ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރަން ބޭނުން ނަމަ އިންޑިއާ ބަލިކުރަން ޖެހޭނެ ކަމަށާއި އެކަން ކުރުމަށް އޮތް އެންމެ ބޮޑު ހިތްވަރަކީ 12 ވަނަ ކުޅުންތެރިޔާގެ ހިތްވަރު ކަމަށް ކޯޗު އަލީ ސުޒޭން ބުނެފައިވެއެވެ.
އުރީދޫ ސާފް ޗެމްޕިއަންޝިޕްގެ ލީގު ބުރުގައި ރާއްޖެއިން ކުޅޭ ފަހު މެޗުގައި މާދަމާ ރޭ ނުކުންނާނީ ވަރުގަދަ އިންޑިއާއާ ދެކޮޅަށެވެ. އިންޑިއާއަކީ އަބަދުވެސް ދިވެހި ފުޓުބޯޅައިގެ އެންމެ ބޮޑު ވާދަވެރިޔާއެވެ. ސާފް ޗެމްޕިއަންޝިޕް އިންޑިއާއިން ހަތް ފަހަރު ކާމިޔާބު ކޮށްފައިވާ އިރު، މުބާރާތުގައި ރާއްޖެއަށް އެންމެ ބޮޑު ހިތްދަތިކަމެއް ގެނުވި ޓީމަކަށްވެސް އިންޑިއާ ވާނެއެވެ. މިހާތަނަށް އެކިއެކި މުބާރާތްތަކުގައި އިންޑިއާއާއި ރާއްޖެ 18 ފަހަރަށް ކުރިމަތިލާފައިވާ އިރު، އޭގެ ތެރެއިން ރާއްޖެއަށް އިންޑިއާ ބަލިކުރެވިފައި ވަނީ އެންމެ ހަތަރު ފަހަރުއެވެ.
އެ ހަތަރު ފަހަރުގެ ތެރޭގައި ދެ އަހަރެއްގެ ސާފް ޗެމްޕިއަންޝިޕުގެ ފައިނަލު ހިމެނުމަކީ ރާއްޖެއަށް އޮތް ހިތްވަރެކެވެ. ރާއްޖެއިން 2008 ވަނަ އަހަރާއި 2018 ވަނަ އަހަރުގެ ސާފް ނެގީވެސް އިންޑިއާ ބަލިކޮށްފައެވެ. މިއަދުގެ ޕްރިމެޗު ޕްރެސްގައި ސުޒޭން ބުނެފައި ވަނީ މެޗަށް ތައްޔާރުވުމުގައި ޓީމަށް ބޭނުންވާނެ އެންމެހާ ކަންކަން ކުރަމުން އަންނަ ކަމަށާއި، އިންޑިއާ ބަލިކޮށްގެން ނޫނީ ސާފް ނުނެގޭނެ ކަމަށް ގަބޫލުކުރަން ޖެހޭ ކަމަށެވެ.
"އިންޑިއާއަކީ މި ސަރަހައްދުގެ ހުރިހާ ޓީމަކުންވެސް އެންމެ ވާދަކުރަން ޖެހޭނެ ޓީމު. އިންޑިއާ އަތުން މޮޅުވެގެން ސާފް ޗެމްޕިއަންޝިޕް ހޯދޭނީ. އިންޑިއާގެ މައްޗަށް ހޯދާ ކާމިޔާބީއަކަށް ސާފް ޗެމްޕިއަންޝިޕް ބިނާވެފައި އޮންނަނީ. ރާއްޖެއިން އެންމެ ފަހުން ދެފަހަރުވެސް ފައިނަލުގައި ބަލިކުރަން ޖެހުނީ އިންޑިއާ. އެހެންވީމަ އިންޑިއާ ބަލިނުކޮށް، އެއްވެސް ގައުމަކަށް ސާފް ޗެމްޕިއަންޝިޕް ހޯދަން އުނދަގޫވާނެ. ރީޖަންގެ ކޮންމެ ޓީމަކުންވެސް އިންޑިއާއާ ދޭތެރޭ ވިސްނާނީ އެހެން،" ސުޒޭން ބުންޏެވެ.
މާދަމާ ރޭގެ މެޗު އެއްވަރުވި ނަމަވެސް ރާއްޖެ ފައިނަލަށް ދާނެއެވެ. އެހެން ނަމަވެސް އެއީ ފޯކަސް ބައްޓަން ކުރާނެ ވިސްނުމެއް ނޫން ކަމަށާއި ހާއްސަކޮށް އިންޑިއާ ފަދަ ޓީމަކާ ދެކޮޅަށް ނުކުންނަން ޖެހޭނީ ބަލިކުރަން ކަމަށް ސުޒޭން ބުންޏެވެ.
"އިންޑިއާއަކީ އަޅުގަނޑު ކުރިންވެސް ފާހަގަކުރިހެން، މި ސަރަހައްދުގެ އެންމެ ނުފޫޒުގަދަ ގައުމު. އެމީހުން ކުޅޭ ސްޓައިލާއި، ކުޅުންތެރިންނަށް ބަލާއިރުވެސް އެންމެ ނުރައްކަލީ އިންޑިއާ. އެމީހުންގެ ނިންމާލުމަށް ބަލާއިރުވެސް އަޝްފާގުގެ ލެވެލްގައި، ނޫނީ އެއަށްވުރެވެސް ނުރައްކާކޮށް ސުނިލް ޗެތުރީ މި ފެންނަނީ ބައެއް ފަހަރު،" ސުޒޭން ބުންޏެވެ.
ސުޒޭން ބުނީ ރާއްޖެއަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ 12 ވަނަ ކުޅުންތެރިޔާ ކަމަށާއި އެ ކުޅުންތެރިޔާގެ ހިތްވަރަކީ ޓީމުގެ ރޫހު ކަމަށެވެ.
"ހިތްހަމަ ޖެހުމަކީ 12 ވަނަ ކުޅުންތެރިޔާ. އެ ކުޅުންތެރިޔާގެ ހިތްވަރު ޓީމަށް ފެނުނީމަ އެއީ ވަރަށް ރަނގަޅު މޯޓިވޭޝަނެއް. 18 ވަރަކަށް ގަޑިއިރު ކިޔޫގައި ހުރެގެން އަޅުގަނޑުމެންނަށް ސަޕޯޓުކުރަން ޓިކެޓެއް ބައްލަވައިގަތުން މިއީ އަޅުގަނޑުމެންނަށް ކިހާ ބޮޑު ހިތްވަރަކަށް ވާނެތޯ. އެއްކޮށް ތިބި ހުރިހާ ސަޕޯޓަރުން މާޔޫސް ނުވާނެ ގޮތަކަށް ޓީމު ހިތްވަރު ކުރާނެ،" ސުޒޭން ބުންޏެވެ.
ސުޒޭން އިތުރަށް ފާހަގަކުރިގޮތުގައި ސާފް ޗެމްޕިއަންޝިޕަކީ އަބަދުވެސް ރާއްޖެއަށް ޕްރެޝަރެއް ކަމަށާއި، ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުގައި ރާއްޖެއިން 1997 ގައި ކުޅުނު ހިސާބުންވެސް ރާއްޖޭގެ ރައްޔިތުން ބޭނުންވަނީ ސީދާ މުބާރާތުގެ ތަށި ކަމަށެވެ. 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕާއެކު ދެން އައި ކޮންމެ ސާފް ޗެމްޕިއަންޝިޕެއްގައިވެސް ދިވެހީން އަމާޒު ހިފާނީ ތައްޓަށް ކަމަށް ސުޒޭން ބުންޏެވެ. އެއީ ރަނގަޅު ޕްރެޝަރެއްގެ ގޮތުގައި ވެސް ސުޒޭން ސިފަކުރިއެވެ.
ރާއްޖެއާއި އިންޑިއާ މާދަމާ ރޭ ކުޅޭ މެޗު އޮންނާނީ 9:00 ގައެވެ. އެ މެޗަށް މިއަދު ވިއްކި ޓިކެޓު، ތިން ގަޑިއިރެއްހާއިރު ތެރޭ ވަނީ ވިކި ހުސްވެފައެވެ.