އިލެކްޝަންސް ކޮމިޝަން

ޑީއޯ ސައްޕެ ސިޔާސީ ޕާޓީއެއް އުފައްދަން ހުއްދައަށް އެދިއްޖެ

ޝަހީދާ އަބްދުﷲ ސައީދު

އަހުމަދު ޝަފީގު މޫސާ (ޑީއޯ ސައްޕެ) ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދައަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރު އަހުމަދު އަކުރަމު ''ވަންއޮންލައިން'' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ''ދަރުމަވަންތަ ޕާޓީ'' ގެ ނަމުގައި ޕާޓީއެއް އުފައްދަން ހުއްދައަށް އެދި ޝަފީގު ހުށަހަޅައިފައިވަނީ މިއަދު ކަމަށެވެ.

އެމްޑީޕީ އުފެއްދުމަށް މަސައްކަތް ކުރައްވާފައިވާ ސައްޕެ ބައެއް މީޑިއާތަކަށް މައުލޫމާތުދެއްވަމުން ވިދާޅުވެފައިވަނީ ދަރުމަވަންތަ ޕާޓީން އަމާޒު ހިފާނީ 2023 ގައި ވެރިކަމަށް އައުމަށް ކަމަށެވެ. އަދި އޭނާ ޕާޓީއެއް އުފައްދަން ހުއްދައަށް އެދުނީ ރާއްޖޭގައި ރަނގަޅަށް ހިންގާ ސިޔާސީ ޕާޓީއެއް ނެތުމާއި އަދި ރަނގަޅު ސިޔާސީ ލީޑަރަކުވެސް ނެތުމުން ކަމަށް ސައްޕެ ވިދާޅުވެފައި ވެއެވެ.

އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި މާމިގިލީ ދާއިރާއަށް ވާދަކުރައްވަން އީސީއަށް ފޯމުތައް ހުށަހެޅިއިރު އެމްޑީޕީގެ ދަފްތަރުގައި ސައްޕެގެ ނަމެއް ނެތެވެ. އެހެންކަމުން ސައްޕެގެ ފޯމު އީސީން ބަލައިގެންފައެއް ނުވެއެވެ. ނަމަވެސް އަމިއްލަގޮތުން ސައްޕެ މާމިގިލީ ދާއިރާއަށް ވާދަކުރައްވާނެ ކަމަށް ވިދާޅުވެފައި ވެއެވެ.

ސައްޕެ ވިދާޅުވި ގޮތުގައި އެމްޑީޕީގެ މަގާމުތައް ބަހާފައިވަނީ ހަރުމުދާގަނޑެއްގެ ގޮތުގައެވެ. އަދި މުޅި ޕާޓީ އޮތީ އެކެއްގެ ފަހަތުގައި ކަމަށް ވިދާޅުވެ ސައްޕެ ވަނީ އެމްޑީޕީގެ ލީޑާޝިޕަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.