ދިރާގަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބުނު 905 މިލިއަން ރުފިޔާ ހިއްސާދާރުންނަށް ބަހަން އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިފި އެވެ.
ދިރާގުން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ ކުންފުނީގެ ސާފު ފައިދާގެ 100 ޕަސެންޓް، ހިއްސާއަކަށް 11.91 ރުފިޔާއިން ދޫކުރަން، އަހަރީ އާންމު ޖަލްސާގައި ފާސްކުރަން ހުށަހެޅުމަށް ވަނީ ނިންމާފައި ކަމަށެވެ.
ދިރާގުން ބުނީ އެކުންފުނީގެ ހިއްސާގެ ފައިދާ ބަހާފައިވަނީ ދެ ބަޔަކަށް ކަމަށެވެ. އެގޮތުން އިންޓެރިމް ޑިވިޑެންޓުގެ ގޮތުގައި 452 452،960،000 ރުފިޔާ ވަނީ ކަނޑައަޅައިފައެވެ. އެ ފައިސާއިން ހިއްސާއަކަށް 5.96 ރުފިޔާ ބަހަން ނިންމަން ހުށަހަޅާނެ ކަމަށް ދިރާގުން ބުންޏެވެ.
ދެވަނަ ބަޔަކީ ފައިނަލް ޑިވިޑެންޓް ގޮތުގައި ލިބިފައިވާ 452،200،000 ރުފިޔާއެވެ. އެފައިސާއިން ހިއްސާއަކަށް 5.95 ރުފިޔާ ބެހުމަށް އާންމު ޖަލްސާގައި ހުށަހަޅާނެ ކަމަށް ދިރާގުން ވަނީ ބުނެފައެވެ.
ދިރާގުން ބުނީ މިދިޔަ އަހަރުގެ ފައިނަލް ޑިވިޑެންޑްގެ ގޮތުގައި އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުން ކަނޑައަޅާ ފައިދާ ބަހާނީ ކުންފުނީގެ ކުރިއަށް އޮތް އަހަރީ އާންމު ޖަލްސާ އިއުލާނުކުރާ 'ބުކް ކްލޯޝަރ ޑޭޓް'ގައި ކުންފުނީގެ ރަޖިސްޓްރީގައިވާ ހިއްސާދާރުން ގެ މެދުގައި ކަމަށެވެ.
ދިރާގަށް 2017 ވަނަ އަހަރު ފައިދާގެ ގޮތުގައި 897.6 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ.