ހައުސިން މިނިސްޓްރީ

އޭސީސީގެ އެންގުމާ ހިލާފަށް ހައުސިން މިނިސްޓްރީން ގޯތި ފޯމް ދޫކުރަން ފަށައިފި

ހުޅުމާލެ ދެވަނަ ފިޔަވަހިން ގޯތި ވިއްކުން ހުއްޓާލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގާފައި ވަނިކޮށް، ހައުސިން މިނިސްޓްރީން ގޯއްޗަށް ކުރިމަތިލުމުގެ ފޯމު ދޫކުރަން ފަށައިފިއެވެ.

އޭސީސީގެ ނައިބު ރައީސް މުއައްވިޒް ރަޝީދު ސޮއިކުރައްވައި ހައުސިން މިނިސްޓަރު ޑ. މުހައްމަދު މުއިއްޒަށް ފޮނުއްވި ސިޓީގައި އަންގަވާފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހިން 400 ގޯތި ދޫކުރުމަށް ނިންމާފައިވާ ނިންމުން ވަގުތީގޮތުން މެދުކަނޑާލުމަށެވެ.

އޭސީސީން ވަކި އެއްޗެއް އަންގަންދެން ގޯތި ވިއްކުމުގެ މަސައްކަތްތައް ވަގުތީ ގޮތުން މެދުކަނޑާލަން އޭސީސީން އެންގި ނަމަވެސް، ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވި ގޮތަށް މިއަދު ހަވީރު 4:30ގައި ވަނީ ފޯމު ދޫކުރަން ފަށައިފައެވެ.

ހައުސިން މިނިސްޓަރު މުއިއްޒަށް އޭސީސީގެ ނައިބު ރައީސް ފޮނުއްވި ސިޓީގައި ވަނީ ގޯތި ދޫކުރުމަށް ނިންމައި، ހައުސިން މިނިސްޓްރީން ހުޅުވާލި ފުރުސަތާ ގުޅިގެން އެ ކޮމިޝަނަށް ހުށަހެޅުނު ޝަކުވާތައް ބެލިބެލުމުގައި ގާނޫނީ ގޮތުން ސުވާލު އުފެދޭ ކަންތައްތަކެއް ހުރުމާއި، އަދި ކޮރަޕްޝަނަށް މަހުފަހުވާ ފަދަ ކަންތައްތަކެއް ތުހުމަތު ކުރެވިފައިވާތީ އޭސީސީން އެ މައްސަލަ ބެލުމަށް ނިންމާފައިވާ ކަމަށެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ މާލޭގެ ރައްޔިތުންގެ ތެރެއިން ގެދޮރުގެ ދަތިކަން އެންމެ ބޮޑަށް ދިމާވެފައިވާ މީހުންނަށް އެ ގޯތިތައް ދޫކުރާނީ 400،000 ރުފިޔާއަށް ބިމެއް ކަމަށާއި ޑައުން ޕޭމަންޓުގެ ގޮތުގައި 25،000 ރުފިޔާ ދެއްކުމަށްފަހު ބަކީ ފައިސާ ދިހަ އަހަރު ތެރޭ ކޮންމެ މަހަކު ދައްކާ ހަލާސް ކުރެވޭނެ ކަމަށެވެ. އަދި ބޭނުންވާ ފަރާތްތަކަށް އެއް ފަހަރާ ފައިސާ ދެއްކުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ގޯއްޗަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި 18 އަހަރުވެފައިވާ މާލޭގެ ރައްޔިތަކަށްވުން ނުވަތަ ދަފްތަރުގައި ޖެހިފައިވުމާއި ކައިވެންޏެއް ކޮށްގެން އުޅުމާއި 600 އަކަފޫޓުގެ ގޯއްޗެއް ނުވަތަ ފްލެޓެއް ނެތް މީހަކަށްވުން އަދި ސަރުކާރުގެ ބޯހިޔާވެހިކަމުގެ އެއްވެސް މަޝްރޫއަކުން ބޯހިޔާވެރިކަމެއް ލިބިފައި ނެތް މީހަކަށްވުން ހިމެނެއެވެ.

މި ސަރުކާރުން ގޯތި ވިއްކުމަށް ނިންމާފައި މިވަނީ ދައުލަތުގެ ބިންތައް ނުވިއްކުމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގޮވާލައްވަމުން ގެންދަވަނިކޮށެވެ.