އިލެކްޝަންސް ކޮމިޝަން

މަޖިލިސް އިންތިހާބަށް ބޭނުންވާ 4500 އޮފިޝަލުން ހޯދަން ވަނީ ދަތިވެފައި: އިލެކްޝަންސް

އިބްރާހިމް ޒަކީ

އަންނަ އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކަންކަމަށް 4500 އޮފިޝަލުން ބޭނުންވާ ކަމަށާއި، އެ އޮފިޝަލުން ހޯދުމަށް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަދި ތަރުޖަމާނު އަހުމަދު އަކުރަމް "ވަން އޮންލައިން"އަށް ވިދާޅުވީ އިންތިހާބުގެ އޮފިޝަލުން ހޯދުމަށް ދިމާވެފައިވާ ދަތިކަމަށް ސިޔާސީ ޕާޓީތަކުގެ އެހީތެރިކަން ބޭނުންވާތީ އިލެކްޝަންސް ކޮމިޝަނުން އިއްޔެ ޕާޓީތަކާ ބައްދަލުކޮށް މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

އަދި އެކަމަށް އެހީތެރިވުމަށް ހުރިހާ ޕާޓީތަކުން އެއްބަސް ވެފައިވާ ކަމަށްވެސް އަކުރަމް ވިދާޅުވި އެވެ.

"އެކަމަށް އެހީތެރިވެދިނުމާ ބެހޭގޮތުން ސިޔާސީ ޕާޓީތަކާ މަޝްވަރާކުރީ، ހުރިހާ ޕާޓީއަކުންވެސް އެހީތެރިވެދިނުމަށް ވަނީ އެއްްބަސްވެފަ،" އަކުރަމް ވިދާޅުވި އެވެ.

އަކުރަމް ވިދާޅުވީ، އޮފިޝަލުން ހޯދުމަށް ދެފަހަރު އިއުލާންކޮށްގެންވެސް ލިބުނީ ވަރަށް މަދު ބައެއް ކަމަށެވެ.

އަދި އޮފިޝަލުން ހޯދުމަށް މިހާރުވެސް ހުޅުވައިލައިފައިވާ ކަމަށާއި، އެކަމަށް ހައްލެއް ހޯދުމަށް ސިވިލްސާވިސް ކޮމިޝަނާއި، ދައުލަތުގެ ކުންފުނިތަކުގެ އެހީތެރިކަން ހޯދަން އިލެކްޝަނުން ނިންމާފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އަކުރަމް ވިދާޅުވީ މިފަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އޮފިޝަލުން ހޯދަން ދަތިވެގެން އުޅެނީ، ވޭތުވެދިޔަ ރިޔާސީ އިންތިހާބުގައި، އޮފިޝަލުންގެ ގޮތުގައި މަސައްކަތްކުރި މީހުންނަށް ސިޔާސީ ޕާޓީއަކުން ބިރުަދައްކައި ބަޔާންތައް ނެގުން ފަދަ ކަންކަން ކުރުމުން ކަމަށް ބައެއް މީހުން ބުނާ ކަމަށެވެ.

"އޮފިޝަލުން ހޯދުމަށް ދަތިވެގެން މިއުޅެނީ، ބައެއްފަރާތްތަކުން ބުނަނީ ވޭތިވެދިޔަ އިންތިހާބުގައި ސިޔާސީ ޕާޓީއަކުން އެމީހުންނަށް ބިރުދައްކައި ބަޔާންތައް ނެގުންފަދަ ކަންކަން ކުރުމުން ބިރުން ކަމަށް،" އަކުރަމް ވިދާޅުވި އެވެ.