ގިނަ ދުވަސް ތަކަކަށް ފަހު ރިތިކް ރޯޝަން ލީޑް ރޯލުން ފެނިގެންދާނެ ފިލްމު "ސުޕާ 30" ރިލީސް ކުރާނީ ޖުލައި 26ގައި ކަމަށް ފިލްމުގެ ޕްރޮޑިއުސަރު ބުނެފިއެވެ.
މި ފިލްމަކީ މިއަހަރު ޖެނުއަރީގައި ނެރެން ހަމަޖެހިފައި އޮތް ފިލްމެކެވެ. ނަމަވެސް އެކި ސަބަބުތަކާ ހެދި ފިލްމު ރިލީސް ކުރުން ދިޔައީ ފަސްވަމުންނެވެ. ފިލްމުގެ ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތް މިހާރު ކުރިއަށް ދާއިރު ފިލްމުގެ ޑައިރެކްޓަރު ވިކާސް ބާލް ވަނީ ފިލްމުގެ މަސައްކަތާ ދުރުވެފައެވެ. އެހެން ކަމުން ފިލްމުގެ ފަހުގެ މަސައްކަތްތައް ޕްރޮޑިއުސަރުން ނިންމަމުން ގެންދަނީ އިންހައުސްކޮށެވެ.
ޕްރޮޑިއުސަރު ޝިބާޝިޝް ސަރްކާރު ބުނި ގޮތުގައި ފިލްމުގެ މުހިއްމު ޝޫޓިންތައް ނިމިފައިވާތީ އިތުރު ޑައިރެކްޓަރެއް ނުނަގާނެއެވެ. އަދި ފިލްމުގެ ޕޯސްޓް ޕްރޮޑަކްޝަން ކުރިއަށް ގެންދަނީ ސްޓޫޑިއޯގެ ކްރިއޭޓިވް ޕާޓްނަރުންގެ އެހީގައި ކަމަށް ޝިބާޝިޝް ބުންޏެވެ.
ސުޕާ 30އަކީ އިންޑިއާގެ ހިސާބު އިލްމުވެރިޔާ، އާނަންދު ކުމާރު އުފައްދާފައިވާ އެޑިއުކޭޝަން ޕްރޮގްރާމްގެ މައްޗަށް ހަދާ ފިލްމެކެވެ. އެ ޕްރޮގްރާމުގެ ދަށުން ވަނީ ޕަޓްނާގައި އުޅޭ ފަގީރު ކުދީން އައިއައިޓީ-ޖީ އެގްޒާމަށް ތައްޔާރުކޮށްދީފައެވެ.