އެމްއާރްއެމް

އެމްއާރުއެމް އުފައްދަން އިލެކްޝަނަށް ހުށަހަޅައިފި

ޝަހީދާ އަބްދުﷲ ސައީދު

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ ހުންނަވައިގެން މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދައަށް އެދި އިލެކްޝަންސް ކޮމިޝަނަށް ދާދި ދެންމެ ހުށަހަޅައިފިއެވެ.

އެމްއާރުއެމްއިން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ ރައީސް މައުމޫން އިސްވެ ހުންނަވައިގެން ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމު، އެމްއާރުއެމްގެ ފަރާތުން މިއަދު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.

ޕީޕީއެމްގެ ކުރީގެ ރައީސް، މައުމޫން، ޕާޓީއެއް އުފެއްދުމުގެ ހުއްދައަށް އެދިފައި މިވަނީ މައުމޫނާ ޕީޕީއެމް ހަވާލުކުރުމަށް އެދި އަމިއްލަ ފަރާތަކުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ސްޕްރީމް ކޯޓުން ބާތިލުކޮށްފައި ވަނިކޮށެވެ.

އަދި މީގެ ތިންދުވަސް ކުރީން މައުމޫން ވަނީ ޕީޕީއެމުން ވަކިވެވަޑައިގެންފައެވެ.

ރައީސް މައުމޫން އިސްވެހުންނަވައިގެން ޕާޓީއެއް އުފައްދަން ހުށަހެޅި އިރު 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ރައީސް މައުމޫންގެ ތާއީދާއެކު 32 ދާއިރާއަށް ވާދަކުރާނެ ކަމަށް އެމްއާރުއެމްއިން ވަނީ ބުނެފައެވެ.