މަޖިލީހުގެ ރައީސް

ގާނޫނުއަސާސީ އިސްލާހު ކުރުމަށް ވަރަށްގިނަ ސިޔާސީ ޕާޓީތަކާ ބައްދަލު ކޮށްފިން: މަޖިލިސް ރައީސް

އިބްރާހިމް ޒަކީ

ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ޓަކައި ވަރަށްގިނަ ސިޔާސީ ޕާޓީތަކާ ބައްދަލު ކުރައްވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލިސް ރައީސް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންނާ މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

"މިދިޔަ ދެ ދުވަހު ވަރަށްގިނަ ސިޔާސީ ޕާޓީތަކާ ބައްދަލުކޮށްފިން ބޭނުމަކީ އެކިއެކި ފަރާތްތަކުން ގާނޫއަސާސީ އަށް އިސްލާހު ގެނައުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަމުން ގެންދާތީ،" އެމަނިކުފާނު ވިދާޅުވީ ގާނޫނުއަސާސީއަށް ގެންނަން ހުށަހަޅާ އިސްލާހު ތަކުގެ ތެރެއިން ޖޭއެސްސީއަށް ބަދަލު ގެނައުމަށް ހުށަހަޅާ އިސްލާހެއް ވެސް އެބަ އޮތް ކަމަށެވެ.

މީގެ ކުރިންގެ މި މަޖިލީހުން ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ މަސައްކަތް ކޮށްފައިވާ ކަމަށާއި، އެގޮތުން ކައުންސިލްތުގެ އުމުރު ފަސް އަހަރު ދުވަހަށް އިތުރު ކުރުމަށް ގެނައި އިސްލާހު އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. އޭގެ އިތުރުން ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ވަރަށް ގިނަ ފަރާތްތަކަކުން މަޝްވަރާ ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.

މަޖިލިސް ރައީސް ވިދާޅުވީ އެމަނިކުފާނު ސިޔާސީ ޕާޓީތަކާ މަޝްވަރާ ކުރެއްވީ، ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ކުރައްވަމުން ގެންދަވާ މަސައްކަތަކީ ހުރިހާ ސިޔާސީ ޕާޓިއެއް ގުޅިގެން އެކުގައި ކުރެވޭ މަސައްކަތަކަށް އެ މަސައްކަތް ވުމުން ރައްޔިތުންނަށް އޭގެ އެންމެ ހެޔޮ ނަތީޖާ ނިކުންނާނެ ގޮތަކީ އެއީ ކަމަށް ދެކިވަޑައިގެން ކަމަށެވެ.

މިހާރު އަމަލު ކުރަމުން އަންނަ ފެހި ގާނޫނޫ އަސަސީ އެކުލަވައިލިތާ 14 އަހަރު ވެގެންދާއިރު، ދިމާވާ ދަތިތަކާއި، ހުރި އުނިކަންތައްތައް އިސްލާހު ކުރަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އުއްމީދަކީ ހުރިހާ ސިޔާސީ ޕާޓީތަކާއި ސިޔާސީ ފިކުރާއި ޖަމާއަތްތަކާއި އަމިއްލަ ފަރުދުން ގުޅިގެން ރާއްޖޭގެ ސިޔާސީ މަސްރަހު އަދި ސިޔާސީ ހަގީގަތް ރައްޔިތުންނަށް އެންމެ ފައިދާވާ ގޮތަށް އެތުރިގެން ދިއުން ކަމަށެވެ.