ސާފް ޗެމްޕިއަންޝިޕް

ނޭޕާލް 0-1 އިންޑިއާ

11 Oct 09:18

މެޗުގެ އުސްއަލިތައް

  • އިންޑިއާއިން ކުރިއަށް ޖެހި ކުޅެމުން ދިޔަ އިރު، ނޭޕާލުން ސަމާލުކަން ދިނީ ކައުންޓާ އެޓޭކަށް
  • ފުރަތަމަ ހާފުގައި އިންޑިއާއިން ގިނަ ޕާސްތަކެއް ޖެހި ނަމަވެސް އުފެއްދުނީ މަދު ހަމަލާތަކެއް
  • ކުރީކޮޅުގައި ޗެތުރީއަށް އުނދަގޫ ދެ ފުރުސަތެއް ލިބި ނާކާމިޔާބުވި
  • ނޭޕާލުން ކުޅުނީ ހިތްވަރާއެކު، ދުރުން ބައެއް ފުރުސަތުތައް ފޮނުވާލި ނަމަވެސް ކާމިޔާބެއް ނުވި
  • ފުރަތަމަ ހާފުގައި ޗެތުރީއަށް މުޅިން ހުސް ފުރުސަތެއް ލިބި ބޭކާރުވި
  • އޭގެ ފަހުން މަންވީރަށް ލިބުނު ފުރުސަތުވެސް ކާމިޔާބެއް ނުވި
  • ދެވަނަ ހާފުގައިވެސް ފެނުނީ ދާދި އެއްގޮތް ކުޅުމެއް
  • އިންޑިއާއިން ދިޔައީ ބުރަކޮށް ގޯލަކަށް މަސައްކަތް ކުރަމުން
  • ޗެތުރީއާއި މަންވީރަށް ލިބުނު ހުސް ފުރުސަތުތައް ބޭކާރު ވެގެން ދިޔަ
  • އިންޑިއާއިން ގޯލަކަށް ކުރި މަސައްކަތް ކާމިޔާބުވީ 83 ވަނަ މިނެޓުގައި
  • އިންޑިއާއަށް ގޯލު ޖަހައިދީ ޕްރެޝަރު ކަނޑުވާލަ ދިނީ ކެޕްޓަން ޗެތުރީ
  • އެ ގޯލުގެ ފަހުން ނޭޕާލުގެ ނުރައްކާ ހަމަލާއެއް ފެނުނު، އަންޖަން ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ
11 Oct 08:53

މެޗުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން އިންޑިއާ ކުރީގައި އޮވެގެން. އިންޑިއާ އިން މިވަނީ ފައިނަލަށް ދަތުރުކުރުމުގެ އުންމީދެއް ހޯދާފައި. މިރޭގެ މެޗުން މޮޅުވެގެން ނޭޕާލަށް ފައިނަލުގެ ޖާގައެއް ކަށަވަރުވާ ގޮތަށް އޮތް ނަމަވެސް، އެއްވަރުވުމުން ނޭޕާލަށް ވަނީ އަންނަ ބުދަ ދުވަހުގެ ހަވީރު ބަންގުލަދޭޝްއާ ދެކޮޅަށް ކުޅޭ މެޗަށް އިންތިޒާރު ކުރަން ޖެހިފައި.

11 Oct 08:47

ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ތިން މިނެޓުގެ ކުޅުން ދައްކައިފި.

11 Oct 08:44
11 Oct 08:43

'86 - ނޭޕާލަށް ރަނގަޅު ފުރުސަތެއް. ތޭޖް ތަމަންގް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން އަންޖަން ފޮނުވާލި ހަމަލާ ދިޔައީ އިންޑިއާގެ ގޯލާ އަމާޒު ނުވެ ބޭރަށް. އޭނާ ހަމަލާ ފޮނުވާލި އިރު، އިންޑިއާގެ ޕެނަލްޓީ އޭރިއާ ތެރޭ ނޭޕާލުގެ އެހެން ކުޅުންތެރިޔަކު ވެސް ހުސްކޮށް ހުރި.

11 Oct 08:40

'82 - އިންޑިއާ އިން ލީޑު ހޯދައިފި. ބްރެންޑަން ނަގައިދިން ހުރަސް، ފާރޫކު ބޮލުން ޖައްސާލުމާއެކު ޕެނަލްޓީ އޭރިއާ ތެރެއިން ނޭޕާލުގެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވައިލީ އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީ.

11 Oct 08:38

'80 - އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީއަށް އަނެއްކާވެސް ހުސް ފުރުސަތެއް. ބްރެންޑަން ނަގައިދިން ކޯނަރުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ނޭޕާލު ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށް.

11 Oct 08:35

'77 - އިންޑިއާއަށް ހުސް ފުރުސަތެއް. ބްރެންޑަން ނަގައިދިން ހިލޭ ޖެހުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ޗެތުރީއަށް ބޮލުން ރަނގަޅަށް ފޮނުވައިނުލެވި ލިބުނީ އިންޑިއާގެ ޑިފެންޑަރު ސުބާސިޝް ބޯސްއަށް. ޕެނަލްޓީ އޭރިއާ ތެރެއިން އޭނާ ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ނޭޕާލުގެ ކީޕަރު ކިރަންއާ ދިމާއަށް.

11 Oct 08:29

'72 - އިންޑިއާގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ނޭޕާލުގެ އަންޖަން، އިންޑިއާގެ ގޯލަށް ނުރައްކާކުރުމުގެ ކުރިން ޑިފެންޑަރު ޕްރިތަމް ކޮޓާލް ޓެކަލްކޮށް، ބޯޅަ ބޭރުކޮށްލައިފި.

11 Oct 08:28

'69 - ޔާސިރު ނަގައިދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން އިންޑިއާގެ ކެޕްޓަން ޗެތުރީއަށް ލިބުމުގެ ކުރިން ނޭޕާލުގެ ކީޕަރު ކިރަން ހޯދައިފި.

11 Oct 08:20

'64 - އިންޑިއާގެ ހަމަލާއެއް. އުދަންތާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން އިންޑިއާގެ ބްރެންޑަން ފޮނުވާލި ހަމަލާ، ނޭޕާލުގެ ރޯހިތު ޗާންދު ވަނީ ބްލޮކުކޮށްފައި.

11 Oct 08:19

'63 - އިންޑިއާގެ ޔާސިރު ދުރުން ފޮނުވާލި ބާރު ހަމަލާ، ނޭޕާލުގެ ގޯލާ އަމާޒެއް ނުވި.

11 Oct 08:15

'57 - ނޭޕާލުގެ ކީޕަރު ކިރަންގެ މޮޅު ސޭވްއެއް. ޔާސިރު ނަގައިދިން ހުރަސް، ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ އިންޑިއާގެ ފޯވަޑް މަންވީރު ސިންހް ބޮލުން ފޮނުވާލި ހަމަލާ، ނޭޕާލުގެ ކީޕަރު ކިރަން ވަނީ ވަރަށް ހުޝިޔާރުކަމާއެކު މަތަކޮށްފައި.

11 Oct 08:12

'56 - ޕެނަލްޓީ އޭރިއާ ބޭރުން ބްރެންޑަން ފެނާންޑޭޒް ފޮނުވާލި ހިލޭ ޖެހުން ނޭޕާލުގެ ގޯލާ އަމާޒު ނުވެ ބޭރަށް.

11 Oct 08:08

މެޗުގެ ދެވަނަ ހާފުގެ ފުރަތަމަ ފަސް މިނެޓުގެ ތެރޭގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ވަރަށް އާދައިގެ ކުޅުމެއް. ދެ ޓީމަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ވެސް ތަނަވަސްކުރެވިފައެއް ނުވޭ.

11 Oct 08:02

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ނޭޕާލުން.

11 Oct 07:48

ފުރަތަމަ ހާފުގެ އުސްއަލިތައް

  • އިންޑިއާއިން ކުރިއަށް ޖެހި ކުޅެމުން ދިޔަ އިރު، ނޭޕާލުން ސަމާލުކަން ދިނީ ކައުންޓާ އެޓޭކަށް
  • ފުރަތަމަ ހާފުގައި އިންޑިއާއިން ގިނަ ޕާސްތަކެއް ޖެހި ނަމަވެސް އުފެއްދުނީ މަދު ހަމަލާތަކެއް
  • ކުރީކޮޅުގައި ޗެތުރީއަށް އުނދަގޫ ދެ ފުރުސަތެއް ލިބި ނާކާމިޔާބުވި
  • ނޭޕާލުން ކުޅުނީ ހިތްވަރާއެކު، ދުރުން ބައެއް ފުރުސަތުތައް ފޮނުވާލި ނަމަވެސް ކާމިޔާބެއް ނުވި
  • ފުރަތަމަ ހާފުގައި ޗެތުރީއަށް މުޅިން ހުސް ފުރުސަތެއް ލިބި ބޭކާރުވި
  • އޭގެ ފަހުން މަންވީރަށް ލިބުނު ފުރުސަތުވެސް ކާމިޔާބެއް ނުވި
11 Oct 07:46

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެން.

11 Oct 07:45
11 Oct 07:44

'43 - އިންޑިއާއަށް ރަނގަޅު ފުރުސަތެއް. ޗެތުރީ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން އިންޑިއާގެ ފޯވަޑް މަންވީރު ސިންހަށް ރަނގަޅަށް ގޯލަށް ފޮނުވައިލެވިފައެއް ނުވޭ. އެ ބޯޅަ، ނޭޕާލުގެ ކީޕަރު ކިރަން ވަނީ ފަސޭހަކަމާއެކު ހޯދާފައި.

11 Oct 07:43

މެޗުގެ ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައިވާ އިރު، ނޭޕާލަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ތަނަވަސްކުރެވިފައެއް ނުވޭ.

11 Oct 07:37
11 Oct 07:34

'34 - އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީއަށް ހުސް ފުރުސަތެއް. ސުރޭޝް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ޗެތުރީ ފޮނުވާލި ހަމަލާ ދިޔައީ ނޭޕާލު ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށް.

11 Oct 07:26

'26 - މަންވީރު ނަގައިދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން އިންޑިއާގެ ކެޕްޓަން ޗެތުރީއަށް ލިބުމުގެ ކުރިން ނޭޕާލުގެ ކީޕަރު ކިރަން ހޯދައިފި.

11 Oct 07:24

'24 - ޕެނަލްޓީ އޭރިއާ ބޭރުން އިންޑިއާގެ ބްރެންޑަން ފެނާންޑޭޒް ފޮނުވާލި ހަމަލާ، ނޭޕާލުގެ ގޯލާ އަމާޒެއް ނުވި.

11 Oct 07:21

'22 - އިންޑިއާގެ ކެޕްޓަން ޗެތުރީއަށް އިތުރު ފުރުސަތެއް. ކޯނަރެއްގެ ތެރެއިން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ އޭނާ ބޮލުން ފޮނުވާލި ހަމަލާ، ނޭޕާލުގެ ގޯލާ އަމާޒުވެފައެއް ނުވޭ.

11 Oct 07:19

'19 - އިންޑިއާއަށް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއިން އިންޑިއާގެ ކެޕްޓަން ޗެތުރީ ފޮނުވާލި ހަމަލާ، ކީޕަރު ކިރަން ވަނީ މަތަކޮށްފައި. އޭނާއަށް ފުރުސަތު ލިބުނީ ވަރަށް ހަނި އޭންގަލަކުން ބޯޅަ ފޮނުވާލަން.

11 Oct 07:18

'18 - ސުރޭޝް ދިން ބޯޅަ ޕެނަލްޓީ އޭރިއާ ތެރެއިން ޔާސިރަށް ލިބުމުގެ ކުރިން ނޭޕާލުގެ ކީޕަރު ކިރަން ކުރިއަށް ނުކުމެ، ބޯޅަ ހޯދައިފި.

11 Oct 07:15

'15 - ޕެނަލްޓީ އޭރިއާ ތެރެއިން ނޭޕާލުގެ ކީޕަރު ކިރަންއަށް އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީ ކުރި ފައުލަކާ ގުޅިގެން ނޭޕާލަށް ހިލޭ ޖެހުމެއް.

11 Oct 07:10

'10 - އިންޑިއާގެ ޔާސިރު ދުރުން ފޮނުވާލި ބާރު ހަމަލާ، ޕެނަލްޓީ އޭރިއާ ތެރޭ ހުރި ނޭޕާލުގެ ރޯހިތު ޗާންދު ބްލޮކްކޮށްފި.

11 Oct 07:06

'7 - އިންޑިއާގެ ގޯހަކުން ނޭޕާލުން ކައުންޓާ އެޓޭކުގައި ނުރައްކާކުރަން މަސައްކަތްކުރި ނަމަވެސް، ފަހަތުން އިންޑިއާގެ ޑިފެންޑަރު ރާހުލް ބެކޭ ވަނީ ދިފާއުކޮށްފައި.

11 Oct 07:00

މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ އިންޑިއާ އިން.

11 Oct 06:56
11 Oct 06:54

މެޗަށް ދެ ޓީމުން ވެސް ދަނޑަށް ނުކުމެއްޖެ.

އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021ގެ އަށްވަނަ މެޗުގައި ނޭޕާލާއި އިންޑިއާ ވާދަކުރާ މެޗުގެ ލައިވް ކަވަރޭޖަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!

މިއީ މި މުބާރާތުގައި އިންޑިއާ ކުޅޭނެ ދެވަނަ މެޗު. އިންޑިއާއިން އަދި މިހާތަނަށް މުބާރާތުގައި މޮޅުވެފައެއްް ނުވޭ. އެޓީމުން ކުޅުނު ފުރަތަމަ މެޗުގައި ބަންގުލަދޭޝްއާ އެއްވަރުވި އިރު، ދެވަނަ މެޗުގައި ސްރީލަންކާ ކައިރިންވެސް ހޯދުނީ ޕޮއިންޓެއް. މުބާރާތުގެ އެންމެ ކާމިޔާބު ޓީމު އިންޑިއާއަށް ފައިނަލަށް ދެވެން އޮތީ މިރޭ މޮޅުވެގެން. އަނެއްްކޮޅުން މެޗަށް ނުކުންނަ ނޭޕާލަކީ މިހާތަނަށް މުބާރާތުގައި ކުޅެމުންދާ އެންމެ ފޯމު ރަނގަޅު ޓީމު. އެޓީމުން ވަނީ ރާއްޖެއާއި ލަންކާވެސް ބަލިކޮށްފައި. މިރޭގެ މެޗުން މޮޅުވެ، ނޭޕާލަށް ފައިނަލް ޔަގީން ކުރެވޭނެ.

ދެގައުމުގެ ކުރިމަތިލުންތަކަށް ނަޒަރެއް

  • ނޭޕާލާއި އިންޑިއާ ވަނީ މިހާތަނަށް 21 ފަހަރަށް ކުރިމަތިލާފައި
  • އޭގެ ތެރެއިން 14 މެޗަކުން މޮޅުވީ އިންޑިއާއިން
  • ނޭޕާލަށް މިހާތަނަށް އިންޑިއާ ބަލިކުރެވުނީ އެންމެ ދެ މެޗުގައި
  • އެއީ 2013 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕުގައާއި، 1993 ވަނަ އަހަރު ބަންގުލަދޭޝްގައި ކުޅުނު މުބާރާތެއްގައި
  • މުބާރާތުގެ ކުރިންވެސް މި ދެޓީމު ވަނީ އެކުވެރިކަމުގެ ދެ މެޗެއްގައި ވާދަކޮށްފައި
  • އޭގެ ތެރެއިން އެއް މެޗު އެއްވަރުވެގެން ނިމުނު އިރު، އަނެއް މެޗުން މޮޅުވީ އިންޑިއާ
  • އެންމެފަހުން ނޭޕާލާއި އިންޑިއާ ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރީ 2015 ވަނަ އަހަރު
  • އެ މެޗު 4-1 އިން ކާމިޔާބުކުރީ އިންޑިއާ