ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަ ނުކުރައްވަން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު (ރީކޯ މޫސަ) ނިންމަވައިފި އެވެ.
މަޖިލީހަށް ކުރިމަތިނުލައްވަން ނިންމެވިކަން އިއުލާނުކުރެއްވީ މޫސަ ދާދި ދެންމެ ކުރެއްވި ވަރަށް ކުރު ޓުވީޓެއްގަ އެވެ.
"2019ގެ މަޖިލިސް އިންތިޚާބުގައި ވާދަ ނުކުރަން އަޅުގަނޑު ނިންމައިފިން." މޫސަގެ ޓުވީޓުގައި ވިދާޅުވެފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހަށް ކުރިމަތިނުލައްވަން މޫސަ ނިންމެވި ސަބަބު ފޯނު ނުނަންގަވާތީ ވަނީ ސާފުވާގޮތް ނުވެފަ އެވެ. އެހެން ނަމަވެސް އޭނާ ގެންދެވީ ލ. ގަމު ދާއިރާއަށް ކުރިމަތިލައްވަން ނިންމަވައި ކެމްޕޭން ވެސް ކުރައްވަމުންނެވެ.
މޫސަ ވަނީ ލ. އަތޮޅުގެ މެންބަރުކަން އެއް ދައުރު ކުރައްވައިފަ އެވެ. ހުޅުހެންވޭރު ދާއިރާގެ މެންބަރު ކަމުގައި އޭނާ މިހާރު އަދާކުރައްވަމުން ގެންދަވަނީ ދެވަނަ ދައުރެވެ. މޫސަ ވަނީ މިހާރު އަމަލުކުރަމުން އަންނަ ގާނޫނު އަސާސީ އެކުލަވައިލި ރައްޔިތުންގެ ޚާއްސަ މަޖިލިސްގައި ވެސް މަސައްކަތް ކުރައްވައިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ ޗީފް ވިޕް ކަމާއި އެމްޑީޕީ ޕީޖީ ގުރޫޕުގެ ލީޑަރު ކަމާއި މަޖިލީހުގެ ގައުމީ ސަލާމަތު ކޮމެޓީގެ މުގައްރިރު ކަމާއި އާންމު ކޮމެޓީގެ މުގައްރިރު ކަމުގެ އިތުރުން 241 ކޮމެޓީގެ ނައިބު މުގައްރިރުކަން ވެސް މޫސަ ވަނީ ކުރައްވައިފަ އެވެ.
މޫސަ މިއަދު އިސްތިއުފާދެއްވި އިރު، 2012 ވަނަ އަހަރުގެ ފެބުރުއަރީ 8 ވަނަ ދުވަހާ ގުޅޭ ބައެއް ފޮޓޯތައް އެޓޭޗްކުރައްވައި އޭނާ ވަނީ ޓުވީޓު ކުރައްވައިފަ އެވެ.
މިއަދަކީ ފެބުރުއަރީ 8 ވަނަ ދުވަހަށްވާ އިރު، 2012 ވަނަ އަހަރުގެ ފެބުރުއަރީ ހަތް ވަނަ ދުވަހު ރައީސް ނަޝީދު އިސްތިއުފާދެއްވުމަށް ފަހު މާލޭގައި ހިނގި ހަމަނުޖެހުމާ ގުޅިގެން، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި މާރިޔާ އަހުމަދު ދީދީއާއި މޫސަ މާލޭގެ ފިހާރައެއްގެ ގުދަނެއްގެ ތެރޭގައި ތިއްބައި ފުލުހުން އެމީހުން ހޯދަން ކުރި މަސައްކަތުގައި އެންމެ ފުރަތަމަ ބޭރަށް ނުކުތީ މޫސަ އެވެ. އެ ދުވަހު މޫސައަށް ވަރަށް ބޮޑަށް އަނިޔާވެ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދިނުމަށް ފަހު އެރޭ ދަންވަރު ފުރުވައިލީ ސްރީލަންކާ އަށެވެ. ސްރީލަންކާގެ ހޮސްޕިޓަލުގައި 15 ވަރަކަށް ދުވަސް ވާންދެން މޫސަ އެޑްމިޓުކޮށްފައި އޮތެވެ.