ސަލާމަތުގެ ސަބަބުތަކާ މެދު ވަރަށް ގިނަ ބަޔަކު އިހުމާލުވެފައިވާ ކަމަށާއި ހެދިފައިވާ ގަވާއިދުތަކާ ހިލާފުވުމުގެ ސަބަބުން މީހެއްގެ ފުރާނައަށް ގެއްލުންވެއްޖެ ނަމަ، އެމީހަކު އެކަމުގެ ޒިންމާ އުފުލަން ޖެހޭނެ ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ހުތުބާގައި ބުނެފައިވަނީ ފަހަކަށް އައިސް ގޯތި ގެދޮރު އިމާރާތް ކުރުމުގައި ވަރަށް ބޮޑަށް ފަރުވާކުޑަކުރާކަން ފާހަގަކުރެވޭ ކަމަށާއި އިމާރާތް ކުރުމުގައި ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ނޭޅުމުގެ ސަބަބުން ވެއްޓޭ ތަކެތިން ޖެހި، މީހުންގެ ފުރާނައަށާއި ތަކެއްޗަށް ގެއްލުން ލިބި، ވަރަށް ހިތާމަވެރި ހާދިސާތައް ހިނގާ ކަމަށެވެ.
"އިމާރާތްކުރުމުގައި ސަލާމަތީ ކަންތައްތައް ވަރުގަދަކޮށް، އަލިފާން ނިއްވާ ވަސީލަތްތަކާއި ކަރަންޓާއި ފެނާއި ގޭހާއި އަދި މިނޫން ވެސް ވަސީލަތްތަކަކީ ފެންވަރު ރަނގަޅު ވަސީލަތްތައް ކަމުގައި ހަދަން ޖެހެއެވެ. ކަނޑު ދަތުރުފަތުރު ކުރުމާއި މޫދަށް އެރި އުޅުމާއި ފީނާ އުޅުމުގައި ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ސަމާލުކަން ދޭންވާނެއެވެ..،" ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި ބުނީ އެއްގަމު އުޅަނދުފަހަރު ދުއްވާ މީހުންނާއި މަގު ހިނގާ މީހުން ވެސް ރައްކާތެރިވާން ޖެހޭ ކަމަށާއި އެއްގަމު އުޅަނދުގައި ދަތުރުކުރާ މީހުން އެތަކެތީގެ ސަލާމަތީ ކަންކަން ރަނގަޅަށް ބަލަން ޖެހޭ ކަމަށެވެ. އަދި އެފަދަ ކަންކަމުގައި އެއްވެސް ފަރުދަކު އިހުމާލުވެއްޖެ ނަމަ، އޭގެ ސަބަބުން ދިމާވެދާނޭ ހިތާމަވެރި ހާދިސާއަކާ މެދު ސަމާލުވާންޖެހޭނެ ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.
"އެއްގަމު އުޅަނދުގައި ދަތުރުކުރާ މީހުން އެތަކެތީގެ ބުރަކި ރަނގަޅުތޯ، ތެޔޮ ހުރިތޯ، އަޑީތެޔޮ ބަދަލުކުރަންޖެހޭތޯ، ފުރޮޅުގެ ޓަޔަރުތައް ހުރީ ސަލާމަތުންތޯ ދަތުރު ފެށުމުގެ ކުރިން ބަލައި ކަށަވަރުކުރުމަކީ މުހިންމު ކަމެއް ކަމުގައި ދެކެންޖެހެއެވެ. މުޖުތަމައުގެ އެންމެހައި އަފުރާދުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހެދިފައިވާ ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތަން ޖެހެއެވެ. އެ ގަވާއިދުތަކާ ހިލާފުވުމުގެ ސަބަބުން މީހެއްގެ ފުރާނައަށް ގެއްލުންވެއްޖެ ނަމަ، އެކަމުގެ ޒިންމާވެސް އުފުލަން ޖެހޭނެއެވެ..،" ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި އިތުރަށް ބުނެފައިވަނީ އިސްލާމީ ޝަރީއަތުގައި އިންސާނާގެ ނަފުސުގެ ދަރަޖަ ވަރަށް މަތިވެރި ކަމަށާއި އެހެންކަމުން އިންސާނާގެ ނަފުސު ރައްކާތެރިކުރުމަށް ކީރިތި ގުރުއާނުގެ ވަރަށް ގިނަ އާޔަތްތަކުގައި ބާރު އަޅުއްވާފައިވާ ކަމަށެވެ.