ސާފް ޗެމްޕިއަންޝިޕް

ރާއްޖެ 1-0 ސްރީ ލަންކާ

11 Oct 04:18

މެޗުގެ އުސްއަލިތައް:

  • މިއަދުގެ މެޗަށްޗެސް ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ވަދެފައިވޭ
  • ހާފުގެ ކުރީކޮޅުގައި ރާއްޖެއިން ލީޑު ނެގި
  • އަރިމަތިން ހައިޝަމް ނަގައިދިން ހިތްގައިމު ހުރަސް ބޮލުން ގޯލަށް ވައްދާލީ ދަގަނޑޭ
  • އޭގެ ފަހުންވެސް ރާއްޖެއަށް ފުރުސަތު ލިބުނު
  • ފޭދޫ އިއްބެގެ ހަމަލާ ސުޖަން ދިފާއުކުރި އިރު، ހަމްޕުއަށް ލިބުނު ފުރުސަތުވެސް ބޭކާރުވި
  • ފުރަތަމަ ހާފުގައި ރާއްޖޭގެ ކީޕަރު ފައިސަލަށް އަނިޔާވެ، ބަދަލުގައި ނުކުތީ ޝަފީއު
  • ހާފުގެ ފަހުކޮޅުގައި ރާއްޖެއިން ބައެއް ގޯސްތައް ހެދި ނަމަވެސް ލަންކާއަށް މާ ބޮޑަށް ނުރައްކާ ކުރެވިފައެއް ނުވޭ
  • ހާފުގެ ފަހު މިނެޓުގައި ސެންޓޭ ފޮނުވާލި ބާރު ހަމަލާ މަތަކުރީ ސުޖަން
  • ދެވަނަ ހާފުގެ ކުރީކޮޅުގައި ރާއްޖެއިން ނުރައްކާ ކުރި
  • ދަގަނޑޭގެ ހަމަލާއެއްގެ އިތުރުން ފޭދޫ އިއްބެއަށް ލިބުނު ފުރުސަތުތައް ސުޖަން މަތަކުރި
  • ހަމްޕު އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ އަމާޒުވީ އަރިމަތީ ދަނޑަށް
  • އެ ހަމަލާތަކާއެކު ރާއްޖެއިން ރަނގަޅަށް ހާފު ފެށި ނަމަވެސް ދެން ފެނުނީ "ވަނދުކޮށް"
  • ދެޓީމުންވެސް ވަރުބަލިކަން ފެނުނު އިރު ލަންކާއިން ނުރައްކާ ކުރީ އިޝާން
  • މެޗު ނިމެން ދަނިކޮށް ސެންޓޭ ޖެހި ހިލޭ ޖެހުން އަމާޒުވީ ގޯލު ދަނޑިއަށް
  • ހަންނައަށް ލިބުނު ފުރުސަތު ނަގާލިއިރު، އަނެއްކޮޅުން ލަންކާގެ ފަސަލް ފޮނުވާލި ހަމަލާ އަމާޒުވީ ދަނޑިއަށް
11 Oct 03:56

ހަނި މޮޅެއް ލިބުނު ނަމަވެސް، މިއީ ފައިނަލަށް ދިއުމަށް ރާއްޖެއަށް މުހިންމު މޮޅެއް. ފަހު މެޗުގައި ރާއްޖެ ނުކުންނަން ޖެހޭނީ އިންޑިއާއާ ދެކޮޅަށް.

11 Oct 03:56

މެޗުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން ރާއްޖެ ކުރީގައި އޮވެގެން.

11 Oct 03:55

'90+2 - ލަންކާގެ ނުރައްކާތެރި ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ލަންކާގެ ފަސަލް ފޮނުވާލި ހަމަލާ އަމާޒުވީ ރާއްޖޭގެ ގޯލުގެ ހުރަސް ދަނޑިއަށް.

11 Oct 03:54

'90+1 - ރާއްޖެއަށް ހުސް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ރާއިފް ފޮނުވާލި ހަމަލާ، ލަންކާގެ ގޯލާ އަމާޒުވެފައެއް ނުވޭ.

11 Oct 03:53

ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ތިން މިނެޓުގެ ކުޅުން ދައްކައިފި.

11 Oct 03:52

'89 - ހަމަނުޖެހުމަކާ ގުޅިގެން ރާއްޖޭގެ އައިސަމް އާއި ލަންކާގެ އާކިބަށް ރީނދޫ ކާޑެއް.

11 Oct 03:50

'88 - ރާއްޖޭގެ ނުރައްކާތެރި ހިލޭ ޖެހުމެއް. ސެންޓޭ ފޮނުވާލި ހިލޭ ޖެހުން އަމާޒުވީ ލަންކާ ގޯލުގެ އަރިމަތީ ދަނޑިއަށް.

11 Oct 03:49

'87 - ސެންޓޭ ވަރަށް ހުސްކޮށް ޕެނަލްޓީ އޭރިއާ ތެރެއަށް ވަންނަން ދަނިކޮށް، ކުރި ފައުލާ ގުޅިގެން ލަންކާގެ ޑިފެންޑަރަށް ރީނދޫ ކާޑެއް، ރާއްޖެއަށް ހިލޭ ޖެހުމެއް.

11 Oct 03:46

'84 - ލަންކާ އިން އަންނަނީ އެޓޭކުތައް އިތުރުކޮށް، ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތްކުރަމުން. ރާއްޖޭގެ ޑިފެންސަށް ބާރުބޮޑު.

11 Oct 03:45

'80 - ރާއްޖެއަށް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއިން ލަންކާގެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު ރާއިފް ޖައްސާލި ބޯޅަ ސެންޓޭއަށް ލިބުމުގެ ކުރިން ލަންކާގެ ޑިފެންޑަރު ވަނީ ދިފާއުކޮށްފައި.

11 Oct 03:40

'77 - ރާއްޖެއަށް ފުރުސަތެއް. ރާއިފް ނަގައިދިން ހުރަސް ދިޔައީ ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރި އަސަދުﷲ އަބްދުﷲ (އަސައްކޮ)ގެ ބޯމަތިން.

11 Oct 03:38

'73 - ލަންކާއަށް އިތުރު ފުރުސަތެއް. މިފަހަރު ވެސް އިޝާން ވަނީ ޕެނަލްޓީ އޭރިއާ ތެރެއިން ރާއްޖޭގެ ދެ ޑިފެންޑަރެއް ކައިރިން ނައްޓާލާފައި. ނަމަވެސް އަކޫ ކައިރިން ނައްޓާލަން މަސައްކަތް ކުރަނިކޮށް، އިޝާންގެ އަތުގައި ވަނީ ބޯޅަ ޖެހިފައި.

11 Oct 03:37

'71 - ލަންކާއަށް ހުސް ފުރުސަތެއް. ސިފާއު އާއި ސަމުއްޓޭ ކައިރިން ނައްޓާލުމަށްފަހު ހުސްވެލާފައި ލަންކާގެ ކަވިންދޫ އިޝާން ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށް.

11 Oct 03:33

'71 - ސެންޓޭ ފޮނުވާލި ހިލޭ ޖެހުން ލަންކާގެ ގޯލާ އަމާޒެއް ނުވި.

11 Oct 03:32

'69 - ޑަކްސަން ކައިރިން ނައްޓާލުމަށްފަހު، ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށް ދަގަނޑޭ މަސައްކަތްކުރަނިކޮށް ލަންކާގެ ސުޕަން ފައުލުކުރުމުން ރާއްޖެއަށް ހިލޭ ޖެހުމެއް.

11 Oct 03:27

'65 - ދަގަނޑޭ ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރި ސެންޓޭއަށް ލިބުމުގެ ކުރިން ލަންކާގެ ޑިފެންޑަރު ޑަކްސަން ދިފާއުކޮށްފި.

11 Oct 03:24

'61 - ރާއްޖޭގެ ނުރައްކަލެއް. ދަގަނޑޭ ފޮނުވާލި ހިލޭ ޖެހުން ލަންކާގެ ކީޕަރު ސުޖަން ވަނީ މަތަކޮށްފައި.

11 Oct 03:24

'61 - ރާއްޖޭގެ ދެވަނަ ބަދަލު. ފޭދޫ އިއްބެގެ ބަދަލުގައި ކުޅެން ނުކުތީ ނާއިޒް ހަސަން (ދާދު).

11 Oct 03:23

'59 - ދަގަނޑޭއަށް ލަންކާ ޑިފެންޑަރު ޑަކްސަން ކުރި ފައުލަކާ ގުޅިގެން ލަންކާގެ ހާފުގެ ތެރެއިން ރާއްޖެއަށް ހިލޭ ޖެހުމެއް.

11 Oct 03:22

'60 - ރާއްޖޭގެ ޕެނަލްޓީ އޭރިއާ ތެރެއިން ލަންކާގެ ޗަލަނަ ޗަމީރާ ފޮނުވާލި ހަމަލާ ގޯލާ އަމާޒެއް ނުވި.

11 Oct 03:21

'58 - ރާއްޖޭގެ ހަމަލާއެއް. ހުސައިން ނިހާން (ނިހާޓު) ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ދަގަނޑޭ ފޮނުވާލި ހަމަލާ އަމާޒުވީ ލަންކާގެ ކީޕަރު ސުޖަންއާ ދިމާއަށް. އެ ހަމަލާގައި ބާރެއް ވެސް ނެތް.

11 Oct 03:18

'55 - ލަންކާގެ ހަމަލާއެއް. ރާއްޖޭގެ ޕެނަލްޓީ އޭރިއާ ބޭރުން ޗަމޫދު ފޮނުވާލި ހަމަލާ، ގޯލާ އަމާޒުވެފައެއް ނުވޭ.

11 Oct 03:17

'53 - ދަގަނޑޭ ނަގައިދިން ހުރަސް، ރާއްޖޭގެ ކުޅުންތެރިޔަކަށް ލިބުމުގެ ކުރިން ލަންކާގެ ކީޕަރު ސުޖަން ބޯޅަ ހޯދައިފި.

11 Oct 03:16

'52 - ރާއްޖޭގެ ނުރައްކާ ކުޅުމެއް. ސެންޓޭ ނަގައިދިން ހުރަހަށް ދަގަނޑޭ މަސައްކަތްކުރި އިރު، ލަންކާގެ ކީޕަރު ސުޖަން ވަނީ އެ ބޯޅަ ހިފުމަށް މަސައްކަތްކޮށްފައި. ސުޖަން އަތުން ދޫވި ބޯޅައިން ޕެނަލްޓީ އޭރިއާ ތެރެއިން ފޭދޫ އިއްބެ ފޮނުވާލި ނަމަވެސް، ގޯލާ އަމާޒުވެފައެއް ނުވޭ. އޭރު ލައިންސްމަން ވަނީ ދަގަނޑޭ އޮފްސައިޑު މަގާމެއްގައި ހުރި ކަމަށް ނިންމާފައި.

11 Oct 03:13

'50 - ލަންކާގެ ރަޒީކް ބޯޅަ ހިފައިގެން ރާއްޖޭގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަންނަން މަސައްކަތްކުރަނިކޮށް، ހައިޝަމް ޓެކަލްކޮށް އެ ބޯޅަ ކޯނަރަކަށް ބޭރުކޮށްލައިފި.

11 Oct 03:11

'49 - ސިފާއު ދިން ބޯޅައަކަށް ދަގަނޑޭ މަސައްކަތްކުރި ނަމަވެސް، ލަންކާގެ ކީޕަރު ސުޖަން ވަނީ ކުރިއަށް ނުކުމެ ދިފާއުކޮށްފައި.

11 Oct 03:10

'47 - ރާއްޖެއަށް އިތުރު ފުރުސަތެއް. ސިފާއު ނަގައިދިން ހުރަހަކުން ފޭދޫ އިއްބެ އާއި ދަގަނޑޭ މަސައްކަތްކުރި. ފޭދޫ އިއްބެއަށް ރަނގަޅަށް ފޮނުވައިނުލެވި ދަގަނޑޭއަށް ލިބުނު ބޯޅަ ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ނަމަވެސް، ލަންކާގެ ކީޕަރު ސުޖަން ޕެރޭރާ ވަނީ މަތަކޮށްފައި.

11 Oct 03:09

'47 - ރާއްޖޭގެ ނުރައްކާތެރި ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ހަމްޕު ފޮނުވާލި ހަމަލާ އަމާޒުވީ ލަންކާ ގޯލުގެ އަރިމަތީ ދަނޑިއަށް.

11 Oct 03:07

ދެވަނަ ހާފުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ލަންކާ އިން.

11 Oct 03:05
11 Oct 02:57

މިއަދުގެ މެޗު ބައްލަވައިލެއްވުމަށް ލަންކާގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު ނަމާލް ރާޖަޕަކްސަ ވަނީ ދަނޑަށް ވަޑައިގެންފައި.

11 Oct 02:54

ފުރަތަމަ ހާފުގެ އުސްލިއަތައް:

  • މިއަދުގެ މެޗަށްޗެސް ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ވަދެފައިވޭ
  • ހާފުގެ ކުރީކޮޅުގައި ރާއްޖެއިން ލީޑު ނެގި
  • އަރިމަތިން ހައިޝަމް ނަގައިދިން ހިތްގައިމު ހުރަސް ބޮލުން ގޯލަށް ވައްދާލީ ދަގަނޑޭ
  • އޭގެ ފަހުންވެސް ރާއްޖެއަށް ފުރުސަތު ލިބުނު
  • ފޭދޫ އިއްބެގެ ހަމަލާ ސުޖަން ދިފާއުކުރި އިރު، ހަމްޕުއަށް ލިބުނު ފުރުސަތުވެސް ބޭކާރުވި
  • ފުރަތަމަ ހާފުގައި ރާއްޖޭގެ ކީޕަރު ފައިސަލަށް އަނިޔާވެ، ބަދަލުގައި ނުކުތީ ޝަފީއު
  • ހާފުގެ ފަހުކޮޅުގައި ރާއްޖެއިން ބައެއް ގޯސްތައް ހެދި ނަމަވެސް ލަންކާއަށް މާ ބޮޑަށް ނުރައްކާ ކުރެވިފައެއް ނުވޭ
  • ހާފުގެ ފަހު މިނެޓުގައި ސެންޓޭ ފޮނުވާލި ބާރު ހަމަލާ މަތަކުރީ ސުޖަން
11 Oct 02:53
11 Oct 02:52

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން ރާއްޖެ ކުރީގައި އޮވެގެން. ރާއްޖޭގެ ލަނޑު ކާމިޔާބުކޮށްދިނީ ދަގަނޑޭ.

11 Oct 02:52

'45+6 - ރާއްޖެއަށް ހުސް ފުރުސަތެއް. ހަމްޕު ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ސެންޓޭ ފޮނުވާލި ހަމަލާ އަމާޒުވީ ލަންކާގެ ކީޕަރު ސުޖަންއާ ދިމާއަށް.

11 Oct 02:51

'45+4 - ރާއްޖެއަށް ފުރުސަތެއް. ހަމްޕު ރީއްޗަށް މެއިން ބޯޅަ ކޮންޓްރޯލުކުރުމަށްފަހު ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ ހަމަލާއެއް ފޮނުވާލުމުގެ ކުރިން ލަންކާގެ ކީޕަރު ސުޖަން ޕެރޭރާ ވަނީ ކުރިއަށް ނުކުމެ ބޯޅަ ހޯދާފައި.

11 Oct 02:49
11 Oct 02:47

މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ހަތަރު މިނެޓުގެ ކުޅުން ދައްކައިފި.

11 Oct 02:46

'45 - ރާއްޖެއަށް ފުރުސަތެއް. ލަންކާގެ ޑިފެންޑަރު ކައިރިން ނައްޓާލުމަށްފަހު ދަގަނޑޭ ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން ހަމްޕު ޖައްސާލި ބޯޅަ ފޭދޫ އިއްބެއަށް ލިބުމުގެ ކުރިން ލަންކާގެ ޑިފެންޑަރު ޑަކްސަން ވަނީ ދިފާއުކޮށްފައި.

11 Oct 02:41
11 Oct 02:40

ޝަފީއުއަކީ ވެލެންސިއާއަށް ކުޅެމުން އަންނަ ގޯލްކީޕަރެއް. ޝަފީއު ވަނީ މިދިޔަ ސީޒަންގެ ކުރީކޮޅުގައި ވެލެންސިއާއަށް މޮޅަށް ކުޅެފައި. ވެލެންސިއާއަށް ޝަފީއާއެކު ކުޅެމުންދިޔަ ފައިސަލް އަނިޔާގައި ހުރުމުން ސީޒަންގެ ފުރަތަމަ ބުރުގައި ޝަފީއު ވަނީ ފުލްކޮށް ކުޅެ، ފުރަތަމަ ބުރުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައިވެސް ހިމެނިފައި. މިއީ ޝަފީއު ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ތަމްސީލުކުރާ ފުރަތަމަ މެޗު.

11 Oct 02:37

'36 - ލަންކާ އިން ހެމިލްޓަން ފޮނުވާލި ހިލޭ ޖެހުން ނާކާމިޔާބު.

11 Oct 02:36
11 Oct 02:35

'34 - ލަންކާގެ އިޝާނަށް އައިސަމް ކުރި ފައުލަކާ ގުޅިގެން ރާއްޖޭގެ ޕެނަލްޓީ އޭރިއާ ބޭރުން ލަންކާއަށް ހިލޭ ޖެހުމެއް.

11 Oct 02:34

'33 - ރާއްޖޭގެ ޓީމުގެ ފަރާތުން ވެސް މިހާރު ފެނިގެންދަނީ އާދައިގެ ކުޅުމެއް. ގިނަ ބޯޅަތަކެއް ގެއްލޭ ތަން ވެސް ފެނިގެންދޭ.

11 Oct 02:33
11 Oct 02:31

ކީޕަރު ފައިސަލްއަކީ އެންމެ ފަހުން ބަންގުލަދޭޝްގައި ބޭއްވި ސާފް ޗެމްޕިއަންޝިޕް 2018ގައި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު ކުޅުންތެރިޔާ.

11 Oct 02:30

'29 - ފައިސަލަށް އިތުރަށް ކުޅުން ކުރިއަށް ނުގެންދެވޭތީ އޭނާ ދަނޑުން ބާލައިފި. އޭނާގެ ބަދަލުގައި ކުޅެން ނުކުންނަނީ ބަދަަލު ކީޕަރު މުހައްމަދު ޝަފީއު (ޗެކް).

11 Oct 02:27

'26 - ރާއްޖޭގެ ކީޕަރު ފައިސަލަށް އަނިޔާވެގެން ފަރުވާދިނުމަށް ކުޅުން މެދުކެނޑިފައި.

11 Oct 02:26

'24 - ދަގަނޑޭ ނަގައިދިން ކޯނަރުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ އަކުރަމް އަބްދުލްޤަނީ (އަކޫ) ބޮލުން ފޮނުވާލި ހަމަލާ ލަންކާގެ ގޯލާ އަމާޒެއް ނުވި.

11 Oct 02:24

'23 - ދަގަނޑޭގެ ހިތްގައިމު ބޯޅައެއް. ދަގަނޑޭ ދިން ރީތި ބޯޅަ ޕެނަލްޓީ އޭރިއާ ތެރެއިން ފޭދޫ އިއްބެ ޖައްސާލި ބޯޅަ، ސެންޓޭއަށް ލިބުމުގެ ކުރިން ލަންކާގެ ޑިފެންޑަރުން ވަނީ ކޯނަރަކަށް ބޯޅަ ބޭރުކޮށްލާފައި.

11 Oct 02:23

'22 - ރާއްޖޭގެ ގޯހެއް. ސަމޫހު އަތުން ބޯޅަ ގެއްލުމާއެކު ޑި ސިލްވާ ނުރައްކާކުރުމަށް މަސައްކަތްކުރި ނަމަވެސް، ރާއްޖޭގެ ގޯލަށް ހަމަލާއެއް ފޮނުވައިލުމުގެ ކުރިން ސަމޫހު ވަނީ އަލުން އެ ބޯޅަ ހޯދާފައި.

11 Oct 02:20
11 Oct 02:19

'17 - ކައުންޓާ އެޓޭކެއްގައި ރާއްޖެއިން ނުރައްކާކުރުމަށް މަސައްކަތްކުރި ނަމަވެސް، ލަންކާގެ ގޯލަށް ހަމަލާއެއް ފޮނުވައިލެވޭ ގޮތެއް ނުވި.

11 Oct 02:16
11 Oct 02:14

'14 - ރާއްޖޭގެ ނުރައްކާތެރި ހަމަލާއެއް. ކޯނަރުގެ ތެރެއިން ލިބުނު ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ސެންޓޭ ފޮނުވާލި ހަމަލާ އަމާޒުވީ ލަންކާ ގޯލުގެ ހުރަސް ދަނޑިއަށް.

11 Oct 02:14

'13 - އަލީ ފާސިރު (ސެންޓޭ) ނަގައިދިން ހިލޭ ޖެހުމުން ރާއްޖެއިން ނުރައްކާކުރުމުގެ ކުރިން ޕެނަލްޓީ އޭރިއާ ތެރެއިން ޗަރިތަ ވަނީ ކޯނަރަކަށް ބޭރުކޮށްލާފައި.

11 Oct 02:13

'12 - ދަގަނޑޭއަށް ޗަރިތަ ކުރި ފައުލަކާ ގުޅިގެން ލަންކާގެ ހާފުގެ ތެރެއިން ރާއްޖެއަށް ހިލޭ ޖެހުމެއް.

11 Oct 02:10

'8 - ރާއްޖެއަށް ރަނގަޅު ފުރުސަތެއް. ދަގަނޑޭ ދިން ބޯޅައެއް ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ) ފޮނުވާލި ހަމަލާ، ލަންކާގެ ކީޕަރު ސުޖަން ޕެރޭރާ ވަނީ މަތަކޮށްފައި.

11 Oct 02:09

މިއީ މިފަހަރުގެ މުބާރާތުގައި ދަގަނޑޭ ކާމިޔާބުކުރި ދެވަނަ ލަނޑު. އޭނާގެ ފުރަތަމަ ލަނޑަކީ ބަންގުލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗުގައި ޖެހި ލަނޑެއް.

11 Oct 02:07

'6 - ރާއްޖެއިން ލީޑު ހޯދައިފި. ހައިޝަމް ނަަގައިދިން ރީތި ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ރާއްޖެއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އަލީ އަޝްފާގު (ދަގަނޑޭ). އޭނާ އެ ލަނޑު ކާމިޔާބުކުރީ ބޯޅަ ބޮލުން ފޮނުވާލައިގެން.

11 Oct 02:06

'5 - ޑި ސިލްވާ ނަގައިދިން ހިލޭ ޖެހުމުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ޗަލަނަ ޗަމީރާ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލި ނަމަވެސް، އޭނާ ހުރީ އޮފްސައިޑު މަގާމެއްގައި.

11 Oct 02:04

'4 ސިފާއު ކުރި ފައުލަކާ ގުޅިގެން ރާއްޖޭގެ ހާފުގެ ތެރެއިން ލަންކާއަށް ހިލޭ ޖެހުމެއް.

11 Oct 02:03

މި މެޗުގައި ރާއްޖެއިން ނުކުތް ޓީމުން ފެންނަނީ އެންމެ ބަދަލެއް. އެއީ އަސްހަދު އަލީ (އަޑޭ)ގެ ބަދަލުގައި އިބްރާހިމް އައިސަމް ކުޅެން ނެރުން. ނަމަވެސް ބަންގުލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗުގައި އަޑޭއަށް އަނިޔާވުމުން، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އައިސަމް ކުޅެން އަރައި ވަނީ މޮޅު ކުޅުމެއް ދައްކާފައި. އައިސަމް އަކީ ނޭޕާލާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ 11 އިން ފެނުނު ކުޅުންތެރިއެއް.

11 Oct 02:00

މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ރާއްޖެއިން.

11 Oct 01:59
11 Oct 01:57

މެޗު ފެށުމަށް ރާއްޖެއާއި ލަންކާ ޓީމު ވެސް ދަނޑަށް ނުކުމެއްޖެ. ރާއްޖެއިން ނުކުތީ ރަސްމީ ރަތް ކުލައިގެ ޖާޒީގައި. ލަންކާ ނުކުތީ ނޫ ކުލައިގެ ޖާޒީގައި.

11 Oct 01:55
11 Oct 01:53

މިއަދުގެ މެޗު ބައްލަވައިލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވަނީ ދަނޑަށް ވަޑައިގެންފައި. އޭގެ އިތުރުން ބައެއް ވަޒީރުން ވެސް މެޗު ބައްލަވައިލެއްވުމަށް ވަޑައިގެންނެވި.

11 Oct 01:52

ރާއްޖެއާއި ލަންކާގެ ކުރިމަތިލުންތަކަށް ނަޒަރެއް

  • ރާއްޖެއާއި ސްރީ ލަންކާ މީގެ ކުރިން 19 ފަހަރަށް ކުޅެފައިވޭ
  • އޭގެ ތެރެއިން ހަތް މެޗަކުން ރާއްޖެ މޮޅުވެފައިވޭ
  • ލަންކާ އަތުން ރާއްޖެ ބަލިވީ ތިން ފަހަރު
  • އެންމެފަހުން ރާއްޖެ އަތުން ލަންކާ މޮޅުވީ 2002 ވަނަ އަހަރު ކުޅުނު އެކުވެރިކަމުގެ މެޗެއްގައި 1-0 އިން
  • މިހާތަނަށް ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އަތުން ލަންކާ މޮޅުވެފައެއް ނުވޭ
  • ސާފް ޗެމްޕިއަންޝިޕުގައި އެންމެ ތަފާތު ބޮޑު ނަތީޖާއެއް ނުކުތީވެސް ރާއްޖެއާއި ލަންކާ މެޗެއްގައި
  • އެ މެޗުގައި ރާއްޖެއިން ލަންކާ ބަލިކުރީ 10-0 ގެ ނަތީޖާއަކުން، މެޗުގައި ދަގަނޑޭ ހަ ގޯލު ޖެހި
11 Oct 01:44

މެޗަށް ގިނަ އަދަދެއްގެ ދިވެހި ސަޕޯޓަރުން ވަނީ ދަނޑަށް ވަންނަން ފަށާފައި. އިއްޔެ ޓިކެޓު ނުލިބިގެން ވެސް ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ނުރުހުން ފާޅުކޮށްފައި. ނަމަވެސް ފަހުން އެފްއޭއެމުން ވަނީ ސަޕޯޓަރުންނަށް އިތުރު 1000 ޓިކެޓު ވިއްކާފައި.

އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021ގެ ހަތްވަނަ މެޗުގައި ދިވެހި ރާއްޖެއާއި ސްރީ ލަންކާ ވާދަކުރާ މެޗުގެ ލައިވް ކަވަރޭޖަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!

މިއީ މުބާރާތުގައި ރާއްޖެ ކުޅޭނެ ތިންވަނަ މެޗު. ފުރަތަމަ މެޗުގައި ރާއްޖެ ބަލިވީ ނޭޕާލު އަތުން 1-0 އިން. ދެން ކުޅުނު މެޗުގައި ރާއްޖެއިން ވަނީ 2-0 އިން ބަންގުލަދޭޝް ބަލިކޮށްފައި. ފައިނަލަށް ދިއުމަށް މިއަދުގެ މެޗަކީވެސް ރާއްޖެއަށް ވަރަށް މުހިއްމު މެޗެއް. މިއަދުގެ މެޗަށްފަހު ލީގު ބުރުގައި ރާއްޖެއިން ކުޅޭ ފަހު މެޗަށް ނުކުންނާނީ އިންޑިއާއާ ދެކޮޅަށް. ލަންކާއަށް މިއީ މިފަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ކުޅޭ އެންމެ ފަހު މެޗު. މިހާތަނަށް ލަންކާއިން ކުޅެފައިވާ އެއްވެސް މެޗަކުން އެޓީމުން މޮޅުވެފައި ނެތް ނަމަވެސް، އެޓީމުން ވަނީ އެންމެފަހުން އިންޑިއާއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުކޮށް، ޕޮއިންޓެއް ހޯދާފައި.

ކޯޗުންގެ ބަސް

އަލީ ސުޒޭން - ރާއްޖެ

"ވަރަށް ބޮޑު، އަދި އުނދަގޫ ޗެލެންޖަކަށް ސްރީލަންކާ ވާނީ. އިންޑިއާއާ ދެކޮޅަށް ލަންކާ އިން ޓެކްޓިކަލް ޕްލޭން ކާމިޔާބުކުރި. ވަރަށް މަސައްކަތުގެ ރޭޓް ރަނގަޅު ޓީމެއް. ވަރަށް ބޮޑަށް ސަމާލުވާން ޖެހޭނެ. ޑިފެންސިވްކޮށް ވަރުގަދަ ޓީމެއް ލަންކާއަކީ. އަހަރެމެންގެ ސްޓައިލާ މުޅިން ތަފާތުވެސް ޓީމެއް. އަޅުގަނޑުމެން މި މެޗުގައި 100 ޕަސެންޓް ދީގެން، ޕޮއިންޓުތައް ހޯދަން މަސައްކަތް ކުރާނަން. އިހުތިރާމު ކުރަމުން ލަންކާއާ ކުރިމަތިލާނީ،"

"މިދިޔަ މެޗަށްފަހު ތައްޔާރީތައް ރަނގަޅަށް ދިޔައީ. ބޮޑަށް ރިކަވަރީގެ ބައި މިދިޔައީ މިދިޔަ ދެ ދުވަހެއްގެ ތެރޭގައި. އިރާދަކުރެއްވިއްޔާ އެންމެފަހުން މެޗުގައި ލިބުނު ނަތީޖާއާއެކު ވަރަށް ރަނގަޅަށް ޓީމުގެ ރޫހު އޮތީ. މެޗަކީ ހަވީރު ކުޅެވޭ މެޗެއް ވީމަ ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އަންނާނެ. އެކަމަކު ތައްޔާރަށް ޓީމު އޮތީ،"

އާމިރު އަލަގިޗް - ސްރީ ލަންކާ

"މި މެޗު އެއީ އަހަރެމެންނަށް އެންމެ އުނދަގޫ މެޗަށް ވާނެ. އެއީ އަހަރެމެން މި ނުކުންނަނީ ހޯސްޓް ކުރާ ޓީމާ ދެކޮޅަށް. ވަރަށް ކޮންފިޑެންސްގައި ރާއްޖެ އޮތީ. އެންމެފަހުން ކުޅުނު މެޗުގައި 2-0 އިން ބަންގުލަދޭޝް ބަލިކޮށްފައި އޮތީ. އެ މެޗުގައި ރާއްޖެއިން ހުރިހާ ގޮތަކުންވެސް ވަރަށް ރަނގަޅަށް ކުޅުނު. އަހަރެމެން ހިތްވަރު އާކުރާނީ އިންޑިއާ އަތުން ހޯދުނު ޕޮއިންޓުގެ އެހީގައި. އަދިވެސް އަހަރެން ގަބޫލުކުރަނީ އިންޑިއާއަކީ މި ރީޖަންގެ އެންމެ ވަރުގަދަ ޓީމުގެ ގޮތުގައި. ރާއްޖެއަށް އޮތީ މޮޅުވުން. އޭރުން ރާއްޖެއަށް ފައިނަލަށް ފުރުސަތު އޮތީ. އަހަރެމެންނަށް ގެއްލޭނެ މާ ބޮޑު އެއްޗެއް ނެތް. އެހެންވީމަ ޕްރެޝަރު އޮންނާނީ ރާއްޖެއަށް. އެ ޕްރެޝަރުގައި ކުޅެމުންދާއިރު، އަހަރެމެންނަށް ލިބޭނެ ފުރުސަތެއް. ނޭޕާލަށްވެސް ލިބުނު އެ ފުރުސަތު. އަހަރެމެން މަސައްކަތް ކުރާނީ އެ ފުރުސަތަށް. ފެއާ ޕްލޭ މެޗެއް ފެނިގެންދާނެ،"