މެންބަރު އަބްދުﷲ ރިޔާޒް

މަޖިލިސް ނަޒާހަތްތެރި ތަނަކަށް ހެދުމަށް އެމްއެމްޕީއާރުސީގެ މައްސަލަ އިންތިޚާބުގެ ކުރީން ތަހުގީގު ކުރަންޖެހޭ: ރިޔާޒު

އިބްރާހިމް ޒަކީ

ކުރިއަށް އޮތް ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހަކީ، ނަޒާހަތްތެރި މެންބަރުން ތިބި ތަނަކަށް ހަދަން ބޭނުންނަމަ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ މަޖިލިސް އިންތިޚާބުގެ ކުރީން ރަނގަޅަށް ތަހުގީގު ކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.

ރިޔާޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، "19 ވަނަ ރައްޔިތުންގެ މަޖިލީހަކީ ނަޒާހަތްތެރި މެންބަރުން ތިބިތަނަކަށް ހަދަން ބޭނުންނަމަ އެ އިންތިހާބުގެ ކުރިން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ރަނގަޅަށް ތަހުގީގު ކުރަންޖެހޭ" ކަމަށެވެ.

ރިޔާޒް މިހެން ވިދާޅުވި އިރު، އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ވަން އެކައުންޓުތަކުގެ ވެރީންގެ މައުލޫމާތު މަޖިލިސް އިންތިޚާބުގެ ކުރީން ހާމަކުރުމަށް ގޮވާލައި، މަޝްހޫރު ގާނޫނީ ވަކީލާ މަރިޔަމް ޝުނާނާ އިސްވެ ހުންނަވައި، ބޮޑު މުޒާހަރާއެއް ބޭއްވުމަށް ވެސް އަންނަނީ ތައްޔާރުވަމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ވަރަށް ގިނަ މެންބަރުން އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާގައި ޖެހިފައިވާ ކަމުގެ ތުހުމަތު އަންނަނީ ކުރަމުންނެވެ.