ރިޔާސީ އިންތިހާބު

ވޯޓު ފޮށިތަކުގެ ނަތީޖާތައް އިއުލާންކޮށްފި

ނިމިދިޔަ ރިޔާސީ އިންތިހާބުގެ ވޯޓު ފޮށިތަކުގެ ނަތީޖާތައް އިއުލާންކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރަސްމީ ވެބްސައިޓުގައި މިހާރު ވަނީ އިންތިހާބުގެ ވޯޓު ފޮށިތަކުގެ ނަތީޖާ ޝާޓް އާންމުކޮށްފައެވެ.

ނިމިގެންދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްއާ ވާދަކޮށް، ކާމިޔާބީ ހޯއްދެވީ އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އެވެ. އިންތިހާބުގައި 58.4 އިންސައިގެ ވޯޓު އިބޫ ހޯއްދެވި އިރު، ރައީސް ޔާމީނަށް ލިބިވަޑައިގެންނެވީ 41.6 އިންސައްތައިގެ ވޯޓެވެ.

މިފަހަރުގެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ 262،135 މީހުންގެ ތެރެއިން 233،889 މީހުން ވަނީ ވޯޓުލައިފައެވެ. ބާތިލްވެފައިވަނީ 3132 ވޯޓެވެ. އިންތިހާބުގައި އިބޫއަށް 134،704 ވޯޓު ލިބިވަޑައިގެންނެވި އިރު، ރައީސް ޔާމީނަށް ލިބިވަޑައިގެންނެވީ 96،052 ވޯޓެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާންކުރުމާއެކު ރައީސް ޔާމީން ވަނީ ބަލި ގަބޫލުކުރައްވައިފައެވެ. ނަމަވެސް ދާއިމީ ނަތީޖާ އިއުލާންކުރުމަށްފަހު ޕީޕީއެމް އިން ގެންދަނީ އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނަށް ބޮޑެތި ތުހުމަތުތަކެއްކޮށް، ވޯޓު އޮޅުވާލާފައިވާ ކަމަށް ބުނަމުންނެވެ.