ޝަހީދާ އަބްދުﷲ ސައީދު
ސިޔާސީ ޕާޓީއެއްގެ ހުއްދަ ނެތި އެޕާޓީއެއްގެ ކުލަ، އެއްވެސް ފަރާތަކުން ބޭނުންކުރުމަކީ ގާނޫނީ ކުށެއް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ.
އީސީގެ ރައީސް އަހުމަދު ޝަރީފު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސިޔާސީ ޕާޓީއަކުން ސިޔާސީ ހަރަކާތުގައި ރަސްމީކޮށް ބޭނުންކުރާ ކުލަ، އެހެން ސިޔާސީ ޕާޓީތަކުންނާއި އަމިއްލަ ފަރާތްތަކުން އެޕާޓީއެއްގެ ހުއްދަ ނެތި ބޭނުންކުރުމަކީ ގާނޫނީ ކުށެއް ކަމަށެވެ.
އެހެންކަމުން އެކަމަށް ހުރިހާ ފަރާތްތަކުން ސަމާލުވުމަށް ޝަރީފް ވަނީ އިލްތިމާސްކުރައްވާފައި ވެއެވެ.
ސިޔާސީ ބައެއް ހަރަކާތްތަކުގައި ބައެއް ޕާޓީތަކުގެ ކުލަ ބޭނުންކުރަމުންދާތީ މީގެކުރިންވެސް ވަނީ ސިޔާސީ ބައެއް ފަރާތްތަކުން ޝަކުވާކޮށްފައެވެ.
އެގޮތުން ޕީޕީއެމްގެ ލޯގޯއާއި ދިދަ ބޭނުން ކުރި ކަމަށްބުނެ، އެ ޕާޓީގެ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫންގެ މައްޗަށް "ޝަޚްސު އޮޅުވާލުމު"ގެ ދައުވާވަނީ ކޮށްފައެވެ.
އަދި "މައުމޫން ރިފޯމް މޫވްމެންޓް" ގެ ނަމުގައި ޕީޕީއެމްގެ ކުލަ ބޭނުންކޮށްފައިވެއެވެ.