ގާސިމް އިބްރާހިމް

ބަރުލަމާނީ ނިޒާމެއް ނުގެނެވޭނެ، އެއީ އަރުވާ އަޑެއް: ގާސިމް

ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ނުގެނެވޭނެ ކަމަށާއި އެއީ އަރުވާ އަޑެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޖޭޕީން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ބަރުލަމާނީ ނިޒާމެއްގައި ރައީސްއެއް ހުރުމަކީ ޑަބަލް ހަރަދު ކަމަށާއި އެއީ ހުންނަ ނަން ބޯޑެއް ކަމަށެވެ. އަދި އެ ނިޒާމުގައި ގައުމު ހިންގަން ޖެހެނީ ބޮޑުވަޒީރުކަން ވެސް ގާސިމް ފާހަގަކުރެއްވިއެވެ.

"ރައީސްގެ ނެތް ޒިންމާއެއް، ރައްޔިތުންނާ ހަމައަށް ދާކަށް ބޭނުމެއް ނުވޭ. އެއް ރަށުން ނުވަތަ ދެ ރަށުން ކުޑަކުޑަ ދާއިރާއަކުން، ނުވަތަ މާލޭގައި ވިއްޔާ ކުޑަކުޑަ ތަންކޮޅަކުން ހޮވޭ ބޭފުޅަކަށް ވާނީ 3000، 4000 މީހުން ތިބި ޕޮޕިއުލޭޝަނަކުން އަންނަ މީހާ ޕާޓީގެ ފަރާތުން އޭނާއަށް ޕްރައިމް މިނިސްޓަރަކަށް ހަދަން ނިންމިއްޖެއްޔާ އެއޮތީ ޕްރައިމް މިނިސްޓަރު. އެހެންވީމާ އޭނާ ނުޖެހޭ ކޮންމެހެން ރައްޔިތުން އުޅޭ ހާލެއް ބަލާކަށް ވެސް. އެއް އުސޫލަކުން ބަލާއިރު ތާކުން ތާކުން ނުޖެހޭ ކަމެއް ކަމަކީ. އެހެންވީމާ އަނެއް ކޮޅުން ކިހިނެއްތޯ އެކަން ކުރެވޭނީ ވެސް. އެކަން ނުވެސް ކުރެވޭނެ. އެއީ ހަމަ އަޑެއް އަރުވަނީ،" އޭނާ ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ޖޭޕީން ބޭނުންވަނީ ރާއްޖޭގައި ރިޔާސީ ނިޒާމެއް އޮންނަން ކަމަށާއި ޖުމްހޫރީ ނިޒާމަކުން ބަރުލަމާނީ ނިޒާމަކަށް ދިޔައީމާ އެއްވެސް ފައިދާއެއް ނެތްކަން އެނގޭ ކަމަށެވެ.

"މަޖިލިސް ތެރެއިން މިނިސްޓަރުން ޒިންމާދާރުކުރުވަން މިހާރު ވެސް ނުކުޅެދިފައި މިވަނީ. އެއް ޕާޓީއަކަށް މުޅި ޕާލަމަންޓުގެ އަގުލަބިއްޔަތު ލިބިގެން ދިޔައީމާ ކަންތައްތައް ވެގެންދާ ގޮތް އަޅުގަނޑުމެން އިހަށް ދުވަހު މިވަނީ ދެކެފައި،" އޭނާ ވިދާޅުވިއެވެ.