އިބްރާހިމް ޒަކީ
ވެހިކަލް ރަޖިސްޓްރީކުރުމާއި، ލައިސަންސް ދިނުމުގައި ހުރި މައްސަލަތަކާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ހާޒިރު ކުރަން ނިންމައިފިއެވެ.
އެ ކޮމިޓީއަށް މިނިސްޓަރު ހާޒިރުކުރަން ހުށަހެޅުއްވީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހެވެ.
ފަލާހު ވިދާޅުވީ، އެ މައްސަލަގައި މިނިސްޓަރު ނަހުލާގެ އިތުރުން ޓްރާންސްޕޯޓް އޮތޯރިޓީގެ އިސް ބޭފުޅުންވެސް ކޮމިޓީއަށް ހާޒިރުކުރަން ބޭނުންވާ ކަމަށެވެ.
ވެހިކަލް ރަޖިސްޓްރީކުރުމާއި، ލައިސަންސް ދިނުމުގައި ހުރި މައްސަލަތަކާ ބެހޭގޮތުން ގިނަ ޝަކުވާތަކެއް މަޖިލިސް މެންބަރުންނަށް ރައްޔިތުން ހުށަހަޅަމުން އަންނަ ކަމަށްވެސް ފަލާހު ވިދާޅުވިއެވެ.
ފަލާހު ހުށަހެޅުއްވި ގޮތަށް މިނިސްޓަރު ނަހުލާ އާއި ޓްރާންސްޕޯޓް އޮތޯރިޓީގެ އިސް ބޭފުޅުން ކޮމިޓީއަށް ހާޒިރުކުރަން ކޮމިޓީން ފާސްކުރިއެވެ. ނަމަވެސް ރާއްޖެއަށް މި ކުރި ވިއްސާރައިގައި ކަނޑު ދަތުރު ކުރުމުގައި ދިމާވި ހިތާމަވެރި ހާދިސާތަކާ ގުޅިގެން އެކި ކަންތައްތަކާބެހޭގޮތުން ވެސް މިނިސްޓަރާ ސުވާލު ކުރެއްވުމަށްވެސް ބައެއް މެންބަރުން ހުށަހެޅުއްވިއެވެ.