ހުޅުމާލޭ ދެވަނަ ފޭހުން 400 ވިއްކަން ނިންމައި ހައުސިން މިނިސްޓްރީން މިއަދު އިއުލާނުކޮށްފައި ވަނިކޮށް، އެއީ ކޮރަޕްޝަނުގެ އަމަލެއް ކަމަށާއި ހައުސިން މިނިސްޓަރު ހިންގަވަން އެއުޅުއްވާ ކޮރަޕްޝަނުގެ އަމަލުގައި އެއްވެސް ރައްޔިތަކު ބައިވެރިނުވުމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ގޮވައިލައްވައިފި އެވެ.
އަލީ ހުސެއިން މި ކަމަށް ގޮވައިލެއްވީ އޭނާ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.
އޭނާ ވިދާޅުވީ މާލޭގެ ބިމުގެ އަގަކީ އަކަފޫޓަކަށް 400 ރުފިޔާ ނޫން ކަމަށެވެ. އަދި ނު އަގުގައި ދައުލަތުގެ ބިން ނުވަތަ މުދަލެއް ވިއްކުމަކީ ކޮރަޕްޝަނުގެ ދައުވާ ކުރެވޭނެ ކަމެއް ކަމަށް ވެސް އަލީ ވަނީ ވިދާޅުވެފަ އެވެ.
ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަކީ ފާއިތުވެދިޔަ އަހަރުތަކުގައި އެއްވެސް ސަރުކާރަކަށް ހައްލު ހޯދައި ދެވިފައިނުވާ މައްސަލައެއް ކަމަށާއި ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އެކަމަށް ހައްލު ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށެވެ.
މާލޭގެ ރައްޔިތުންގެ ތެރެއިން ގެދޮރުގެ ދަތިކަން އެންމެ ބޮޑަށް ދިމާވެފައިވާ މީހުންނަށް ގޯއްޗަށް ކުރިމަތިލުމަށް މިއަދު ހަވީރު 4:30 އިން ފެށިގެން ހުޅުމާލެއިން ގޯތި ބޭނުންވާ މީހުންނަށް ފޯމު ދޫކުރުމަށް ވަނީ ނިންމައިފައެވެ.
މުއިއްޒު ވިދާޅުވީ އެ ގޯތިތައް ދޫކުރާނީ 400،000 ރުފިޔާއަށް ބިމެއް ކަމަށާއި ޑައުން ޕޭމަންޓުގެ ގޮތުގައި 25،000 ރުފިޔާ ދެއްކުމަށްފަހު ބަކީ ފައިސާ ދިހަ އަހަރު ތެރޭ ކޮންމެ މަހަކު ދައްކާ ހަލާސް ކުރެވޭނެ ކަމަށެވެ. އަދި ބޭނުންވާ ފަރާތްތަކަށް އެއް ފަހަރާ ފައިސާ ދެއްކުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ގޯއްޗަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި 18 އަހަރުވެފައިވާ މާލޭގެ ރައްޔިތަކަށްވުން ނުވަތަ ދަފްތަރުގައި ޖެހިފައިވުމާއި ކައިވެންޏެއް ކޮށްގެން އުޅުމާއި 600 އަކަފޫޓުގެ ގޯއްޗެއް ނުވަތަ ފްލެޓެއް ނެތް މީހަކަށްވުން އަދި ސަރުކާރުގެ ބޯހިޔާވެހިކަމުގެ އެއްވެސް މަޝްރޫއަކުން ބޯހިޔާވެރިކަމެއް ލިބިފައި ނެތް މީހަކަށްވުން ހިމެނެއެވެ.
ރައީސް ޔާމީންގެ ސަރުކާރުން ގޯތި ވިއްކުމަށް ނިންމާފައި މިވަނީ ދައުލަތުގެ ބިންތައް ނުވިއްކުމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގޮވާލައްވަމުން ގެންދަވަނިކޮށެވެ.