އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި މާދަމާ ހަވީރު ސްރީލަންކާއާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗަށް ޓީމު އޮތީ ތައްޔާރުވެފައި ކަމަށާއި ޓީމުގެ ރޫހު އޮތީ ވަރަށް ރަނގަޅަށް ކަމަށް ކޯޗު އަލީ ސުޒޭން ބުނެފިއެވެ.
ރާއްޖެއިން މިހާތަނަށް މުބާރާތުގައި ދެ މެޗު ކުޅެފައިވާއިރު، އެންމެފަހުން ކުޅުނު މެޗުގައި ބަންގުލަދޭޝް ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. އޭގެ ކުރީ މެޗުގައި ނޭޕާލާ ދެކޮޅަށް ކުޅެ ބަލިވެފައި ރާއްޖެ އޮތް ނަމަވެސް ބަންގުލަދޭޝް މެޗުގައި ރާއްޖެއިން ވަނީ މޮޅަށް ކުޅެފައެވެ. މެޗުގައި ރާއްޖޭގެ ގޯލުތައް ޖަހައިދިނީ ހަމްޒާ މުހައްމަދު (ހަމްޕު) އާއި އަލީ އަޝްފާގު (ދަގަނޑޭ) އެވެ. އެ މެޗުން މޮޅުވެ ޓީމުގެ މޯޓިވޭޝަން ރަނގަޅުވެފައިވާ ކަމަށް ކޯޗު ސުޒޭން ވަނީ މިއަދު ބޭއްވި ޕްރީ މެޗު ޕްރެސްގައި ބުނެފައެވެ.
"މިދިޔަ މެޗަށްފަހު ތައްޔާރީތައް ރަނގަޅަށް ދިޔައީ. ބޮޑަށް ރިކަވަރީގެ ބައި މިދިޔައީ މިދިޔަ ދެ ދުވަހެއްގެ ތެރޭގައި. އިރާދަކުރެއްވިއްޔާ އެންމެފަހުން މެޗުގައި ލިބުނު ނަތީޖާއާއެކު ވަރަށް ރަނގަޅަށް ޓީމުގެ ރޫހު އޮތީ. މެޗަކީ ހަވީރު ކުޅެވޭ މެޗެއް ވީމަ ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އަންނާނެ. އެކަމަކު ތައްޔާރަށް ޓީމު އޮތީ،" ސުޒޭން ބުންޏެވެ.
ސުޒޭން ބުނީ މިހާރު ހުރިހާ ކުޅުންތެރިންވެސް ތިބީ އަނިޔާއިން ސަލާމަތްވެ ފިޓްކޮށް ކަމަށެވެ. އެންމެފަހުން ރާއްޖެއިން ބަންގުލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗުގައި އަނިޔާގެ ސަބަބުން ރާއްޖޭގެ މެދުތެރެއިން ދެ ބަދަލެއް ކުރަން ޖެހިފައިވެއެވެ. އަސްހަދު އަލީ (އަޑުބަރޭ) އާއި ހުސައިން ނިހާން (ނިހާޓު) އެ މެޗުގައި އަނިޔާގެ ސަބަބުން ބާލަން ޖެހުނު ނަމަވެސް މިހާރު އެ ދެކުޅުންތެރިންވެސް ފިޓްކަމަށް ސުޒޭން ބުންޏެވެ.
ކޯޗު ސުޒޭން ފާހަގަކުރި ގޮތުގައި ގައުމީ ޓީމުގެ ތަމްރީނުތައް ކުރިއަށް ގެންގޮސްފައި ވަނީ ކޮންމެ ވަގުތެއްގައި، ކޮންމެ ކުޅުންތެރިޔަކުވެސް ބޭނުންކުރަން ޖެހިދާނެ ކަމަށް ބަލައިގެން ކަމަށާއި އޭގެ ނަތީޖާ އެންމެފަހުން މެޗުގައި ކުޅެން ނުކުތް ބަދަލު ކުޅުންތެރިން ފަރާތުންވެސް ފެނިފައިވާ ކަމަށެވެ.
މިއަދުގެ ޕްރެސްގައި ސުޒޭން އިތުރަށް ފާހަގަކުރީ ލަންކާއަކީ ޗެލެންޖަކަށް ވާނެ ކަމަށާއި ލަންކާއަށް ވަރަށް ބޮޑަށް ސަމާލުވާން ޖެހޭނެ ކަމަށެވެ.
"ވަރަށް ބޮޑު، އަދި އުނދަގޫ ޗެލެންޖަކަށް ސްރީލަންކާ ވާނީ. އިންޑިއާއާ ދެކޮޅަށް ލަންކާ އިން ޓެކްޓިކަލް ޕްލޭން ކާމިޔާބުކުރި. ވަރަށް މަސައްކަތުގެ ރޭޓް ރަނގަޅު ޓީމެއް. ވަރަށް ބޮޑަށް ސަމާލުވާން ޖެހޭނެ. ޑިފެންސިވްކޮށް ވަރުގަދަ ޓީމެއް ލަންކާއަކީ. އަހަރެމެންގެ ސްޓައިލާ މުޅިން ތަފާތުވެސް ޓީމެއް. އަޅުގަނޑުމެން މި މެޗުގައި 100 ޕަސެންޓް ދީގެން، ޕޮއިންޓްތައް ހޯދަން މަސައްކަތްކުރާނަން. އިހުތިރާމް ކުރަމުން ލަންކާއާ ކުރިމަތިލާނީ،"
ރާއްޖެ މިވަގުތު ތާވަލުގެ ތިންވަނައިގައި އޮތްއިރު، ލަންކާ ބަލިކޮށް އެއްވަނައަށް އެރުމަށް ފުރުސަތު އޮންނާނެއެވެ. ސުޒޭން ބުނެފައި ވަނީ އެފަދަ ގޮތަކަށް ހާލަތު އޮތް ނަމަވެސް ހިސާބުތަކެއް ޖަހައިގެން އެ ހާލަތު ބެލުމަށްވުރެ ބޮޑަށް މުހިއްމީ މެޗަކަށްފަހު މެޗެއް ވިސްނުން ކަމަށެވެ. އެއީ ރާއްޖެއަށްވުރެ ކުރީގައި މިވަގުތުވެސް ޓީމުތައް އޮތުމުން ކަމަށް ސުޒޭން ފާހަގަކުރިއެވެ.
ސުޒޭން ވަނީ ސަޕޯޓަރުންނަށްވެސް ހާއްސަ މެސެޖެއް ދީފައެވެ. އެ މެސެޖުގައި ޓިކެޓު މައްސަލައަށްވެސް އަލިއަޅުވާލާފައިވެއެވެ.
"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އަޅުގަނޑުމެންނާއި ދޭތެރޭ އުންމީދު ކުރާށޭ، ޔަގީންކަން ބާއްވާށޭ. އިރާދަކުރެއްވިއްޔާ ކުޅުންތެރިން، ތި ބޭފުޅުން މާޔޫސްވިޔަކަ ނުދޭނޭ. ވަރަށް އަދަބުވެރިކަމާއެކު ފުޓްބޯޅަ ސަޕޯޓަރުންގެ ކިބައިން އެދެން. މި ދަނޑުގެ ކެޕޭސިޓީއަކީ 5000 މީހުންނޭ. އެންމެންވެސް ބޭނުންވާނެ ސަޕޯޓުކުރަން ދަނޑަށް ވަންނަން. އެކަމަކު އެއީ ވަރަށް ކުޑަ އަދަދެއް. ކެތްތެރިކަމާއެކު ޓީމުގެ ފަހަތުގައި ތިއްބަވާ. ތި ބޭފުޅުން މާޔޫސްވާނެ ކަމެއް ޓީމުގެ ފަރާތުން އިރާދަކުރެވިއްޔާ ނާންނާނެ. ސަޕޯޓު ކުރުމުގެ ރޫހު އޮތްވަރު މި ފެންނަނީ އެންމެން ދަނޑަށް ވަންނަން ބޭނުން ވުމަކީ،" ކޯޗު ސުޒޭން ބުނެފައިވެއެވެ.
ރާއްޖެ އާއި ލަންކާ ވާދަކުރާ މެޗު އޮންނާނީ މާދަމާ ހަވީރު 4:00 ގައެވެ.