ސިޔާސީ ޕާޓީތަކުގެ ގާނޫނާއި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފަށް ކުރާ މުޒާހަރާތައް ހުއްޓުވުމަށް މޯލްޑިވްސް ޕޮލިސް ސާވިސްގައި އެދުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަދި ތަރުޖަމާން އަހްމަދު އަކްރަމް ވިދާޅުވީ މިއަދު ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމުގައި ކަންތައްތަކެއް ނިންމާފައިވާ ކަމަށެވެ. އޭގެ ތެރެއިން އެއް ކަމަކީ ގާނޫނާ ހިލާފަށް މުޒާހަރާތައް ހުއްޓުވުމަށް ޕޮލިހުގައި އުދުން ކަމަށް އަކްރަމް ވިދާޅުވިއެވެ.
އަކްރަމް ވިދާޅުވީ މިހާރު ސިލްސިލާގޮތެއްގައި މާލޭގައި ކުރެވެމުންދާ މުޒާހަރާތަކަކީ ގާނޫނާ ހިލާފަށް ކުރެވެމުންދާ މުޒާހަރާތަކަކަށް ވާތީ، އެ މުޒާހަރާތަކަކީ ޕީޕީއެމްއިން ކުރަމުންދާ މުޒާހަރާތަކަކަށް ވާނަމަ، ގާނޫނާ އެއްގޮތަތްވާ ގޮތުގެ މަތިން އެކަން ކުރުމަށް އެ ޕާޓީއަށް އެންގުމަށް ނިންމާފައިވާ ކަމަށެވެ.
އޭގެ އިތުރުން ސިޔާސީ ރިޔާސީ އިންތިހާބާ ގުޅޭގޮތުން އާންމު ރައްޔިތުންގެ ހިތުގައި ނުތަނަސްކަން އުފެދޭ ގޮތަށް ހަގީގަތާ ހިލާފު ވާހަކަތައް ފަތުރާ ފަރާތްތަކާއި އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންނާ ގުޅޭގޮތުން ހަގީގަތާ ހިލާފު ވާހަކަތައް ފަތުރާ ޓީވީ ސްޓޭޝަންތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ބްރޯޑްކާސްޓިން ކޮމިޝަންގައި އެދުމަށް ނިންމާފައިވެއެވެ.
އިލެކްޝަން ކޮމިޝަންގެ މެންބަރުންގެ އަގުވެއްޓޭ ގޮތަށް، ހަގީގަތާ ހިލާފު ދޮގު ވާހަކަތައް ދައްކާ ފަރާތްތަކާ ދެކޮޅަށް އިލެކްޝަންސް ކޮމިޝަނުން ދައުވާކުރުމަށް ނިންމާފައިވާ ކަމަށް ވެސް އަކްރަމް ވިދާޅުވިއެވެ.
ބޮޑުތަކުރުފާނު މަގުގައި ހުންނަ ޕީޕީއެމްގެ އޮފީސް ކުރިމަތީގައި ސިލްސިލާގޮތެއްގައި ކުރަމުންދާ މުޒާހަރާތަކުގައި ރިޔާސީ އިންތިހާބުގެ ވޯޓު އޮޅުވާލާފައިވާ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނަށް ބޮޑެތި ތުހުމަތުތަކެއް ކުރަމުންދެއެވެ.