ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީ

ޣައިރު ހާޒިރުގައި ކުރި ހުކުމް ތަންފީޒު ނުކުރާ 422 މީހެއް، 15 އަހަރު ވެފައިވާ ހުކުމް ވެސް ހިމެނޭ!

އިބްރާހިމް ޒަކީ

އެކި މައްސަލަތަކުގައި ކޯޓުތަކުން ޣައިރު ހާޒިރުގައި ހުކުމްކޮށް ޕާސްޕޯޓް ހިފާއްޓާފައިވާ 422 އެބަތިބި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

ހުކުމްކޮށްފައިވާ މީހުންނާ ބެހޭ ގޮތުން، ހޯމް މިނިސްޓްރީ އާއި ކަރެކްޝަނަލް ސާވިސްގެ ފަރާތުން ކޮމިޓީއަށް ދިން މައުލޫމާތު އިއްޔެގެ ކޮމިޓީ ބައްދަލުވުގައި ހާމަ ކުރައްވަމުން އިންތި ވިދާޅުވީ، އެގޮތަށް ހުކުމް ކޮށްފައިވާ މީހުންގެ ތެރޭގައި، ހުކުމް ކުރިތާ 10 އަހަރު، 12 އަހަރު އަދި 15 އަހަރުވެފައިވާ މީހުން ހިމެނޭ ކަމަށެވެ.

ނަމަވެސް އެ މީހުންގެ މައްޗަށް ކޮށްފައިވާ ހުކުމް ތަންފީޒު ކުރުމަށްޓަކައި އެމީހުން ހޯދުމަށް ކަމާބެހޭ ފަރާތްތަކުން މަސައްކަތްކުރިކަން އެނގިފައި ނުވާ ކަމަށްވެސް ވިދާޅުވިއެވެ. އެމީހުންގެ ތެރޭގައި 2006 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރުގެ ތެރޭގައި ހުކުމް ކޮށްފައިވާ މީހުން ހިމެނޭ ކަމަށްވެސް އިންތި ވިދާޅުވިއެވެ.

އިންތި ވިދާޅުވީ، ޣައިރު ހާޒިރުގައި ހުކުމްކުރަން ކުރިން އޮންނަ ގޮތް ބަދަލުކޮށް މިހާރު ގާނޫނު އިސްލާހު ކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެގޮތަށް ޣައިރު ހާޒިރުގައި މިހާރު ހުކުމް ކުރެވޭނީ، މައްސަލައިގެ އަޑުއެހުންތައް ނިމި ސާފުކޮށް ސާބިތުވާ ގޮތަށް ހުކުމާ ހަމައަށް ގޮސްފައިވަނިކޮށް، މީހާ ގެއްލި ނުވަތަ ފިލާފައިވާ މައްސަލަތަކަށް ކަމަށެވެ.

އިންތި ވިދާޅުވީ، ކޮމިޓީއަށް ލިބިފައިވާ މައުލޫމާތުތަކުން ޣައިރު ހާޒިރުގައި ހުކުމް ކޮށްފައިވާ 422 މީހަކަށް ހުކުމް ކޮށްފައިވަނީ ކޮން މައްސަލަތަކެއްގައި ކަމާއި، ކޮން އަހަރަކުކަމާއި އެއީ ކޮންބައެއް ކަން އެނގެން އެބަ އޮތް ކަމަށެވެ. ނަމަވެސް އެކަމާބެހޭ އިތުރު މައުލޫމާތުތަކެއް ބޭނުންވާތީ އެ މައުލޫމާތުތައް ހޯދުމަށް ހޯމް މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އެގޮތަށް ހުކުމް އިއްވާފައި ހުރި މައްސަލަތަކުގެ ބާވަތްތަކަށް ބަަލައި އެ ހުކުމް ތަކަކީ މިހާރު އަމަލު ކުރަމުން އަންނަ ގާނޫނުއަސާސީގެ ކުރިން ކޮށްފައިވާ ހުކުމް ތަކެއްތޯ އާއި، އެ ހުކުމްތައް ތަންފީޒު ނުކުރެވި ވަނީ ކޮން ސަބަބަކާ ހުރެތޯ ބެލުމުގެ އިތުރުން، އެއީ ގާނޫނާ އެއްގޮތަށް ކޮށްފައިވާ ހުކުމްތަކެއްތޯ ބެލުމަށްފަހު އޭގެ ތެރެއިން ޕާސްޕޯޓު ދޫކުރި ފަރާތްތަކަށް ޕާސްޕޯޓު ދޫކުރުމާމެދު ކޮމެޓީން ގޮތެއް ނިންމާނެ ކަމަށްވެސް އިންތި ވިދާޅުވިއެވެ.