ސާފް ޗެމްޕިއަންޝިޕް

ސާފް ޗެމްޕިއަންޝިޕް 2021 ފައިނަލް: އިންޑިއާ 3-0 ނޭޕާލް

17 Oct 08:35

އިންޑިއާއަށް ތަށި ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު.

17 Oct 08:28

ޗެމްޕިއަން އިންޑިއާއަށް ފައިސާގެ އިނާމެއްގެ ގޮތުގައި 50،000 ޑޮލަރު.

17 Oct 08:23

ރަނަރަޕް ނޭޕާލަށް ފައިސާގެ އިނާމެއްގެ ގޮތުގައި 25،000 ޑޮލަރު.

17 Oct 08:23

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ވެސް އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީ.

17 Oct 08:22

އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކަށް ވެސް އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީ. ޗެތުރީ ވަނީ މުބާރާތުގައި ފަސް ލަނޑު ކާމިޔާބުކޮށްފައި.

17 Oct 08:21

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީ.

17 Oct 08:20

ފެއާޕްލޭ އެވޯޑު ރާއްޖެއަށް. އެވޯޑާ ހަވާލުވީ ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލްޤަނީ.

17 Oct 08:17

ތައްޓާއި މެޑަލް ހަވާލުކޮށްދެއްވާނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު. އެމަނިކުފާނުގެ އަރިހުގައި ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފާއި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު ބައިވެރިވެވަޑައިގަންނަވާ.

17 Oct 08:13

17 Oct 08:10
17 Oct 08:09
17 Oct 08:08

މެޗުގެ އުސްއަލިތައް

  • މެޗުގެ ފުރަތަމަ ހާފު ޑޮމިނޭޓްކޮށް ކުޅުނީ އިންޑިއާއިން
  • ހަމަލާތައްވެސް ގިނައިން އުފެއްދީ އިންޑިއާއިން
  • ފުރަތަމަ ހާފުގައި ޗެތުރީގެ ހަމަލާއެއްގެ އިތުރުން ޔާސިރު އަދި ސުރޭޝްގެ ހަމަލާތައް މަތަކުރީ ކިރަން
  • ނޭޕާލަށްވެސް ބައެއް ފުރުސަތުތައް ލިބިފައިވޭ
  • ނަވަޔުގުގެ ހަމަލާ ދަނޑިއަށް އަމާޒުވި އިރު، ރޯހިތު ޗާންދަށް ލިބުނު ފުރުސަތުގައި އޭނާ ކައްސާލި
  • ހާފު ނިމެން ދަނިކޮށް ޗެތުރީއަށް އޭރިއާ ތެރެއިން ހުސް ފުރުސަތެއް ލިބި ބޭކާރުވި
  • ފުރަތަމަ ހާފު އެއްކޮށް ކަހަލަ ގޮތަކަށް ކުޅުނީ ބޯ ވާރޭގައި
  • ދެވަނަ ހާފުގެ ކުރީކޮޅުގައި އިންޑިއާއިން ދެ ގޯލު ޖެހި
  • ޗެތުރީ މެޗުގައި ޖެހި ފަސްވަނަ ގޯލުގެ އިތުރުން މިނެޓެއް ފަހުން އަނެއް ގޯލު ޖެހީ ސުރޭޝް ސިންހް
  • އިންޑިއާއިން މެޗު ކޮންޓްރޯލު ކުރި، ހަމަލާތައްވެސް އުފެއްދި
  • ހާއްސަކޮށް ޗެތުރީއާއި ރަންވީރު ފެނުނީ ނުރައްކާކޮށް
  • އިންޑިއާގެ ތިންވަނަ ގޯލު މެޗުގެ ފަހު ވަގުތު ޖެހީ ބަދަލު ކުޅުންތެރިޔާ ސަހަލް އަބްދުލް ސަމަދު
  • މިއީ އިންޑިއާއިން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި އަށްވަނަ ފަހަރު
17 Oct 07:51

މެޗު ކުޅުން ނިންމާލައިފި. ފަސޭހަކަމާއެކު ނޭޕާލު ބަލިކޮށް، ޗެމްޕިއަންކަން އިންޑިއާއަށް. މިއީ އިންޑިއާ އިން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި އަށްވަނަ ފަހަރު.

17 Oct 07:50

ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ތިން މިނެޓުގެ ކުޅުން ދައްކައިފި.

17 Oct 07:49
17 Oct 07:48

'90 - އިންޑިއާ އިން ތިން ލަނޑުގެ ލީޑެއް ހޯދައިފި. ނޭޕާލުގެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން އިންޑިއާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިޔާ ސަހަލް އަބްދުލް ސަމަދު.

17 Oct 07:46

'88 - ނޭޕާލުގެ ނަވަޔުގް ޝްރެސްތާއަށް ޕެނަލްޓީ އޭރިއާ ތެރެއިން ހުސްކޮށް ބޯޅަ ލިބުމުގެ ކުރިން އިންޑިއާގެ ކީޕަރު ގުރަޕްރީތު ސިންހް ކުރިއަށް ނުކުމެ ދިފާއުކޮށްފި.

17 Oct 07:41

'83 - ނޭޕާލުގެ މަނީޝް ޑަންގީ ދުރުން ފޮނުވާލި ހަމަލާ، އިންޑިއާގެ ގޯލާ އަމާޒެއް ނުވި.

17 Oct 07:37

'80 - ޕެނަލްޓީ އޭރިއާ ތެރެއިން އިންޑިއާގެ އުދަންތާ ފޮނުވާލި ބާރު ހަމަލާ، ނޭޕާލުގެ ރޯހިތު ޗާންދު ބްލޮކުކޮށްފި.

17 Oct 07:34

'77 - ނޭޕާލުގެ ނުރައްކާތެރި ހަމަލާއެއް. ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ނޭޕާލުގެ ރޯހިތު ޗާންދު ފޮނުވާލި ހަމަލާ އަމާޒުވީ އިންޑިއާ ގޯލުގެ ހުރަސް ދަނޑިއަށް.

17 Oct 07:33
17 Oct 07:31

'73 - އިންޑިއާގެ ނުރައްކަލެއް. އިންޑިއާގެ އަނިރުދް ތާޕާ ފޮނުވާލި ހަމަލާ، ނޭޕާލުގެ ކީޕަރު ކިރަން ވަނީ މަތަކޮށްފައި. އެ ބޯޅައަށް ޕެނަލްޓީ އޭރިއާ ތެރެއިން ޗެތުރީ ވެސް މަސައްކަތްކުރި.

17 Oct 07:28

'69 - އިންޑިއާގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ތެރެއިން ސުރޭޝް ފޮނުވާލި ހަމަލާ، ނޭޕާލުގެ ގޯލާ އަމާޒުވެފައެއް ނުވޭ.

17 Oct 07:27
17 Oct 07:25

'67 - އިންޑިއާގެ ކެޕްޓަން ޗެތުރީގެ ނުރައްކަލެއް. ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ޗެތުރީ ފޮނުވާލި ހަމަލާ، ނޭޕާލުގެ ކީޕަރު ކިރަން ވަނީ މަތަކޮށްފައި.

17 Oct 07:23

'65 - އިންޑިއާގެ ތޭޖް ތަމަންގް ހުސްކޮށް ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ، ހަމަލާއެއް ފޮނުވައިލުމުގެ ކުރިން ރޯހިތު ޗާންދު ޓެކަލްކޮށް ދިފާއުކޮށްފި.

17 Oct 07:18
17 Oct 07:18

މިރޭގެ މެޗުގައި ޗެތުރީ ޖެހި ގޯލަކީ ގައުމީ ޓީމަށް އޭނާ ޖަހައިދިން 80 ވަނަ ގޯލު. އެ ގޯލާއެކު ޗެތުރީ ވަނީ އާޖެންޓީނާގެ ލިއޮނެލް މެސީ ގައުމީ ޓީމަށް ޖެހި ގޯލުގެ އަދަދާ އެއްވަރުކޮށްފައި. މެސީއާއި ޗެތުރީއަކީ މިހާރު ތާރީހުގައި ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިންގެ ލިސްޓުގެ ފަސްވަނަ.

17 Oct 07:13
17 Oct 07:12

'53 - އިންޑިއާއަށް އިތުރު ފުރުސަތެއް. ޗެތުރީ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން މަންވީރު ސިންހް ފޮނުވާލި ހަމަލާ، ނޭޕާލުގެ ޑިފެންޑަރު ދިނޭޝް ވަނީ ދިފާއުކޮށްފައި.

17 Oct 07:09

އިންޑިއާ އިން ލީޑު ފުޅާކޮށްފައި މިވަނީ ފުރަތަމަ ލަނޑު ޖެހިތާ މިނެޓެއް ވެސް ނުވަނީސް.

17 Oct 07:09

'50 - އިންޑިއާ އިން ލީޑު ފުޅާކޮށްފި. ޔާސިރު މުހައްމަދު ދިން ބޯޅައަކުން ނޭޕާލުގެ ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން އިންޑިއާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ސުރޭޝް ސިންހް.

17 Oct 07:07

'49 - އިންޑިއާ އިން ލީޑު ހޯދައިފި. ޕްރިތަމް ކޮޓާލް ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން އިންޑިއާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ކެޕްޓަން ސުނިލް ޗެތުރީ.

17 Oct 07:02

ދެވަނަ ހާފުގެ ކުޅުން ފަށައިފި.

17 Oct 06:49

ފުރަތަމަ ހާފުގެ އުސްއަލިތައް

  • މެޗުގެ ފުރަތަމަ ހާފު ޑޮމިނޭޓްކޮށް ކުޅުނީ އިންޑިއާއިން
  • ހަމަލާތައްވެސް ގިނައިން އުފެއްދީ އިންޑިއާއިން
  • ފުރަތަމަ ހާފުގައި ޗެތުރީގެ ހަމަލާއެއްގެ އިތުރުން ޔާސިރު އަދި ސުރޭޝްގެ ހަމަލާތައް މަތަކުރީ ކިރަން
  • ނޭޕާލަށްވެސް ބައެއް ފުރުސަތުތައް ލިބިފައިވޭ
  • ނަވަޔުގުގެ ހަމަލާ ދަނޑިއަށް އަމާޒުވި އިރު، ރޯހިތު ޗާންދަށް ލިބުނު ފުރުސަތުގައި އޭނާ ކައްސާލި
  • ހާފު ނިމެން ދަނިކޮށް ޗެތުރީއަށް އޭރިއާ ތެރެއިން ހުސް ފުރުސަތެއް ލިބި ބޭކާރުވި
  • ފުރަތަމަ ހާފު އެއްކޮށް ކަހަލަ ގޮތަކަށް ކުޅުނީ ބޯ ވާރޭގައި
17 Oct 06:48

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެން.

17 Oct 06:46

ނޭޕާލުގެ ކީޕަރު ކިރަންއަށް ލިބުނު އަނިޔާއަކާ ގުޅިގެން ދަނޑުމަތީގައި އޭނާއަށް ފަރުވާދިނުމަށް ކުޅުން މެދުކަނޑާލުމަށްފަހު އަލުން ކުޅުން ފަށައިފި.

17 Oct 06:46

ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި އެއް މިނެޓުގެ ކުޅުން ދައްކައިފި.

17 Oct 06:45

'44 - އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީއަށް ހުސް ފުރުސަތެއް. ޕްރިތަމް ކޮޓާލް ނަގައިދިން ހުރަހުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ޗެތުރީ ފޮނުވާލި ހަމަލާ ދިޔައީ ނޭޕާލު ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް.

17 Oct 06:44

'43 - އިންޑިއާގެ ކީޕަރު ގުރަޕްރީތު ސިންހުގެ ފަރާތުން ގޯހެއް. އޭނާ ކުރިއަށް ފޮނުވާލި ބޯޅަ، ތޭޖް ތަމަންގް ވަނީ ބްލޮކްކޮށްފައި. އެ ބޯޅަ ނޭޕާލުގެ އެހެން ކުޅުންތެރިޔަކަށް ލިބުމުގެ ކުރިން ކީޕަރު ގްރަޕްރީތު ވަނީ ހޯދާފައި.

17 Oct 06:42

'42 - ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު އަނިރުދް ތާޕާ، ނޭޕާލުގެ ގޯލަށް ނުރައްކާކުރުމުގެ ކުރިން ގޯތަމް ޝްރެސްތާ ޓެކުލްކޮށް ދިފާއުކޮށްފި.

17 Oct 06:41

'40 - ޕްރިތަމް ނަގައިދިން ހިލޭ ޖެހުން، ނޭޕާލުގެ ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރި އިންޑިއާގެ ޑިފެންޑަރު ރާހުލް ބެކޭއަށް ލިބުނު ނަމަވެސް، އޭނާގެ ފައިގައި ރަނގަޅަށް ބޯޅަ ލައްވާލައިފައެއް ނުވޭ.

17 Oct 06:39

'40 - ޕްރިތަމްއަށް ނޭޕާލުގެ ސޫޖަލް ކުރި ފައުލަކާ ގުޅިގެން ނޭޕާލުގެ ހާފުގެ ތެރެއިން އިންޑިއާއަށް ހިލޭ ޖެހުމެއް.

17 Oct 06:38

އިންޑިއާގެ ފަރާތުން ފެންނަނީ ވަރަށް ހަމަޖެހިލައިގެން، ރީތި ކުޅުމެއް ކުޅެމުންދާ ތަން. ނަމަވެސް އިންޑިއާއަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރެވިފައެއް ނުވޭ.

17 Oct 06:32

ނޭޕާލުގެވެސް އެންމެ މުހިއްމު އެއް ކުޅުންތެރިޔާ އަންޖަން ބިސްތާވެސް މިރޭގެ މެޗަށް ހުރީ ސަސްޕެންޝަންގައި. އެންމެފަހުން ނޭޕާލުން ބަންގުލަދޭޝާ ދެކޮޅަށް ކުޅުނު މެޗުގައިވެސް ގޯލު ޖެހީ އޭނާ.

17 Oct 06:29

ފައިނަލަށް ނުކުންނަ އިރު، އިންޑިއާ ޓީމަށް ބައެއް އަނިޔާގެ މައްސަލަތަކުގެ އިތުރުން ސަސްޕެންޝަންގެ މައްސަލަތައްވެސް ވަނީ ކުރިމަތިވެފައި. އިންޑިއާ ޓީމުން މުހިންމު ކުޅުމެއް ދައްކަމުން ދިޔަ ފާރުކް ޗޯދުރީއަށް އޭސީއެލްގެ އަނިޔާއަކާ ކުރިމަތިވެ ގިނަ ދުވަސްތަކަކަށް ކުޅުމާ ދުރަށް ދާން ޖެހިފައިވާ އިރު، ބްރޭންޑަން ފެނާންޑޭސްވެސް ހުރީ އަނިޔާގައި. އަދި އިންޑިއާގެ އެންމެ މުހިންމު ޑިފެންޑަރު ސުބަހަޝީޝް ބޯސްއަށް ރާއްޖެ މެޗުގައި ދެއްކި ރަތްކާޑާއެކު އޭނާ ހުރީ ސަސްޕެންޝަނުގައި.

17 Oct 06:27

27' - ޗެތުރީގެ ހަމަލާއެއް. އަރިމަތިން އޭރިއާ ތެރެއަށް ވަދެ ތިރިތިރިން ފޮނުވާލި ހަމަލާ ކިރަން ވަނީ މަތަކޮށްފައި.

17 Oct 06:25

23' - އިންޑިއާއިން އަނެއްކާވެސް ނުރައްކާކޮށްފި. އަނީރުދު ތާޕާ އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާ ބްލޮކް ކުރީ ޑިނޭޝް. އަދި ދުރުން ޔާސިރު ފޮނުވާލި ހަމަލާ ބޭރުކޮށްލީ ކިރަން.

17 Oct 06:21

16' ނޭޕާލަށް ހުސް ފުރުސަތެއް. އަރިމަތިން ނަގައިދިން ހުރަސް އިންޑިއާގެ ޑިފެންޑަރު ރާހުލް ފައިގައި ޖެހި ކަހާލައިގެން ގޮސް ލިބުނީ ނޭޕާލްގެ ރޯހިތު ޗާންދަށް. ގޯލު ކުރިމަތީގައި ހުސްކޮށް ހުރި ޗާންދަށްވެސް ބޯޅަ ފޮނުވައި ނުލެވުނީ ކައްސާލައިގެން.

17 Oct 06:16

އިންޑިއާއަކީ ތާރީހުގައި ބޭއްވި ފުރަތަމަ ސާފް ޗެމްޕިއަންޝިޕްގެވެސް ޗެމްޕިއަނުން. ޕާކިސްތާނުގެ ލާހޯރުގައި 1993 ވަނަ އަހަރު ބޭއްވި އެ ސާފް ޗެމްޕިއަންޝިޕްގައި ހަތަރު ޓީމަކުން ވާދަކުރި. އެ ހަތަރު ޓީމަކީ ޕާކިސްތާން، އިންޑިއާގެ އިތުރުން ސްރީ ލަންކާއާއި ނޭޕާލް. ލީގު އުސޫލުން ކުޅުނު މުބާރާތުގެ ތަށި އިންޑިއާއިން ނެގީ މެޗަކުން ބަލިނުވެ. އެ މުބާރާތުގައި އިންޑިއާގެ އެންމެ ފާހަގަކޮށްލެވުނު ކުޅުންތެރިޔަކީ ފޯވަޑް އައި އެމް ވިޖާޔަން. އޭނާއަކީ އެގައުމުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ތިން ފަހަރު ހޯދި ފޯވަޑެއް.

17 Oct 06:15

އިންޑިއާއާއި ނޭޕާލުން ލީގު ބުރުގައި ކުޅުނު މެޗު އިންޑިއާއިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުން. މެޗުގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ ސުނިލް ޗެތުރީ. އެ މެޗުގައި ނޭޕާލުން ވަރަށް ބޮޑަށް ޑިފެންސިވް ކުޅުމެއްގައި. އެހެންނަމަވެސް މިރޭގެ މެޗުގައި ނޭޕާލްވެސް ފެންނަނީ ކުރީ މެޗަށްވުރެ ބޮޑަށް އެޓޭކިންގައި ކުޅެމުންދާ ތަން.

17 Oct 06:10

މިރޭގެ މެޗަށް އިންޑިއާ އަދި ނޭޕާލުގެ ސަޕޯޓަރުންވެސް ކޮންމެވެސް ވަރަކަށް ދަނޑަށް ވަދެފައިވޭ. އެހެން ނަމަވެސް ދަނޑުގެ ބޮޑު ބައި އޮތީ ހުސްކޮށް. މެޗު ކުޅެމުން ދަނީ ވިއްސާރައިގަ ކަން ފާހަގަކޮށްލެވޭ. ގައުމީ ދަނޑަށް މިހާރު ދަނީ ބޯކޮށް ވާރޭ ވެހެމުން.

17 Oct 06:09

6' - ނޭޕާލަށް ހުސް ފުރުސަތެއް. ލާމާ ނެގި ހުރަސް އިންޑިއާގެ ގޯލްކީޕަރު ގްރަޕްރީތު އަތުން ދޫވުމުން ނުވަޔުގް ފޮނުވާލި ބޯޅަ އަމާޒުވީ ދަނޑިއަށް. އެ ހަމަލާ ފޮނުވާލަން އުޅުމުގެ ތެރޭގައި ނުވަޔުގް ފައުލް ކުރި ކަމަށް ރެފްރީ ޖެހުން ދިން.

17 Oct 06:06

4' - އިންޑިއާގެ ނުރައްކާތެރި ހަމަލާއެއް. ޔާސިރު ދުރުން ފޮނުވާލި ހަމަލާ ގޯލްކީޕަރު ކިރަން ކުމާރު މަތަކުރި. އަދި ރީބައުންސްގައި ޝްރެސްތާ އޭރިއާ ތެރެއަށް ވަދެ ޖެހި ބޯޅަވެސް ހުޝިޔާރުކަމާއެކު ކިރަން މަތަކުރި.

17 Oct 06:03

މެޗު ފެށިއްޖެ. މެޗުގެ ކުޅުން ފެށީ އިންޑިއާއިން.

އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021ގެ ފައިނަލް މެޗުގައި ނޭޕާލާއި އިންޑިއާ ވާދަކުރާ މެޗުގެ ލައިވް ކަވަރޭޖަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!

މިރޭގެ ފައިނަލް މެޗަކީ އިންޑިއާގެ 12 ވަނަ ފައިނަލް މެޗު. މިހާތަނަށް އިންޑިއާއިން ހަތް ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވޭ. އެންމެފަހުން އެޓީމުން މުބާރާތް ކާމިޔާބު ކޮށްފައި ވަނީ 2015 ވަނަ އަހަރު. އިންޑިއާއަކީ މުބާރާތުގެ ތާރީހުގައިވެސް އެންމެ ކާމިޔާބު ގައުމު. އަނެއްކޮޅުން ފައިނަލަށް ނުކުންނަ ނޭޕާލަށް މިރޭގެ މެޗަކީ ތާރީހީ މެޗެއް. މިއީ އެގައުމުގެ ތާރީހުގައިވެސް އެންމެ ފުރަތަމަ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލް. ނޭޕާލުން މިރޭ ނުކުންނާނީ ފުރަތަމަ ފަހަރަށް މުބާރާތް ކާމިޔާބު ކުރުމުގެ ވިސްނުމުގައި.

ފައިނަލަށް ކުރި ދަތުރު

ނޭޕާލް
  • ނޭޕާލް 1-0 ދިވެހި ރާއްޖެ
  • ނޭޕާލް 3-2 ސްރީ ލަންކާ
  • ނޭޕާލް 0-1 އިންޑިއާ
  • ނޭޕާލް 1-1 ބަންގުލަދޭޝް
އިންޑިއާ
  • އިންޑިއާ 1-1 ބަންގުލަދޭޝް
  • އިންޑިއާ 0-0 ސްރީ ލަންކާ
  • އިންޑިއާ 1-0 ނޭޕާލް
  • އިންޑިއާ 3-1 ދިވެހި ރާއްޖެ

ކޯޗުންގެ ކުރިމަތިލެއް، ދެ ކޯޗުންވެސް ބެންޗުގައި ނުތިބޭނެ

އިންޑިއާގެ ކޯޗު އީގޯ ސްޓިމަކާއި ނޭޕާލް ކޯޗު އަބްދުﷲ އަލް މުތައިރީއަކީ މިހާތަނަށް މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އެންމެ ބޮޑަށް ބަހުގެ ހަމަލާތައް ބަދަލުކުރި ދެ ކޯޗުން. ނޭޕާލާއި އިންޑިއާ ކުޅުނު މެޗުގައި އިންޑިއާ ގޯލު ޖެހުމުން އިންޑިއާ ކޯޗު އުފާފާޅުކުރީވެސް ނޭޕާލް ކޯޗުގެ ސެލެބްރޭޝަނަށް "ޖޯކު" ޖެހުމަށް ކަމަށް ނޭޕާލް ކޯޗު ވަނީ ބުނެފައި. އެހެން ނަމަވެސް އިންޑިއާގެ ކޯޗު އެކަމަށް އިންކާރު ކުރި.

މިރޭގެ މެޗަށް ނުކުންނައިރު ދެ ކޯޗުންވެސް ބެންޗުގައި ނުތިބޭނެ. އިންޑިއާ ކޯޗު ބެންޗުގައި ނުހުންނާނީ ރާއްޖެއާ ދެކޮޅަށް އިންޑިއާ ކުޅުނު މެޗުގައި އޭނާއަށް ދެއްކި ރަތް ކާޑުގެ ސަބަބުން. މުތައިރީ ބެންޗުގައި ނުހުންނާނީ އޭނާއަށް ދެ ރީނދޫކާޑު ދަައްކާފައިވުމުން. ދެ ރީނދޫ ކާޑު ދެއްކުމުން މުތައިރީއަށް ބެންޗުގައި ނީނދެވޭނެ ކަމަށް ސާފުން އެންގުމުން އެކަމާ އޭނާ ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފައި. މުތައިރީ ބުނީ ދެ ރީނދޫ ކާޑު ދެއްކި ނަމަވެސް ކޯޗަކަށް ބެންޗުގައި ނީނދެވޭނެ ކަމަށް ސާފްގެ ގަވާއިދު ބުނެފައި ނުވާ ކަމަށާއި، އެ މައްސަލައިގައި ސާފް ގޮވައިގެން ކުޅިވަރުގެ ކޯޓް އޮފް އާބިޓްރޭޝަން އަދި ފީފާއަށްވެސް ދާނެ ކަމަށް.