މުޙައްމަދު ޝަމްޢޫން
އުމުރުން 52 އަހަރުގެ ގައުމީ ކޯޗު އަލީ ސުޒޭންއަކީ ހާއްސަ ކޯޗެކެވެ. ބޮޑު މުބާރާތަކަށް ގައުމީ ޓީމުގެ ކޯޗުކަމުގައި ޒިންމާއާ މިހާތަނަށް ހަވާލުވި ފުރަތަމަ ދިވެހި ކޯޗެވެ. ވަކީން ހާއްސަކޮށް، ރާއްޖޭގެ ރައްޔިތުންގެ ނަޒަރުގައި، ދިވެހި ގައުމީ ޓީމު ކުޅޭ އެންމެ ބޮޑު މުބާރާތް ކަމަށްވާ މި ރީޖަންގެ "ވޯލްޑް ކަޕް"އަށް ސުޒޭން ޓީމާ ހަވާލުވުން އެއީ ހާއްސަ ކަމެކެވެ. ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމު ގޮވައިގެން ނުކުތުމަކީ އާދައިގެ ކަމެއް ނޫނެވެ. އެއީ ބޮޑު ޕްރެޝަރަކާއެކު ބޮޑު ޒިންމާއެކެވެ. އެ ޒިންމާ ނަގައި، އެ ޕްރެޝަރާ ކޯޗު ސުޒޭން ކުރިމަތިލަނީ އޭނާގެ ކެރިއަރުގައި ހޯދި އެތައް މުހިއްމު ތަޖުރިބާތަކެއްގެ އެހީގަ އެވެ. އެތައް ފިލާވަޅުތަކެއްގެ އެހީގައެވެ. ސުޒޭންގެ 36 އަހަރުވީ ދިގު ފުޓުބޯޅަ މާޒީގައި ގަބޫލުކުރާ ގަބޫލުކުރުން ތަކެއް ވެއެވެ. އެއީ މިއަދުގެ ޗެލެންޖަށް އެންމެ މުހިއްމު ފިލޯސަފީއެވެ.
"ރާއްޖޭގެ ފުޓުބޯޅައަށް 1986 ގައި ނުކުތް ފަހުން ރިޓަޔާ ވަންދެންވެސް ދިވެހި ފުޓުބޯޅައަށް ކޮށްދެވެން އޮތް ކޮންމެ ކަމެއް ކޮށްދެމުންދާނީ. މިއަދާ ހަމައަށްވެސް އެގޮތަށް އެކަން ކޮށްފައިވާނީ. އެހެންވީމަ އަޅުގަނޑުގެ ކެރިއަރުގައި އިންޑިވިޖުއަލް އެއްވެސް ޓާގެޓެއް އޮވެގެން ނޫން ސާފް ޗެމްޕިއަންޝިޕަށް ނުކުތީއެއް،" އިއްޔެގެ ޕްރީ މެޗު ޕްރެސްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ސުޒޭން ބުނެފައިވެއެވެ.
ސުޒޭންގެ ނަޒަރުގައި އޭނާއަކީ ޓީމު ގޭމެއްގައި އެ ލިބޭ ޓްރޮފީއަކީ އިންޑިވިޖުއަލް ކާމިޔާބީއެއް ކަމަށް މާ ބޮޑަށް ގަބޫލުކުރާ މީހެއް ނޫނެވެ. "ކޮންމެވެސް ވަރަކަށް އަޅުގަނޑަށްވެސް ލިބިފައި ވަނީ ތަށިތައްވެސް. އެކަމަކު ވަރަށް ނުފެންނާނެ ސޯޝަލް މީޑިއާގައި އަޅުގަނޑު އެ ތަށިތަކުގެ ފޮޓޯ ލައިގެން ކާމިޔާބު ފާހަގަކުރާތަން. އެއީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޓީމު ގޭމެއްގެ ތެރެއިން ހޯދާ އެއްޗެއްވީމަ،" ކޯޗުގެ ވިސްނުން ތިލަކޮށްލަމުން ބުނީ މިހެންނެވެ.
ސުޒޭންގެ ފަލްސަފާގައި އޭނާ ގަބޫލުކުރަނީ މިދިޔަ 36 އަހަރު، ރާއްޖޭގެ ފުޓުބޯޅައިގައި އުޅެނިކޮށް، ރާއްޖޭގެ ފުޓުބޯޅައަށް އައި ކޮންމެ ދެރަކަމެއް، އަދި އުފާވެރިކަމަކީވެސް އޭނާވެސް ހިމެނޭހެން އައި ކަންކަން ކަމަށެވެ. އިންޑިވިޖުއަލް ޓާގެޓަކަށްވުރެ ބޮޑަށް މިރޭގެ މެޗުންވެސް ހާސިލުކުރަން ބޭނުންވާ ޓާގެޓަކީ "ގައުމަށް ކަމެއް ކޮށްދިނުން،" ކަމަށް ސުޒޭން ފާހަގަކުރިއެވެ. ސުޒޭން ބުނީ ﷲގެ ވާގިފުޅާއެކު ގައުމަށް ރީތި ނަމެއް ގެނެސްދިނުމުގެ ޒިންމާ ފުރިހަމައަށް ނަގައި، އެކަން ހާސިލުކުރަން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށެވެ.
އިންޑިއާ އަތުން ރާއްޖެ އެކިއެކި ފަހަރު މަތިން ބަލިވާ ބަލިވުންތަކުގެ ވާހަކައަށް އިއްޔެ ޕްރެސްގައި ނޫސްވެރިންގެ ސުވާލުތައް ސުޒޭންއާ އަމާޒުކޮށްފައިވާއިރު، އޭގެ ތެރެއިންވެސް ސުޒޭން ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުކަމުގައި ހުއްޓާ 2005 ވަނަ އަހަރު އިންޑިއާ އަތުން ވީ ބަލީގެ ހަނދާންތަކަށްވެސް ސުވާލެއް ވަނީ އަމާޒުކޮށްފައެވެ. އެ ފަހަރު ޕާކިސްތާނުގެ ކަރާޗީގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި އިންޑިއާ އަތުން ރާއްޖެ ބަލިވީ 1-0 އިންނެވެ. ސުޒޭން ބުނީ ގައުމީ ޓީމު އިންޑިއާ އަތުން ބަލިވާ ކޮންމެ ފަހަރަކު އޭނާ ޕާސަނަލީވެސް އެކަމާ ހިތާމަކުރާ ކަމަށެވެ. ސުޒޭން އެވާހަކަ ދައްކަމުން ދިޔައިރު، އޭނާގެ މޫނުމަތީން އެ ޖަޒުބާތު ފާޅުވަމުން ދިޔައެވެ.
"ފުޓްބޯޅައިގައި ދުވަހަކު ވެސް ރާއްޖެ ބަލިވެގެން އުފާކުރި، ނޫނީ ރާއްޖޭގެ ޓީމު މޮޅުވެގެން ހިތާމަކުރި ދުވަހެއް ނޯންނާނެ،"އަލީ ސުޒޭން
ސުޒޭންގެ ވާހަކަތަކުން އެނގި ސާފުވީ އޭނާގެ ހިތުގައި ދިވެހި ފުޓުބޯޅައަށް އޮތީ ވަރަށް މަތީ މަގާމެއް ކަމެވެ. ކެރިއަރުގައި ހޯދި އެތައް ކާމިޔާބީއެއްގެ ތެރެއިންވެސް މިއަދު އޭނާ އެންމެ ބޮޑަށް ބޭނުންވަނީ ގައުމު އެކުވެރިކޮށް ހިނިތުންވުން ގެނެސްދިނުންކަމެވެ. ޓީމަށް އެ ވިސްނުން ގެންނަތަންވެސް ފެނެއެވެ. މިރޭ 9:00 ގައި އޮންނަ މެޗަށްވެސް ސުޒޭން ނެރޭނެ ވިސްނުމަކަށްވާނީ ގައުމީ ވިސްނުން ކަމާމެދު ޝައްކެއް ނެތެވެ. ސުޒޭންގެ ސްޓައިލަކީވެސް އެއީއެވެ. ރޫހަކުން މޯޓިވޭޝަން އުފެއްދުމެވެ. ގައުމީ ޓީމު ސަޕޯޓަރުންނާ ގުޅުވާލެވި، އެ އުފައްދާ ރޫހަކުން ޓީމުގެ ހިތްވަރު ގަދަކޮށްލުމަކީ ސުޒޭން ބޭނުންކުރާނެ އެންމެ މޮޅު އުކުޅެވެ. އެކަން ކާމިޔާބު ވެއްޖެނަމަ އިރާދަކުރެއްވިއްޔާ ރާއްޖެ ދަނޑުން ފައިބާނީ، "އުނދަގޫ" އިންޑިއާ ބަލިކޮށްގެން ކަމަށް އެތައް ހާސް ސަޕޯޓަރުންނެއް ގަބޫލުކުރެއެވެ.