ޓީ20 ކްރިކެޓް ވޯލްޑް ކަޕްގެ ކޮލިފައިންގެ ގްރޫޕް އޭގައި ރާއްޖޭން ކުޅުނު ދެވަނަ މެޗުގައި ވަރުގަދަ ގަތަރު އަތުން ބަލިވެއްޖެއެވެ.
ގަތަރުގެ ވެރިރަށް ދޯހާގައި ގައުމީ ކްރިކެޓް ޓީމުން ކުޅުނު މެޗު، ގަތަރުން ކާމިޔާބުކުރީ 98 ލަނޑުންނެވެ. މިއަދު ކުޅުނު މެޗުގައި ޓޮސް ދިމާވުމުން ރާއްޖޭން ނިންމީ ފުރަތަމަ އުކާށެވެ. އުކަން އަރައި، ރާއްޖޭން ހަ ވިކެޓު ނެގިއިރު، ގަތަރުން ވަނީ 20 އޯވަރުގެ ތެރޭގައި 154 ލަނޑު ހަދައިފައެވެ.
ކުޅެން އަރައި ގަތަރަށް އެންމެ ރަނގަޅަށް ކުޅުނީ އާދަމް ނާސިފް ރިޒްލާނެވެ. އޭނާ ވަނީ 46 ބޯޅައިން 62 ލަނޑު ހަދައިފައެވެ. ރާއްޖޭގެ ކެޕްޓަން މަހުފޫޒްގެ އިތުރުން ދެން ވިކެޓުތައް ނެގީ އިބްރާހީމް ރިޒާނާއި އުމަރު އާދަމެވެ. މެޗުގައި އުމަރު ތިން ވިކެޓު ނެގި އިރު، މަހުފޫޒު ވަނީ ދެ ވިކެޓު ނަގައިފައެވެ.
މެޗުގައި ރާއްޖެއިން ކުޅެން އަރައި އެންމެ ރަނގަޅު ކުޅުމެއް ދެއްކިފައެއް ނުވެއެވެ. ގަތަރުގެ ބޯލިން ވަރުގަދަކޮށް ފެނިގެން ދިޔަ އިރު، ދިހަ ކުޅުންތެރިން ނުބައިވެގެން ރާއްޖެއަށް ހެދުނީ 56 ލަނޑެވެ. ގަތަރުގެ ނަދީމް ވަނީ މެޗުގައި ހަތަރު ވިކެޓު ނަގައިފައެވެ.
ރާއްޖެއިން ދެން ކުޅޭ މެޗުގައި ނުކުންނާނީ ބަހްރެއިންއާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ ބުދަ ދުވަހުގައެވެ.
ގްރޫޕް އޭގެ ކޮލިފިކޭޝަން މެޗުތައް ގަތަރުގައި ކުރިއަށް ދާނީ މިމަހުގެ 23 އިން 29 އަށެވެ. ކޮލިފިކޭޝަންގައި ރާއްޖޭގެ އިތުރުން ދެން ވާދަކުރާނީ ބަހުރައިން އާއި ކުވައިތުގެ އިތުރުން ގަތަރާއި ސައުދީ އަރަބިއްޔާއެވެ. ރާއްޖެއިން ފުރަތަމަ މެޗުގައި ސައުދީ އަތުން ބަލިވީ ހަތް ވިކެޓުންނެވެ.