ފެނަކަ ކޯޕަރޭޝަން

400 ކިލޯވޮޓްގެ ޖަނަރޭޓަރެއް ލިބިއްޖެ، ކަރަންޓްގެ މައްސަލަ މިރޭ ހައްލުވާނެ: ހުޅުދުއްފާރު ކައުންސިލް

ޝަހީދާ އަބްދުﷲ ސައީދު

ރ. ހުޅުދުއްފާރަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ މިރޭ ހައްލުވާނެ ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

ހުޅުދުއްފާރު ކައުންސިލުގެ ރައީސް މުހައްމަދު އިބްރާހީމް ''ވަންއޮންލައިން'' އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ ރަށަށް ކަރަންޓް ދެމުންދިޔަ ދެ ޖަނަރޭޓަރުގެ ތެރެއިން އެއް ޖަނަރޭޓަރު ހަލާކުވެގެން އިއްޔެ 400 ކިލޯވޮޓްގެ ޖަނަރޭޓަރެއް ގެނެސް، އެ ޖަނަރޭޓަރު ބެހެއްޓުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ.

އަދި މިރޭގެ ވަގުތެއްގައި ކަރަންޓް ދެވޭނެ ކަމަށް ގަބޫލުކުރައްވާކަމަށް މުހައްމަދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވިގޮތުގައި 400 ކިލޯވޮޓްގެ ޖަނަރޭޓަރެއް ލިބުމުން ރަށަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ވަރަށް ބޮޑަށް ހައްލުވެގެންދާނެއެވެ.

މުހައްމަދު ވިދާޅުވީ ފާއިތުވި ހަ މަސްދުވަހު ރަށަށް ކަރަންޓް ދެމުން ދިޔައީ 250 ކިލޯވޮޓްގެ ޖަނަރޭޓަރަކާއި 120 ކިލޯ ވޮޓްގެ ޖަނަރޭޓަރަކުން ކަމަށެވެ.

އޭގެ ތެރެއިން 250 ކިލޯވޮޓްގެ ޖަނަރޭޓަރަށް މައްސަލަ ދިމާވެގެން، ދޭތެރެ ދޭތެރެއިން ރަށުން ކަރަންޓް ކެނޑެމުން ދިޔައިރު ރަށަށް ކަރަންޓް ދެމުންދިޔައީ 120 ކިލޯވޮޓްގެ ޖަނަރޭޓަރަކުން ކަމަށާއި މިއީ ރަށަށް ބޭނުންވާ ވަރަށް ކަރަންޓު ދޫކުރެވޭ ވަރުގެ ޖަނަރޭޓަރެއް ނޫން ކަމަށް މުހައްމަދު ވިދާޅުވިއެވެ.

އެގޮތުން މިދިޔަ ހުކުރު ވިލޭރޭ ކަރަންޓް ލިބިފައިވަނީ ބާރަ ޖަހަންދެން ކަމަށާއި އަދި ހޮނިހިރު ދުވަހު، ދުވާލު ގަޑީގައި ކަރަންޓް ކެނޑުނު އިރު، އިއްޔެ ރަސްމީ ގަޑީގައި އެއްވެސް ވަރަކަށް ކަރަންޓް ލިބިފައި ނުވާކަމަށް މުހައްމަދު ވިދާޅުވިއެވެ.

ރ. ހުޅުދުއްފާރަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން މީހުން އާބާދުކުރި ރަށެެކެވެ.

ހުޅުދުއްފާރުގެ އާބާދީގައި 1530 މީހުން ތިބިއިރު، އެރަށުގައި މިހާރު ދިރިއުޅެމުންދަނީ ރ. ގާއުނޑޫދޫ އާއި ރ. އުނގުލު މީހުންނެވެ. ހުޅުދުއްފާރުގައި މީހުން އާބާދުކޮށް، މީހުން ދިރިއުޅެންފެށިކަން ސަރުކާރުން ރަސްމީކޮށް އިއުލާންކޮށްފައިވަނީ 13 މާޗް 1995 ގައެވެ.

ހުޅުދުއްފާރުގެ އާބާދީ އާއި ތަރައްގީއަށް ބަލާއިރު މިހާރު އެ ރަށަކީ އަތޮޅުގެ އެހެން ރަށްތަކާ އެއް ހަމައެއްގައި ގުނާލެވޭ ރަށެކެވެ.