ކުޅިވަރު

ރާއްޖެ ކުޅޭ ކޮލިފައިން ސެންޓްރަލައިޒް ކޮށްފި، ހޯސްޓް ގައުމެއް އަދި ކަނޑަނާޅާ

މުޙައްމަދު ޝަމްޢޫން

ރާއްޖެއިންވެސް ވާދަކުރާ އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގެ ފައިނަލް ބުރުގެ މެޗުތައް ސެންޓްރަލައިޒްކޮށް، އެއް ގައުމެއްގައި ހޯސްޓް ކުރާ ގޮތަށް ހަމަޖައްސައިފިއެވެ.

މިހާރުވެސް ގިނަ ގައުމުތަކުގައި ކޮވިޑް 19ގެ ހާލަތު އޮތް ގޮތުން އޭއެފްސީ މިއަދު ނިންމާފައި ވަނީ ކޮލިފައިން ކުޅޭނީ ހޯމް އަދި އަވޭ އުސޫލުން ނޫން ކަމަށާއި، ސެންޓްރަލައިޒްކޮށް އެއް ލެގުގެ މެޗުތަކެއްގެ ގޮތުގައި ކަމަށެވެ. އޭއެފްސީގެ އެގްޒެކެޓިވް ކޮމިޓީން އެ ނިންމުން ނިންމާފައި ވަނީ ކުޅުންތެރިންނާއި މެޗުތައް ބާއްވާ ގައުމުތަކުގެ ހުރިހާ އޮފިޝަލުންގެވެސް ރައްކާތެރިކަމަށް ބެލުމަށްފަހުގައި ކަމަށް އޭއެފްސީން ބުނެފައިވެއެވެ.

އޭފްއެފްސީ އޭޝިއަން ކަޕްގެ ކޮލިފިކޭޝަން އެންމެ ފަހު ބުރުގެ މެޗުތައް ކުޅުމަށް ހަމަޖައްސާފައި ވަނީ އަންނަ އަހަރުގެ ޖޫން މަހުގައެވެ. މެޗުތައް ކުރިއަށް ގެންދަން ކުރިން އޭއެފްސީން ނިންމާފައި ވަނީ ޖޫން މަހުގެ އަށެއް، 11 އަދި 14 ވަނަ ދުވަހުއެވެ. އެހެން ނަމަވެސް އާ އުސޫލުތަކާއެކު އެ ތާރީހުތަކަށް ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ.

ހޯސްޓިން ސެންޓްރަލައިޒް ކުރަން އޭއެފްސީން ނިންމާފައިވާއިރު، ހޯސްޓް ކުރާނެ ގައުމެއް ކަނޑައަޅަން ވަރަށް އަވަހަށް ބިޑަށް ހުޅުވާލާނެއެވެ. ބިޑުތަކުގެ ރިވިއުއަށްފަހު ހޯސްޓް ގައުމެއް ކަނޑައަޅާނީ ގިނަ ކަންތައްތަކެއް ބެލުމަށްފަހުއެވެ. އެގޮތުން އޭފްސީން ފާހަގަކޮށްފައިވާ ޕޮއިންޓުތަކަކީ ދަތުރުފަތުރުގެ ކަންކަމުގެ އިތުރުން ސިއްހީ ހާލަތާއި މެޗުތައް ކުޅޭނެ ދަނޑުތަކުގެ އިތުރުން އެގައުމުގައި ކޮވިޑް 19އަށް ހާއްސަކޮށް ހުރި ފެސިލިޓީތަކުގެ ތަފާސް ހިސާބެވެ. އެ ކަންކަމުގެ ތެރެއިން ކޮވިޑަށް ޓެސްޓް ކުރެވޭ މިންވަރާއި ކުޅުންތެރިންނާއި އޮފިޝަލުންނަށް ހިލޭ ކޮވިޑް ޓެސްޓައް ފޯރުކޮށްދޭނެ އަދަދުވެސް އޭއެފްސީން ބަލާނެއެވެ.

ކޮލިފައިންގެ ޓީމުތައް ޕޮޓުތަކަށް ބަހާލައިފައި ވަނީ ފީފާގެ ރޭންކިންއަށް ބަލައިގެންނެވެ. ޓީމުތައް ގްރޫޕް ކުރުމަށް އަދި ގުރުއަތު ލާފައި ނުވާއިރު، ގުރު ނެގުމަށް މިހާރު ބަހާލެވިފައިވާ ޕޮޓުތައް ވަނީ އާންމުކޮށްފައެވެ.

ޕޮޓުތަކަށް ބަލާލާއިރު، ފީފާ ރޭންކިންގެ 156 ވަނައިގައި އޮތް ރާއްޖެ ހިމެެނެނީ އޭޝިއަން ކަޕް ކޮލިފައިން ޕޮޓް ތިނެއްގައެވެ. ސަރަަހައްދުގެ އެހެން ޓީމުތަކަށް ބަލާއިރު އިންޑިއާ އޮތީ ޕޮޓް އެކެއްގައެވެ. އަދި ނޭޕާލް، ބަންގްލަދޭޝް އަދި ސްރީ ލަންކާ އޮތީ ހަތަރު ވަނަ ޕޮޓްގައެވެ. ޓީމުތައް ބަހާލާނީ ހަ ގްރޫޕަކަށެވެ. އޭޝިއަން ކަޕްގެ ކޮލިފައިން ހަ ގްރޫޕުގެ އެއް ވަަނަ ޓީމާއި ހަ ގްރޫޕްގެ ދެ ވަނަ ޓީމުތަކުގެ ތެރެއިން ފަސް ޓީމަށް ޗައިނާގައި 2023 ވަނަ އަހަރު ބާއްވާ އޭޝިއަން ކަޕްގެ ޖާގަ ލިބޭނެއެވެ.