ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެންބަރެއްގެ ގޮނޑީގެ މައްސަލާގައި މާދަމާ ހުކުމް ކުރަން ސުޕްރީމް ކޯޓުން ނިންމައިފި އެވެ.
އެ މެންބަރުންނަކީ ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ލޯޔަރު ވައްޑޭ) އާއި ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިނާއި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތާއި ދިއްދޫ ދާއިރާގެ މެންބަރު އަބްދުލް ލަތީފު މުހައްމަދެވެ.
ދިއްދޫ ދާއިރާގެ މެންބަރު ލަތީފު "ވަން އޮންލައިން" އަށް ވިދާޅުވީ އެ ހުރިހައި މެންބަރުންގެ ބަޔާން ތަކުގައި ވެސް ސޮއިކުރައްވައި ނިމިފައިވާ ކަމަށާއި ޗިޓު ވެސް ލިބިވަޑައިގެންފައިވާ ކަމަށެވެ.
ސުޕްރީމް ކޯޓުގެ އަޑު އެހުންތައް ނިންމާލާފައި ވަނިކޮށް ދާދި ފަހުން އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ކޮމިޝަނުން މި ހަތަރު މެންބަރުން ވެސް ހިމެނޭ ގޮތަށް އިއުލާނުކޮށްފައި އޮތް ބައި އިލެކްޝަން ބާތިލުކޮށްފަ އެވެ.
މާދަމާ އެންމެ ފުރަތަމަ ތާވަލުކޮށްފައި ވަނީ މުހައްމަދު ވަހީދުގެ މައްސަލަ އެވެ. އެއީ 9:45 އަށެވެ. 10:45 އަށް ސައުދުގެ މައްސަލަ ތާވަލުކޮށްފައިވާ އިރު ލަތީފުގެ މައްސަލަ ތާވަލުކޮށްފައި ވަނީ 12:45 އަށެވެ. އަމީތުގެ މައްސަލަ އޮތީ 1:45 ގަ އެވެ.