު އުމައިރަށް ފުރަތަމަ 11 އިން ވަނީ ފުރުސަތު ދީފައި.

10 Nov 01:32

މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނަކީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު. ރައީސްގެ އިތުރުން ރާއްޖޭގެ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފާއި ލަންކާގެ ކުޅިވަރާ ބެހޭ ވަޒީރު ނަމާލް ރާޖަޕަކްސަ ވެސް މެޗު ބައްލަވައިލެއްވުމަށް ވަނީ ދަނޑަށް ވަޑައިގެންފައި.

މަހިންދަ ރާޖަޕަކްސާ ޓްރޮފީ ފޯ ނޭޝަންސް ކަޕުގެ ފުރަތަމަ މެޗުގައި ރާއްޖެއާއި ސްރީ ލަންކާ ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!

ފޯ ނޭޝަންސް ކަޕު އިއްޔެ ފަށަން އޮތް ނަމަވެސް، އިއްޔެ ކުޅެން އޮތް ދެ މެޗު، ލައްކާއަށް މޫސުން ގޯސްވުމުގެ ސަބަބުން މިއަދަށް ފަސްކުރި. ކުރިން އޮތް ގޮތުން ރާއްޖެ މެޗު އޮތީ މިރޭ ކުޅޭ ގޮތަށް ނަމަވެސް، އެ މެޗު ހަވީރަށް ބަދަލުކޮށް، ފެށުމުގެ ރަސްމިއްޔާތުވެސް މިއަދު ހަވީރަށް ބަދަލުކުރި. ފޯ ނޭޝަންސް ކަޕް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް ހަމަޖެހިފައި އޮތީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު. އެ ރަސްމިއްޔާތަށް ރައީސް ވަނީ އިއްޔެ ލަންކާއަށް ވަޑައިގެންފައި.

ރާއްޖެއާއި ލަންކާގެ އިތުރުން ދެން ފޯ ނޭޝަންސް ކަޕްގައި ވާދަކުރާނީ ބަންގުލަދޭޝްއާއި ސީޝެލްސް.

ލަންކާއާއި ދިވެހި ރާއްޖޭގެ ފުޓުބޯޅަ ތާރީހަށް ނަޒަރެއް

ލަންކާއާއި ރާއްޖެ މީގެ ކުރިން 20 މެޗެއްގައި ކުރިމަތިލާފައިވޭ. އޭގެ ތެރެއިން ލަންކާއަށް ރާއްޖެ ބަލިކުރެވުނީ ތިން މެޗެއްގައި. ނުވަ މެޗު އެއްވަރުވެގެން ނިމުނު އިރު، ރާއްޖެއިން ވަނީ އަށް މެޗެއްގައި ލަންކާ ބަލިކޮށްފައި. އެންމެފަހުން ލަންކާއަށް ރާއްޖެ ބަލިކުރެވުނީ 2002 ވަނަ އަހަރު ކުޅުނު އެކުވެރިކަމުގެ މެޗެއްގައި. އޭގެ ފަހުން ލަންކާއާ ދެކޮޅަށް ރާއްޖެއިން ކުޅުނު ދިހަ ފަހަރުވެސް، ލަންކާއަށް މޮޅުވެވިފައެއް ނުވޭ. ރާއްޖެއިން އެންމެފަހުން ލަންކާއާ ދެކޮޅަށް ކުޅުނީ ރާއްޖޭގައި މިއަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި. އެ މެޗު 1-0 އިން ކާމިޔާބު ކުރީ ރާއްޖެ. މެޗުގެ ހަމައެކަނި ގޯލު ޖެހީ އަލީ އަޝްފާގު (ދަގަނޑޭ).

މެޗަށް ނުކުންނަ ރާއްޖޭގެ ފުރަތަމަ 11:

  • އަލީ ނާޖިހު - ގޯލްކީޕަރު
  • ސަމޫހު އަލީ (ސަމުއްޓޭ)
  • ހުސައިން ސިފާއު ޔޫސުފް (ކުރޯ)
  • މުހައްމަދު އުމައިރު
  • އަލީ އަޝްފާގު (ދަގަނޑޭ)
  • އިބްރާހިމް އައިސަމް
  • އަލީ ފާސިރު (ސެންޓޭ)
  • އަކްރަމް އަބްދުލްޤަނީ (އަކޫ) - ކެޕްޓަން
  • ހައިޝަމް ހަސަން (ބިޑި)
  • އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ)
  • ހުސައިން ނިހާން (ނިހާޓު)

މެޗަށް ނުކުންނަ ލަންކާގެ ފުރަތަމަ 11:

  • ސުޖަން ޕެރޭރާ - ކެޕްޓަން / ގޯލްކީޕަރު
  • ޑަކްސަން ޕުސްލަސް
  • ޗަމޯދް ދިލްޝަން
  • ޗަރިތާ ރަތުނަޔަކެ
  • ކަވިންދޫ އިޝާން
  • ޑިލޮން ޑެ ސިލްވާ
  • ޗަލަނާ ޗަމީރާ
  • އަހުމަދު ވަސީމް ރަޒީކް
  • މުހައްމަދު ފަސަލް
  • ހެމިލްޓަން އޮމޮލޭ މާވިން
  • މުހައްމަދު އަމަން