ހައި ރައިޒްގެ ފަރާތުން ކުރިއަށް ގެންދާ މޯލްޑިވްސް ލިވިންގް އެކްސްޕޯ 2019 ފަށައިފި އެވެ.
މޯލްޑިވްސް ލިވިންގް އެކްސްޕޯ ރަސްމީކޮށް ހުޅުވާދެއްވާފައި ވަނީ މިއަދު މެންދުރު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ހައުސިންގް މިނިސްޓަރ އައިމިނަތު އާތިފާ އެވެ. ލިވިންގް އެކްސްޕޯގެ ހުޅުވުމުގެ ރަސްމިއްޔާތަށް ފަހު މިނިސްޓަރ ވަނީ އެކްސްޕޯގެ އެކި ސްޓޯލް ތަކަށް ޒިޔާރައް ކުރައްވާ މައުލޫމާތު އޮޅުންފިލުވާފައެވެ.
މި އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި މެއިން ސްޕޮންސާ އެލައިޑްގެ މާކެޓިންގް މެނޭޖަރ މުހައްމަދު ނިއުޝާދު ޝަރީފް ވާހަކަ ދައްކަވަމުން ވަނީ މި އެކްސްޕޯގައި ގެދޮރުވެރިކަމާއި ގުޅެ އެކި ކަންކަން ދައްކާލުމަށް ހަމަޖެހިފައިވާ އިރު އެލައިޑްގެ ފަރާތުން ގެދޮރު ރައްކާތެރި ކުރުމަށް ހުރި ފުރުސަތުތައް އެލައިޑްގެ ސްޓޯލުން ފެނިގެން ދާނެކަމަށް ވިދާޅުވެފައެވެ. އަދި މި އެކްސްޕޯގެ ފަރާތުން ގެދޮރުވެރިކަމާއި ގުޅެ އެކި ޕްރޮޑަކްޓްތައް ފެނިގެންދާނެކަމަށް ނިއުޝާދު ވިދާޅުވިއެވެ.
އެކްސްޕޯގެ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިވެންޓް އޯގަނައިޒާ ހައިރައިޒްގެ ސީއީއޯ ޝާމިން ވިދާޅުވީ ލިވިންގް އެކްސްޕޯއަކީ ރާއްޖޭގައި އެކި ދާއިރާތަކުގައި ހުރި އެންމެ ރަނގަޅު ޕްރޮޑަކްޓްތައް އެއްތަނަކުން ބަލާލުމުގެ ފުރުސަތު ދިނުމުގެ ގޮތުން ހައިރައިޒް އިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ހަރަކާތެއް ކަމުގައެވެ. މީގެ އިތުރުން ޝާމިން ވަނީ މިއަހަރަކީ ލިވިންގް އެކްސްޕޯ ރާއްޖޭގައި ކުރިއަށް ގެންދާ ހަތްވަނަ އަހަރު ކަންވެސް ފާހަގަ ކުރައްވާފައެވެ.
މިފަހަރުގެ ލިވިންގް އެކްސްޕޯ ހާއްސަވެފައި ވަނީ ރިއަލްއެސްޓޭޓް ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެމީހުންގެ މުދަލާއި ހިދުމަތް ދައްކާލުމަށެވެ. އެގޮތުން ގެދޮރުވެރިކަމުގެ ފުރުސަތުތަކާއި ގުޅޭ ތަފާތު 30 ސްޓޯލެއް މި އެކްސްޕޯގައި ވެއެވެ. މި އެކްސްޕޯ ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ލިވިން އެކްސްޕޯ މިއަދުން ފެށިގެން 11 ފެބްރުއަރީއާ ހަމައަށް ކޮންމެ ދުވަހަކު މެންދުރު ދޭކުން އިރުއޮއްސި ހަޔަކަށް އަދި ރޭގަނޑު އަށަކުން އެގާރައަށް އޮންނާނެއެވެ. ލިވިން އެކްސްޕޯ މިފަހަރު ކުރިއަށް ދަނީ ދަރުބާރުގޭގައެވެ.
ވަން އޮންލައިންއަކީ މިއަހަރު ލިވިން އެކެސްޕޯގެ މީޑިއާ ޕާޓްނަރެވެ.