ސާފް ޗެމްޕިއަންޝިޕް

އިންޑިއާ 3-1 ރާއްޖެ

14 Oct 09:34

މެޗުގެ އުސްއަލިތައް

  • މެޗަށް ދިވެހި އެތައް ހާސް ސަޕޯޓަރުންނެއް ދަނީ ދަނޑަށް ވަދެ ފޯރި ދެމުން
  • މެޗުގެ ފުރަތަމަ ހާފު ޑޮމިނޭޓްކޮށްގެން ކުޅުނީ އިންޑިއާއިން
  • މެދުތެރެއިން ބޯޅަ ޑޮމިނޭޓުކޮށް، ރާއްޖެއަށް ޕާސްތައް ޖެހުމަށް ހުރަސް އެޅި
  • އިންޑިއާގެ ސެޓް ޕީސްތަކުން ނުރައްކާ ކުރި، ޗެތުރީ ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށް
  • ކައުންޓާ ދެ ފުރުސަތެއްގައި ދަގަނޑޭއަށް ގޯލަށް ޖަހަން ލިބުނު ނަމަވެސް އޭނާގެ ދެ ހަމަލާވެސް ބްލޮކުވި
  • އިންޑިއާއިން ލީޑު ނެގީ މަންވީރު ސިންހްގެ ގޯލުން، އޭނާ އޭރިއާ ތެރެއަށް ވަދެ ގޯލަށް ބޯޅަ ވައްދާލީ މަތީ ދާގަނޑަށް
  • ހާފުގެ ފަހު ކޮޅުގައި ރާއްޖޭގެ ފަހަތުން ގޯސްތަކެއް ހެދި، ހާއްސަކޮށް މިސް ޕާސްތައް ގިނަ
  • ހާފު ނިމެންދަނިކޮށް ރާއްޖެ ނަތީޖާ ހަމަކުރީ ލިބުނު ޕެނަލްޓީއަކުން، ރާއްޖެއަށް ގޯލު ކާމިޔާބުކޮށްދިނީ ދަގަނޑޭ
  • ދެވަނަ ހާފުގެ ކުރީކޮޅުގައި ރާއްޖެއިން ކުޅުން ރަނގަޅު ކުރި ނަމަވެސް އިންޑިއާ އަނެއްކާވެސް މެޗުގެ ތެރެއަށް ވަން
  • އިންޑިއާއިން ދެވަނަ ފަހަރަށް މެޗުގެ ލީޑު ނެގީ ޗެތުރީގެ ގޯލުން
  • އެ ގޯލަށްފަހު ރާއްޖޭގެ ދަގަނޑޭގެ ހިތްގައިމު ހިލޭ ޖެހުމެއް މަތަކުރީ އިންޑިއާ ގޯލްކީޕަރު ގްރަޕުރީތު
  • އިންޑިއާއަށް މެޗުގެ ތިންވަނަ ގޯލު ޖަހައިދިނީ ޕްރިތަމް ކޮޓާލް ނަގައިދިން ހިލޭ ޖެހުމަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރި ޗެތުރީ
  • ފަސޭހަކޮށް ވަން އެ ގޯލުގައި ރާއްޖޭގެ ގޯލްކީޕަރު ފައިސަލްގެ ފަރާތުން އެންމެ އެދެވޭ މަސައްކަތެއް ނުފެނުނު
  • އިންޑިއާއިން ނޭޕާލާ ދެކޮޅަށް ހޮނިހިރު ދުވަހު ނުކުންނާނީ އެޓީމުގެ 12 ވަނަ ފައިނަލަށް
14 Oct 09:32
14 Oct 08:54

މެޗުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 3-1ގެ ނަތީޖާއަކުން އިންޑިއާ ކުރީގައި އޮވެގެން. ފައިނަލުގެ ދެވަނަ ޖާގަ އިންޑިއާއަށް. އަންނަ ހޮނިހިރު ދުވަހުގެ ރޭ ކުޅޭ ފައިނަލުގައި އިންޑިއާ ނުކުންނާނީ ނޭޕާލާ ދެކޮޅަށް. ނޭޕާލަކީ ފައިނަލަށް މުޅިން އާ ޓީމެއް.

14 Oct 08:52

'90+4 - ރާއްޖެއަށް ރަނގަޅު ފުރުސަތެއް. ދަގަނޑޭ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން އިބްރާހިމް ވަހީދު ހަސަން (އިއްބެ) ފޮނުވާލި ހަމަލާ ދިޔައީ އިންޑިއާ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށް.

14 Oct 08:49

'90+3 - ދާދުއަށް ކުރި ފައުލަކާ ގުޅިގެން އިންޑިއާގެ ސުބަސިޝް ބޯސްއަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑެއް. އޭނާއަށް ފައިނަލު މެޗުގައި ނުކުޅެވޭނެ.

14 Oct 08:48

'90+2 - ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު އިންޑިއާގެ ގްލެން މާޓިންސް ހަމަލާއެއް ފޮނުވާލުމުގެ ކުރިން ރާއްޖޭގެ ޑިފެންޑަރުން ދިފާއުކޮށްފި.

14 Oct 08:47

ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ހަތަރު މިނެޓުގެ ކުޅުން ދައްކައިފި.

14 Oct 08:46

'89 - ރާއްޖެއަށް ފުރުސަތެއް. އަސަދުﷲ ދިން ބޯޅައެއް ދަގަނޑޭ ޖައްސާލުމާއެކު ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ދާދު ފޮނުވާލި ހަމަލާ، އިންޑިއާގެ ގޯލާ އަމާޒުވެފައެއް ނުވޭ.

14 Oct 08:37

'80 - އިންޑިއާގެ ކޯޗު ސްޓިމަކް އިގޯއަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑެއް. އިންޑިއާ ފައިނަލަށް ގޮސްފި ނަމަ، އެ މެޗުގައި އޭނާއަށް ބެންޗުގައި ނީނދެވޭނެ.

14 Oct 08:36

'79 - ރާއްޖޭގެ ނުރައްކަލެއް. އުމައިރު ފޮނުވާލި ހިލޭ ޖެހުމުން ސެންޓޭ ހަމަލާއެއް ފޮނުވާލި ނަމަވެސް، އިންޑިއާގެ ކީޕަރު ގުރްޕްރީތު ސިންހް ވަނީ މަތަކޮށްފައި.

14 Oct 08:34

'77 - އުމައިރު ނަގައިދިން ހުރަސް، އިންޑިއާގެ ޑިފެންޑަރުން ދިފާއުކޮށްފި. ޕެނަލްޓީ އޭރިއާ ބޭރުން ދަގަނޑޭއަށް ލިބުނު ނަމަވެސް، އޭނާގެ ފައިގައި ރަނގަޅަށް ލައްވާލައިފައެއް ނުވޭ.

14 Oct 08:28

'71 - އިންޑިއާ އިން ލީޑު ފުޅާކޮށްފި. ޕްރިތަމް ކޮޓާލް ނަގައިދިން ހިލޭ ޖެހުމަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން އިންޑިއާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ދެވަނަ ލަނޑު ވެސް ކާމިޔާބުކޮށްދިން ކެޕްޓަން ޗެތުރީ.

14 Oct 08:26

'69 - ސުރޭޝްއަށް ކުރި ފައުލަކާ ގުޅިގެން ރާއްޖޭގެ މިޑްފީލްޑަރު އައިސަމްއަށް ރީނދޫ ކާޑެއް. ރާއްޖެ ފައިނަލަށް ގޮސްފި ނަމަ، އެ މެޗަށް އޭނާ ހުންނާނީ ސަސްޕެންޝަނުގައި.

14 Oct 08:23

'67 - އިންޑިއާގެ އިތުރު ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ކެޕްޓަން ޗެތުރީ ފޮނުވާލި ހަމަލާ، ރާއްޖޭގެ ޑިފެންޑަރު ސަމުއްޓޭ ވަނީ ބްލޮކްކޮށްފައި.

14 Oct 08:22

'66 - އިންޑިއާއަށް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއިން އުދަންތާ ސިންހް ފޮނުވާލި ހަމަލާ، ރާއްޖޭގެ ޑިފެންޑަރު ހައިޝަމް ވަނީ ބްލޮކްކޮށްފައި.

14 Oct 08:21

'64 - ދަގަނޑޭ ފޮނުވާލި ހިލޭ ޖެހުން އިންޑިއާގެ ކީޕަރު ގުރްޕްރީތު ސިންހް މަތަކޮށްފި.

14 Oct 08:20
14 Oct 08:20

'63 - ދަގަނޑޭއަށް ސަނާ ސިންހް ކުރި ފައުލަކާ ގުޅިގެން އިންޑިއާގެ ޕެނަލްޓީ އޭރިއާ ބޭރުން ރާއްޖެއަށް ހިލޭ ޖެހުމެއް.

14 Oct 08:19

'62 - އިންޑިއާ އިން އަލުން ލީޑު ހޯދައިފި. މަންވީރު މެއިން ޖައްސާލި ބޯޅައިން އިންޑިއާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ކެޕްޓަން ސުނިލް ޗެތުރީ. ޕެނަލްޓީ އޭރިއާ ތެރެއިން ހުސްކޮށް ހުރެ ޗެތުރީ، ރާއްޖޭގެ ގޯލަށް އެ ބޯޅަ ފޮނުވާލީ ވަރަށް ބާރު ހަމަލާއަކުން.

14 Oct 08:18

'61 - މަންވީރު ސިންހް ހުރަހެއް ނެގުމުގެ ކުރިން ރާއްޖޭގެ ޕެނަލްޓީ އޭރިއާ ތެރެއިން ސަމުއްޓޭ ދިފާއުކޮށްފި.

14 Oct 08:17

'60 - އިންޑިއާގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ސުރޭޝް ފޮނުވާލި ބާރު ހަމަލާ، ރާއްޖޭގެ ގޯލާ އަމާޒުވެފައެއް ނުވޭ.

14 Oct 08:16
14 Oct 08:15

'58 - ކައުންޓާ އެޓޭކެއްގައި ދަގަނޑޭ ދިން ބޯޅައެއް ހިފައިގެން ގޮސް، ޕެނަލްޓީ އޭރިއާ ތެރެއިން ސެންޓޭ ފޮނުވާލި ހަމަލާ، އިންޑިއާގެ ޑިފެންޑަރު ސުބާސިޝް ބޯސް ވަނީ ބްލޮކްކޮށްފައި.

14 Oct 08:13

މި ހާފުގައި ރާއްޖޭގެ ކުޅުން ރަނގަޅު. ފުރަތަމަ ހާފުގައި ފެނުނު ގޯސްތައް މި ހާފުގައި ނުފެނޭ. އިންޑިއާއަށް ވަނީ އެޓޭކުތައް އުފެއްދުމަށް އުނދަގޫތަކަކާ ކުރިމަތިލާން ޖެހިފައި. އެޓީމުގެ ޕްރެސިންތައް މި ހާފުގައި ނުފެނޭ.

14 Oct 08:11

'54 - އިންޑިއާގެ ކޯޗު ސްޓިމަކް އިގޯއަށް ރީނދޫ ކާޑެއް.

14 Oct 08:10

'53 - ދަގަނޑޭ ނަގައިދިން ހިލޭ ޖެހުން ހޯދީ އިންޑިއާގެ ކީޕަރު ގުޕްރީތު ސިންހް.

14 Oct 08:09

'52 - ދަގަނޑޭއަށް ކުރި ފައުލަކާ ގުޅިގެން ސަނާ ސިންހަށް ރީނދޫ ކާޑެއް. ރާއްޖެއަށް ހިލޭ ޖެހުމެއް.

14 Oct 08:08

'52 - ރާއްޖޭގެ ކެޕްޓަން އަކޫ ދިން ބޯޅަ އިންޑިއާގެ ހާފުގެ ތެރެއިން ސެންޓޭއަށް ރަނގަޅަށް ކޮންޓްރޯލެއް ނުވި.

14 Oct 08:07

ބްރެންޑަން ފެނާންޑޭޒްގެ ބަދަލުގައި ކުޅެން ނުކުތީ އުދަންތާ ސިންހް.

14 Oct 08:05

'49 - އިންޑިއާގެ ބްރެންޑަން ފެނާންޑޭޒަށް އަނިޔާވެގެން ބަދަލެއް ގެންނަނީ.

14 Oct 08:01

ދެވަނަ ހާފުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ އިންޑިއާ އިން.

14 Oct 07:48

ފުރަތަމަ ހާފުގެ އުސްއަލިތައް

  • މެޗަށް ދިވެހި އެތައް ހާސް ސަޕޯޓަރުންނެއް ދަނީ ދަނޑަށް ވަދެ ފޯރި ދެމުން
  • މެޗުގެ ފުރަތަމަ ހާފު ޑޮމިނޭޓްކޮށްގެން ކުޅުނީ އިންޑިއާއިން
  • މެދުތެރެއިން ބޯޅަ ޑޮމިނޭޓުކޮށް، ރާއްޖެއަށް ޕާސްތައް ޖެހުމަށް ހުރަސް އެޅި
  • އިންޑިއާގެ ސެޓް ޕީސްތަކުން ނުރައްކާ ކުރި، ޗެތުރީ ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށް
  • ކައުންޓާ ދެ ފުރުސަތެއްގައި ދަގަނޑޭއަށް ގޯލަށް ޖަހަން ލިބުނު ނަމަވެސް އޭނާގެ ދެ ހަމަލާވެސް ބްލޮކުވި
  • އިންޑިއާއިން ލީޑު ނެގީ މަންވީރު ސިންހްގެ ގޯލުން، އޭނާ އޭރިއާ ތެރެއަށް ވަދެ ގޯލަށް ބޯޅަ ވައްދާލީ މަތީ ދާގަނޑަށް
  • ހާފުގެ ފަހު ކޮޅުގައި ރާއްޖޭގެ ފަހަތުން ގޯސްތަކެއް ހެދި، ހާއްސަކޮށް މިސް ޕާސްތައް ގިނަ
  • ހާފު ނިމެންދަނިކޮށް ރާއްޖެ ނަތީޖާ ހަމަކުރީ ލިބުނު ޕެނަލްޓީއަކުން، ރާއްޖެއަށް ގޯލު ކާމިޔާބުކޮށްދިނީ ދަގަނޑޭ
14 Oct 07:47
14 Oct 07:46

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ 1-1ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެން.

14 Oct 07:44

'45 - ޕެނަލްޓީ ކާމިޔާބުކޮށް، ރާއްޖެއަށް ނަތީޖާ ހަމަހަމަކޮށްދިނީ ދަގަނޑޭ. އޭނާ ބޯޅަ އަމާޒުކޮށްލީ އިންޑިއާ ގޯލުގެ ތިރީ ކަނަކަށް.

14 Oct 07:43

'43 - އިންޑިއާގެ ޕެނަލްޓީ އޭރިއާ ތެރެއިން ހަމްޕުއަށް ޕްރިތަމް ކޮޓާލް ކުރި ފައުލަކާ ގުޅިގެން ރާއްޖެއަށް ޕެނަލްޓީއެއް.

14 Oct 07:41

'41 - ރާއްޖޭގެ ހަމަލާއެއް. ރީތި ކުޅުމަކަށްފަހު ސެންޓޭ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ހަމްޕު ފޮނުވާލި ހަމަލާ ދިޔައީ އިންޑިއާ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށް.

14 Oct 07:41

'40 - އިންޑިއާއަށް ފުރުސަތެއް. ބްރެންޑަން ނަގައިދިން ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ސުބަސިޝް ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ރާއްޖޭގެ ކީޕަރު ފައިސަލްއާ ދިމާއަށް. ފައިސަލް އެއްލި ބޯޅަ ވެސް ވަނީ ގެއްލިފައި. ރާއްޖޭގެ ފަރާތުން ގިނަ ބޯޅަތަކެއް ގެއްލެމުންދޭ.

14 Oct 07:39

'39 - އަކޫ އަތުން ކައިރިކައިރީގައި ދެ ބޯޅަ ގެއްލިއްޖެ. ރާއްޖޭގެ ޑިފެންސަށް ވަރަށް ބޮޑު ޕްރެޝަރެއް ކުރިމަތިވާކަން ފާހަގަކުރެވޭ.

14 Oct 07:38

'38 - މަންވީރު ސިންހް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޔާސިރު ނުރައްކާކުރުމުގެ ކުރިން ރާއްޖޭގެ ޑިފެންޑަރު ސަމުއްޓޭ ދިފާއުކޮށްފި.

14 Oct 07:35
14 Oct 07:33

'33 - އިންޑިއާ އިން ލީޑު ހޯދައިފި. ނިހާޓަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، ބްރެންޑަން ދިން ބޯޅައަކުން އިންޑިއާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ މަންވީރު ސިންހް. އޭނާ އެ ލަނޑު ކާމިޔާބުކުރީ ވަރަށް ހުސްކޮށް ހުރެ ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން.

14 Oct 07:31

'31 - ދަގަނޑޭއަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން އިންޑިއާގެ ޑިފެންޑަރު ސުބަސިޝް ބޯސްއަށް ރީނދޫ ކާޑެއް. މިހާރު އިންޑިއާގެ އެންމެ ފަހަތުން ކުޅޭ ދެ ކުޅުންތެރިންނަށް ވެސް ވަނީ ކާޑެއް ދައްކާފައި.

14 Oct 07:28

'28 - ކައުންޓާ އެޓޭކެއްގައި ނިހާޓު ދިން ބޯޅައެއް ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ދަގަނޑޭ ފޮނުވާލި ހަމަލާ، އިންޑިއާގެ ޑިފެންޑަރު ސުބަސިޝް ބޯސް ވަނީ ބްލޮކުކޮށްފައި.

14 Oct 07:26

'26 - އިންޑިއާގެ ނުރައްކަލެއް. ހިލޭ ޖެހުމަކުން ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ސުނިލް ޗެތުރީ ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ރާއްޖޭގެ ގޯލުގެ ހުރަސް ދަނޑިއަށް.

14 Oct 07:25

'26 - ޗެތުރީއަށް ކުރި ފައުލަކާ ގުޅިގެން ރާއްޖޭގެ ޑިފެންޑަރު ސަމުއްޓޭއަށް ރީނދޫ ކާޑެއް.

14 Oct 07:24

'24 - ސެންޓޭ ފޮނުވާލި ހިލޭ ޖެހުން ޕެނަލްޓީ އޭރިއާ ތެރެއިން އިންޑިއާގެ ޑިފެންޑަރު ރާހުލް ބެކޭ ވަނީ ދިފާއުކޮށްފައި.

14 Oct 07:23

'23 - ހަމްޕުއަށް ކުރި ފައުލަކާ ގުޅިގެން އިންޑިއާގެ ރާހުލް ބެކޭއަށް ރީނދޫ ކާޑެއް. އިންޑިއާގެ ޕެނަލްޓީ އޭރިއާ ބޭރުން ރާއްޖެއަށް ހިލޭ ޖެހުމެއް.

14 Oct 07:22

އިންޑިއާ އިން ކުރިއަށް ޖެހި ކުޅެމުންދަނީ އެޓޭކިން ފުޓުބޯޅައެއް. ބޯޅަ ގެއްލުމުން އެޓީމުން އަވަހަށް ރާއްޖޭގެ ކުޅުންތެރިން އަތުން ބޯޅަ ހޯދުމަށް ޕްރެސް ކުރުމަށް މަސައްކަތްކުރޭ.

14 Oct 07:21

'21 - ފޭދޫ އިއްބެއަށް ކުރި ފައުލަކާ ގުޅިގެން އިންޑިއާގެ މަންދަރް ރާއޯއަށް ރީނދޫ ކާޑެއް. ރާއްޖެއަށް އިތުރު ހިލޭ ޖެހުމެއް.

14 Oct 07:20

'20 - ކައުންޓާ އެޓޭކެއްގައި ނުރައްކާކުރުމަށް މަސައްކަތްކުރަނިކޮށް، ދަގަނޑޭއަށް އިންޑިއާގެ ޑިފެންޑަރު ރާހުލް ބެކޭ ކުރި ފައުލަކާ ގުޅިގެން އިންޑިއާގެ ހާފުގެ ތެރެއިން ރާއްޖެއަށް ހިލޭ ޖެހުމެއް.

14 Oct 07:17

'18 - ކޯނަރެއްގެ ތެރެއިން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ޗެތުރީ ފޮނުވާލި އޯވަހެޑް ރާއްޖޭގެ ގޯލާ އަމާޒެއް ނުވި.

14 Oct 07:17

'17 - ޔާސިރު ނަގައިދިން ހުރަސް، ޕެނަލްޓީ އޭރިއާ ތެރެއިން ސުނިލް ޗެތުރީއަށް ލިބުމުގެ ކުރިން ރާއްޖޭގެ ޑިފެންޑަރު ސިފާއު ދިފާއުކޮށްފި.

14 Oct 07:16

އިންޑިއާ އިން ޕްރެސްކޮށްގެން ކުޅެމުންދާތީ ރާއްޖޭގެ ކުޅުންތެރިން އަތުން ބޯޅަ ގެއްލެމުންދާކަން ފާހަގަކޮށްލެވޭ.

14 Oct 07:13
14 Oct 07:13

'13 - ރާއްޖޭގެ ހަމަލާއެއް. ސެންޓޭ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ) ފޮނުވާލި ބޯޅައިގައި ބާރެއް ނެތް. އެ ބޯޅަ އިންޑިއާގެ ކީޕަރު ގުޕްރީތު ސިންހް ސަންދޫ ވަނީ ފަސޭހަކަމާއެކު ހޯދާފައި.

14 Oct 07:12

'12 - ނިހާޓު އަތުން ގެއްލުނު ބޯޅައަކުން ބްރެންޑަން ދުރުން ފޮނުވާލި ހަމަލާ، ރާއްޖޭގެ ގޯލާ އަމާޒުނުވެ ބޭރަށް.

14 Oct 07:10

މެޗުގެ ފުރަތަމަ ދިހަ މިނެޓުގެ ކުޅުން ނިމުނު އިރު، ދެ ޓީމުން ވެސް ވަނީ އެޓޭކުތަކެއް ކޮށްފައި. ނަމަވެސް ދެ ޓީމުގެ ކީޕަރުންނަށް ނުރައްކާކުރެވިފައެއް ނުވޭ.

14 Oct 07:09

'9 - އިންޑިއާއަށް ހެދުނު ގޯހަކުން ދަގަނޑޭއަށް ލިބުނު ބޯޅައެއް ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ފޮނުވާލި ހަމަލާ، އިންޑިއާގެ ޑިފެންޑަރު ރާހުލް ބެކޭ ބްލޮކްކޮށްފި.

14 Oct 07:08

ޗެތުރީ ފޮނުވާލި ހިލޭ ޖެހުން ރާއްޖޭގެ ވޯލުގައި ޖެހި ބްލޮކުވެއްޖެ. މަންދީރު ރާއޯ ފޮނުވާލި ހަމަލާ ވެސް ވަނީ ބްލޮކްވެފައި.

14 Oct 07:07

'8 - ނިހާޓު ކުރި ފައުލަކާ ގުޅިގެން ރާއްޖޭގެ ޕެނަލްޓީ އޭރިއާ ބޭރުން އިންޑިއާއަށް ހިލޭ ޖެހުމެއް.

14 Oct 07:07

'7 - ދަގަނޑޭ ނަގައިދިން ހިލޭ ޖެހުން ސަމޫހު ބޮލުގައި ލައްވައިލާ ގޮތެއް ނުވި. ޕެނަލްޓީ އޭރިއާ ބޭރުން ހުސައިން ނިހާނު (ނިހާޓު) އަށް ލިބުނު ބޯޅަ ވެސް ރަނގަޅަށް ނިންމައެއް ނުލެވުނު.

14 Oct 07:05

'6 - މެޗުގެ ފުރަތަމަ ކޯނަރު ރާއްޖެއަށް. ނަގައިދެނީ ދަގަނޑޭ.

14 Oct 07:05

'5 - ހަމްޕުއަށް އިންޑިއާގެ ޕްރިތަމް ކުރި ފައުލަކާ ގުޅިގެން އިންޑިއާގެ ހާފުގެ ތެރެއިން ރާއްޖެއަށް ހިލޭ ޖެހުމެއް.

14 Oct 07:02

މި މެޗަށް ދެ ޓީމުން ވެސް ނެރުނީ އެ ދެ ޓީމު އެންމެ ފަހުން ނެރުނު ފުރަތަމަ 11.

14 Oct 07:00

މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ރާއްޖެއިން.

14 Oct 06:59

ރާއްޖޭގެ ޓީމުން ސިފާއު، ހަމްޕު އަދި އައިސަމްއަށް ވަނީ ކުރީ މެޗުތަކުން ރީނދޫ ކާޑެއް ދައްކާފައި.

14 Oct 06:54

މެޗަށް އިންޑިއާ އަދި ރާއްޖޭގެ ޓީމު ދަނޑަށް އަރައިފި.

14 Oct 06:51
14 Oct 06:51

މެޗު ބައްލަވައިލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ދަނޑަށް ވަޑައިގެންފައި.

14 Oct 06:50
14 Oct 06:48

މެޗަށް ގިނަ އަދަދެއްގެ ދިވެހި ސަޕޯޓަރުން ވަނީ ދަނޑަށް ވަދެފައި. މުޅި ދަނޑު ވަނީ ރަތް ކުލައިން ފުރާލާފައި.

އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021ގެ ދިހަވަނަ މެޗުގައި ރާއްޖެއާއި އިންޑިއާ ވާދަކުރާ މެޗުގެ ލައިވް ކަވަރޭޖަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!

މިރޭގެ މެޗަކީ އިންޑިއާއި ރާއްޖެވެސް ލީގު ބުރުގައި ކުޅޭ އެންމެ ފަހު މެޗު. މެޗަކީ ދެޓީމަށްވެސް ފައިނަލެއް ފަދަ މެޗެއް. މިރޭގެ މެޗުން ޕޮއިންޓެއް ލިބުނު ނަމަވެސް ރާއްޖެ ފައިނަލަށް ދާނެ. އިންޑިއާއަށް ފައިނަލަށް ދެވެން އޮތީ އެންމެ ގޮތެއް. އެއީ ރާއްޖެ ބަލިކޮށް، ތިން ޕޮއިންޓު ހޯދައިގެން. ލީގު ބުރުގައި ރާއްޖެއިން މިހާތަނަށް ކުޅުނު ތިން މެޗުން ލިބިފައިވަނީ ހަ ޕޮއިންޓު. މިވަގުތު ރާއްޖެ އޮތީ ދެވަނައިގައި. އިންޑިއާއަށް ތިން މެޗުން ލިބިފައިވަނީ ފަސް ޕޮއިންޓު. އެޓީމު އޮތީ ތިންވަނައިގައި. މިވަގުތު އެއްވަނައިގައި އޮތް ނޭޕާލަށް ވަނީ ފައިނަލް ޔަގީންވެފައި.

ސާފްގެ ދެ ލެޖެންޑުން، އަޝްފާގާއި ޗެތުރީގެ ކުރިމަތިލުމެއް

ދެކުނު އޭޝިއާގެ ފުޓުބޯޅައިގެ ތާރީހުގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ރާއްޖޭގެ އަލީ އަޝްފާގު (ދަގަނޑޭ) އާއި އިންޑިއާގެ ސުނިލް ޗެތުރީ ހިމެނޭ. ރާއްޖޭގެ ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ކާމިޔާބުކޮށްދިން ކުޅުންތެރިޔަކީ އުމުރުން 36 އަހަރުގެ ދަގަނޑޭ. އޭނާ ވަނީ 85 މެޗުން 55 ގޯލު ކާމިޔާބުކޮށްދީފައި. ހަމަ އެފަދައިން އުމުރުން 37 އަހަރުގެ ޗެތުރީ އަކީ އިންޑިއާއަށް އެންމެ ގިނަ ގޯލު ކާމިޔާބުކޮށްދިން ކުޅުންތެރިޔާ. ޗެތުރީ ވަނީ 123 މެޗުން 77 ގޯލު ކާމިޔާބުކޮށްދީފައި.

ސާފް ޗެމްޕިއަންޝިޕްގެ ތާރީހުގައިވެސް އެންމެ ގިނަ ގޯލު ޖެހި ދެ ކުޅުންތެރިންނަކީ ޗެތުރީއާއި ދަގަނޑޭ. ސާފް ޗެމްޕިއަންޝިޕުގައި ދަގަނޑޭ 22 ގޯލު ޖަހާފައިވާ އިރު، ޗެތުރީ ވަނީ 15 ގޯލު ޖަހައިފައި. ދަގަނޑޭއާއި ޗެތުރީ ވަނީ މިހާތަނަށް މި މުބާރާތުގައިވެސް ކޮންމެ ކުޅުންތެރިޔަކު ދެ ގޯލު ޖަހައިފައި.

މިރޭ ދަނޑުމަތިން އެ ދެކުޅުންތެރިންގެ ނުރައްކާ ފެނިގެންދާނެ.

އިންޑިއާއާއި ރާއްޖެ، ސާފްގެ އެންމެ ބޮޑު ވާދަވެރިކަން

ރާއްޖެއާއި އިންޑިއާއަކީ ސާފުގެ އެންމެ ކާމިޔާބު ދެޓީމު. އިންޑިއާއިން ހަތް ފަހަރު މުބާރާތް ކާމިޔާބުކޮށް، ހަތަރު ފަހަރު ރަނަރަޕްކަން ހޯދާފައިވޭ. ރާއްޖެއިން ވަނީ ދެފަހަރު މުބާރާތް ކާމިޔާބުކޮށް، ޖުމުލަ ފަސް ފައިނަލެއްގައި ކުޅެފައި. ރާއްޖެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި 2008 އަދި 2018 ގައިވެސް ތަށި ނެގީ ފައިނަލުގައި އިންޑިއާ ބަލިކޮށްފައި.

މުބާރާތުގެ ތާރީހުގައި އެންމެ ގިނަ މޮޅު ހޯދާފައި ވަނީވެސް އިންޑިއާއިން. އެޓީމުން ޖުމުލަ 34 މެޗުން މޮޅުވެފައިވޭ. އެ ލިސްޓުގެ ދެވަނައިގައި އޮތީވެސް ރާއްޖެ. ރާއްޖެ ވަނީ މުބާރާތުގެ ތާރީހުގައި 22 މެޗުން މޮޅުވެފައި. ސަރަހައްދީ ފުޓުބޯޅައިގައި އިންޑިއާއާއި ރާއްޖެއާ ދެމެދު އޮންނަ ވާދަވެރިކަމާ ގުޅޭގޮތުން މެޗުގެ ކުރިން ރާއްޖޭގެ ކޯޗު އަލީ ސުޒޭން ވެސް ވަނީ ވާހަކަ ދައްކާފައި.

"އިންޑިއާއަކީ މި ސަރަހައްދުގެ ހުރިހާ ޓީމަކުންވެސް އެންމެ ވާދަކުރަން ޖެހޭނެ ޓީމު. އިންޑިއާ އަތުން މޮޅުވެގެން ސާފް ޗެމްޕިއަންޝިޕް ހޯދޭނީ. އިންޑިއާގެ މައްޗަށް ހޯދާ ކާމިޔާބީއަކަށް ސާފް ޗެމްޕިއަންޝިޕް ބިނާވެފައި އޮންނަނީ. ރާއްޖެއިން އެންމެ ފަހުން ދެފަހަރުވެސް ފައިނަލުގައި ބަލިކުރަން ޖެހުނީ އިންޑިއާ. އެހެންވީމަ އިންޑިއާ ބަލިނުކޮށް، އެއްވެސް ގައުމަކަށް ސާފް ޗެމްޕިއަންޝިޕް ހޯދަން އުނދަގޫވާނެ. ރީޖަންގެ ކޮންމެ ޓީމަކުންވެސް އިންޑިއާއާ ދޭތެރޭ ވިސްނާނީ އެހެން،" ކޯޗު ސުޒޭން މެޗުގެ ކުރިން ބުނެފައިވެއެވެ.