މުނިފޫހިފިލުވުން

ޒެއިން މާލިކާއި ޖީޖީގެ ގުޅުން ނިމުމަކަށް، މައްސަލައަކީ ޖީޖީގެ މަންމަ

ސުޕަމޮޑެލް ޖީޖީ ހަދީދު އަދި ކުރީގެ ވަން ޑައިރެކްޝަން ލަވަކިޔުންތެރިޔާ ޒައިން މާލިކު ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ރުޅިވެއްޖެއެވެ.

މި ދެތަރިން މީގެކުރިންވެސް ރުޅިވެގެން އުޅުމަށްފަހު އަލުން ގުޅި ދުވަސްތައް އެކުގައި ހޭދަކުރަމުން އައިސްފައިވާއިރު ދެމީހުންނަށް ވަނީ ދަރިޔަކުވެސް ލިބިފަ އެވެ.

މިފަހަރު ދެމީހުންގެ ވަކިވުމުގެ ފަހަތުގައިވަނީ ޖީޖީގެ މަންމަ އާއި ޒައިން އާ ޖެހުނު މައްސަލަގަނޑެއް ކަމުގައި ހަބަރުތައް ބުނެއެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ޒައިން އާއި ޖީޖީގެ މަންމަ ޔޮލޭންޑާ އާ ދެމެދު ހިނގި އަރައިރުމެއްގައި ޒައިން ވަނީ ޔޮލޭންޑާގެ ގައިގައި ޖަހައިފައެވެ.

ޓީއެމްޒީން ނެރުނު ރިޕޯޓެއްގައި ޔޮލޭންޑާގެ ގައިގައި ޖަހާފައިވާ ކަމަށް އޭނާ ބުނެފައިވާއިރު އެ މައްސަލައިގައި ޒައިން އާ ދެކޮޅަށް ފުލުހަށް މައްސަލަ ހުށަހަޅަން ނިންމާފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ. މިކަމާ ގުޅިގެން ޒައިން ވަނީ އޭގެ ރައްދުގައި ބަޔާނެއް ނެރެ އޭނާ ޔޮލޭންޑާގެ ގައިގައި ޖަހާފައި ނުވާނެ ކަމަށް ބުނެފައެވެ.

ޔޮލޭންޑާ އަކީ ޖީޖީއަށް ވަރަށް ބޮޑަށް ބާރު ފޯރުވާ މީހެއް ގޮތުގައި ގިނަ ބަޔަކު ސިފަ ކުރެއެވެ. ޖީޖީ އާއި ޒައިންގެ ގުޅުމުގެ ތެރެއަށް ޔޮލޭންޑާގެ ނުފޫޒު ފޯރުވާ ކަމަށް ގިނަ ބަޔަކު ބުނަމުންދާއިރު އެންމެ ފުރަތަމަ 2018 ވަނަ އަހަރު ޒެއިން އަދި ޖީޖީ ރުޅިވި ހަބަރު މީޑިއާއަށް ލީކުކޮށްލީ ޖީޖީގެ މަންމަ އެވެ. އަދި ޒައިންގެ ދަރިއަކަށް ޖީޖީ ބަލިވެ އިން ހަބަރުވެސް އެންމެ ފުރަތަމަ މީޑިއާ އަށް ޔޮލޭންޑާ ހިއްސާކޮށްފައިވާއިރު، އެ ދެމީހުންގެ އެއް އަހަރުގެ ދަރިފުޅު ކައި ގެ ފޮޓޯ މީޑިއާށް ހާމަ ނުކުރަން ނިންމާފައި ވަނިކޮށް ދަރިފުޅުގެ ފޮޓޯވެސް މީޑިއާ އަށް ދީފައިވަނީ ޔޮލޭންޑާ އެވެ.