ހައުސިން މިނިސްޓްރީ

ގޯތި ފޯމް ނަގަން ގިނަ ބަޔަކު ކިޔޫގައި ޖެހިއްޖެ

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 400 ގޯތި ވިއްކުމަށް ހައުސިން މިނިސްޓްރީން ނިންމުމާއެކު ގޯތި ފޯމު ނަގަން ގިނަ ބަޔަކު ކިޔޫގައި ޖެހިއްޖެއެވެ.

އެ ގޯތިތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މާލޭގެ ރައްޔިތުން ނުވަތަ ދަފްތަރުގައި ޖެހިފައިވާފައިވާ މީހުންނަށެވެ.

މިއަދު 4:30 އިން ފެށިގެން ފޯމު ދޫކުރުމަށް ނިންމާފައިވީ ނަމަވެސް، ހައުސިން މިނިސްޓްރީން ގޯތި ދޫކުރަން ނިންމުމަށް އިއުލާންކުރިތާ މާ ގިނައިރުތަކެއް ނުވަނީސް ގިނަ ބަޔަކު މިވަނީ ކިޔޫގައި ޖެހިފައެވެ. މިއަދު ފޯމު ދޫކުރަން ފަށާ ގަޑީގައި ހައުސިން މިނިސްޓްރީގެ ވެބްސައިޓުން ވެސް އެ ފޯމު ޑައުންލޯޑް ކުރެވޭނެއެވެ.

މުއިއްޒު ވިދާޅުވީ އެ ގޯތިތައް ދޫކުރާނީ 400،000 ރުފިޔާއަށް ބިމެއް ކަމަށާއި ޑައުން ޕޭމަންޓުގެ ގޮތުގައި 25،000 ރުފިޔާ ދެއްކުމަށްފަހު ބަކީ ފައިސާ ދިހަ އަހަރު ތެރޭ ކޮންމެ މަހަކު ދައްކާ ހަލާސް ކުރެވޭނެ ކަމަށެވެ. އަދި ބޭނުންވާ ފަރާތްތަކަށް އެއް ފަހަރާ ފައިސާ ދެއްކުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ގޯއްޗަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި 18 އަހަރުވެފައިވާ މާލޭގެ ރައްޔިތަކަށްވުން ނުވަތަ ދަފްތަރުގައި ޖެހިފައިވުމާއި ކައިވެންޏެއް ކޮށްގެން އުޅުމާއި 600 އަކަފޫޓުގެ ގޯއްޗެއް ނުވަތަ ފްލެޓެއް ނެތް މީހަކަށްވުން އަދި ސަރުކާރުގެ ބޯހިޔާވެހިކަމުގެ އެއްވެސް މަޝްރޫއަކުން ބޯހިޔާވެރިކަމެއް ލިބިފައި ނެތް މީހަކަށްވުން ހިމެނެއެވެ. ގޯއްޗަށް ކުރިމަތިލާ މީހުންގެ ތެރެއިން 400 މީހުން ހޮވަނީ ގުރުއަތުލައިގެންނެވެ.

މި ސަރުކާރުން ގޯތި ވިއްކުމަށް ނިންމާފައި މިވަނީ ދައުލަތުގެ ބިންތައް ނުވިއްކުމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގޮވާލައްވަމުން ގެންދަވަނިކޮށެވެ.