މިނިސްޓަރު އައިމިނަތު އާތިފާ

ފުލެޓްތަކުގެ މައްސަލައިގަ ހައުސިން މިނިސްޓަރު މަޖިލީހަށް ހާޒިރުކުރަނީ

ޝަހީދާ އަބްދުﷲ ސައީދު

ހިޔާ މަޝްރޫއުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ފުލެޓްތަކުގެ މައްސަލައިގައި ހައުސިން މިނިސްޓަރު އާމިނަތު އާތިފާ، ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެވަޑައިގަތުމަށް ނޯޓިސް ފޮނުވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މިނިސްޓަރު އާތިފާ މަޖިލީހަށް ހާޒިރުކުރަން ނޯޓިސް ފޮނުވީ، ހިޔާ ފުލެޓް ތަކަށް ބަދަލު ގެންނަން އުޅޭކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ސުވާލުކުރުމަށް ކަމަށެވެ.

ރިފާއު ކުރަންބޭނުންވާ ސުވާލުތަކާއެކު ކުރައްވާފައިވާ ޓުވީޓުގައި ވިދާޅުވީ މިނިސްޓަރު ހާޒިރު ކުރަނީ، ރައީސް ޔާމީންގެ ސަރުކާރުގައި ފެއްޓެވި ހިޔާ މަޝްރޫއުގެ ދަށުން އަޅަމުންދާ ފުލެޓްތަކުގެ ތެރެއިން މިހާރު މަސައްކަތް ފަށާފައިވާ 7000 ފްލެޓުތަކުގެ ތެރެއިން ދެ ކޮޓަރީގެ ފްލެޓާއި، މަސައްކަތް ފަށާފައި ނުވާ 2500 ފްލެޓުގެ ތެރެއިން ދެ ކޮޓަރީގެ ފުލެޓްތަކަށް ބަދަލުތަކެއް ގެންނަން ސަރުކާރުން ނިންމާފައިވާކަން ދޭހަވާ ގޮތަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރާއި ހަވާލާދެއްވައި މީޑިއާގައި ދައްކާފައިވާ ވާހަކަތަކަކީ ހަގީގަތެއްތޯ ބެލުމަށް ކަމަށެވެ.

ސަރުކާރުން ބުނެފައިވަނީ ހުޅުމާލޭގައި މިހާރު ހަދަމުންދާ ފުލެޓްތަކުގެ ތެރެއިން ދެކޮޓަރީގެ އެޕާޓްމަންޓްތައް ހުރީ މީހުން ދިރިއުޅެވޭ ހާލަތުގައި ނޫން ކަމަށާއި އެކަމަށް ގެންނަންޖެހޭ ބަދަލުތައް ގެންނާނެ ކަމަށެވެ.