(04 އޮކްޓޯބަރުގެ އަދަދާ ގުޅޭ)
އެއިން އެއްވެސް ކޮޓަރިކޮޅެއްގައި ގިފިއްޔެއް ނުހުރެއެވެ. ޤަޟާޙާޖަތް ކުރައްވަން ވަޑައިގަންނަވަނީ ވަލުތެރެއަށެވެ. މީހުނާ ދުރަށް ވަޑައިގެންނެވުމަށްޓަކައި ބައެއްފަހަރު ދެމޭލަށް ހިންގަވައެވެ. ދާދި މަދުފަހަރަކު މެނުވީ އެއިން ކޮޓަރިކޮޅެއްގައި ބައްތިކޮޅެއް ނުދިއްލަވައެވެ. ބައްތިކޮޅަށް އަޅުއްވާނެ ތެޔޮ ލިބިވަޑައިނުގަންނަވާތީއެވެ. أمّ المـؤمـنــيـن السّـيّدة عـائـشــة رضى اللّـه عنـهــا ވިދާޅުވެފައިވެއެވެ. "އަހަރެމެންނަށް ބައްތި ތެޔޮ ލިބޭނަމަ ހައިހޫނުކަމުން ސަލާމަތްވާން އަހަރެމެން އެތެޔޮ ބޯނީއެވެ." އުނދުންކޮޅުގެ މައްޗަށް އެއްޗެއް ނުއުއްދަވައި މަސްދުވަސް ދެމަސްދުވަސް ފާއިތުވެ ހިނގައިދެއެވެ. ކޮޓަރިކޮޅުތަކުގައި ހުންނަނީ ވަރަށްމަދު ދޭސީ ސާމާނުތަކެކެވެ. އަވަހާރަފުޅު ލައްޕަވާން ހަތަރުފައިޖެހި އެނދެއް (އެނދުދާންކޮޅެއް) ހުރެއެވެ. އިތުރު ސާހިބާ އޭގެއިތުރަށް ކޮންމެ އަނބިކަނބަލަކަށްވެސް ހޯއްދަވައިދެއްވަނީ އުޑިއަކާއި ފެންއަޅުއްވާ ކަންވާރަކާއި ކަދުރު ރުކުގެ ފަންވަތް އެތެރެޔަށް ލައިފައިވާ ބާލީސްކޮޅެކެވެ. ދެން ރިކާބީއަކާއި ފެންފޮދު ހިއްޕަވާ ކަންވާރެވެ.
މިއީ ދިހަލައްކަ އަކަމޭލުގެ ބޮޑު ސަރަޙައްދަކަށް ވެރިކަން ހިންގެވި ޝަހެންޝާހުގެ ގެކޮޅުގެ ހާލަތެވެ. އެހެންކަމުން އެގެކޮޅަށް ކިޔަން އެންމެ އެކަށީގެންވާ ނަމަކީ ގަނޑުވަރުތޯ ގެކޮޅުތޯ ނުވަތަ ފިޔަފާޅިތޯ ބަހުސްކުރާކަށެއް އަޅުގަނޑު ނެތީމެވެ. މިފޮތް ވިދާޅުވާ ބޭފުޅުން ގޮތެއް ނިންމަވަން އަޅުގަނޑު އެކަން ދޫކޮށްލަމެވެ. ޝައްކެއްނެތެވެ. މިއީ ކޮންމެ މުއުމިނެއްގެ ދެލޮލުން ލޭކަރުނަ ހިލުވައިލާނެ ސާދާ ދިރިއުޅުއްވުމެކެވެ. އިތުރު ސާހިބާއަކީ އަރާމާއި ޢައިޝުގައި އުޅުއްވި ބޭކަލެއްކަމަށް ބުނެ އެމާތް ސާހިބާއަށް ތައުހީނުކުރާ މީހުންގެ ހިތްތަކުގައި އިންސާނީވަންތަކަމުގެ ކުނޑިފަށެއް ހުރިކަމުގައިވިޔަސް ވިސްނައިލުން ޙައްޤު ކަމެކެވެ.
أمّ المـؤمـنــيـن السّـيّدة عـائـشــة رضى اللّـه عنـهــا އާ ކޮންމެވެސް ބޭކަލެއް ސުވާލު ކުރެއްވިއެވެ. މާތް اللّـه ގެ ރަސޫލާ އެކަލޭގެފާނުގެ ގެކޮޅުގައި ކުރައްވަނީ ކޮންކަމެއްތޯއެވެ. އެކަމަނާ ޖަވާބު ދެއްވިއެވެ. އެކަލޭގެފާނަކީ އެހެންވެސް ޢާއްމު އިންސާނުންފަދަ އިންސާނެކެވެ. އެކަލޭގެފާނުގެ ހެދުންކޮޅުތައް ބަލަހައްޓަވައި ފައްސަވައި ރާފޫކުރައްވައި ފޮތި އަޅުއްވައި ހައްދަވަނީ އަމިއްލަފުޅަށެވެ. ބަކަރީން ކިރު ފެއްލަވަނީވެސް އަމިއްލަފުޅަށެވެ. އަމިއްލަފުޅު ހުރިހާކަމެއްވެސް ކުރައްވަނީ އަމިއްލަފުޅަށެވެ. ފައިވާންޖޯޑުކޮޅުތައް އަމިއްލަފުޅަށް މަރާމާތު ކުރައްވައެވެ. އެކަލޭގެފާނުގެ ތުޅާކޮޅު ހަލާކުވެއްޖެނަމަ މަރާމާތު ކުރައްވަނީ އަމިއްލަފުޅަށެވެ. ސަވާރުވެވަޑައިގަންނަވާ ސޫފިތަކަށް ހުއި ކާންދެއްވައެވެ. ޚާދިމަކު ހުރިކަމުގައިވާނަމަ އެމީހަކާ އެކުވެސް މަސައްކަތްޕުޅު ކުރައްވައެވެ. ފުށް މުގުރުއްވައެވެ. ޚާދިމަކު ނެތްފަހަރެއް ކަމުގައިވާނަމަ އެމަސައްކަތްޕުޅުވެސް ކުރައްވަނީ އަމިއްލަފުޅަށެވެ. އަމިއްލަފުޅަށް ވަޑައިގެން ބާޒާރުކުރެއްވުމަކީވެސް ފަސްޖެހިވަޑައިގަންނަވާކަމެއް ނޫނެވެ. ބާޒާރުން ބައްލަވައިގަންނަވާ އެއްޗެހިކޮޅު ފޮތިގަނޑަކަށް އަޅުއްވައި ބަންނަވައި ކޮނޑުފުޅަށް ލައްވައިގެން ގެޔަށް ގެންނަވައެވެ.
أمّ المـؤمـنــيـن السّـيّدة عـائـشــة رضى اللّـه عنـهــا އާ ބައެއް ބޭކަލުން ސުވާލު ކުރެއްވިއެވެ. މާތް اللّـه ގެ ރަސޫލާ ގެކޮޅުގައި އުޅުއްވާއިރު ކުލަކޮޅު ހުންނަނީ (ކޯފާ އިސްވުން) ކޮންފަދަޔަކުންތޯއެވެ. أمّ المـؤمـنــيـن ޖަވާބު ދެއްވިއެވެ. ގޭގައި އުޅުއްވާއިރުވެސް އެކަލޭގެފާނަކީ އެންމެ މަޑުމައިތިރި، އެންމެ ހިނިވަރުނަކުރައްވާ އެންމެ ޚުލުޤުފުޅު ހެޔޮ އެންމެ އުފާވެރި މިޒާޖުގެ ސާހިބާއެވެ. އެކަލޭގެފާނު ދުވަހަކު ޚާދިމަކާ ދިމާޔަށްވެސް ކޯފާގެ ބަސްފުޅެއް ވިދާޅެއް ނުވެއެވެ.
ألإمــام حسـين بــن عـلــى رضى اللّـه عـنــه އެއްފަހަރަކު އެކަލޭގެފާނުގެ ބައްޕާފުޅު عـلــى رضى اللّـه عـنــه އާ ސުވާލު ކުރެއްވިއެވެ. މާފާފުޅު ގެކޮޅުގައި އުޅުއްވާއިރު ވަގުތު ހޭދަކުރައްވަނީ ކޮންގޮތަކަށްތޯއެވެ؟ عـلــى ގެފާނު ޖަވާބު ދެއްވިއެވެ. އިތުރު ސާހިބާ ގެކޮޅަށް ވަޑައިގެންފިނަމަ ވަގުތު ހޭދަކުރައްވަނީ ތިންބާވަތެއްގެ ކަންކަމުގައެވެ. އެކަލޭގެފާނުގެ ވަގުތުގެ ބަޔެއް ހޭދަކުރައްވަނީ މާތް اللّـه އަށް އަޅުކަން ކުރެއްވުމުގައެވެ. ވަގުތުގެ ބައެއް އެކަލޭގެފާނުގެ އަހުލުއިޔާލުންނަށްޓަކައެވެ. އަނެއްބައި އަރާމުކުރެއްވުމަށެވެ. އަރާމުކުރެއްވުމަށް ޚާއްޞަކުރައްވާ ވަގުތުގެ ބައެއް، ފައިންޕުޅު ދެކެން އަންނަ މީހުނަށްޓަކައި ޚާއްޞަ ކުރައްވައެވެ. އެއީ މިސްކިތުގައި އޮންނަ ޢާއްމު ބައްދަލުކުރެއްވުމުގެ އިތުރަށް ޚާއްޞަ ކަންކަމާ ވާހަކަ ދައްކަވަން ވަޑައިގަންނަވާ ބޭބޭކައުކަނބަލުންނެވެ. އެކިއެކި ބޭނުންތަކުގައިވެސް ބައެއް މީހުން އާދެއެވެ. ރަނގަޅަށް ބަލައިލާއިރު އަރާމުކުރައްވަން ލިބިވަޑައިގަންނަވަނީ ވަރަށްކުޑަ ވަގުތުކޮޅެކެވެ.
ކައުސާހިބާ صلّــى اللّـه عليـه وسلّـم ގެ ގެކޮޅަކީވެސް އިންސާނީ ގެއެކެވެ. އެހެންކަމުން އެގެކޮޅުގައިވެސް އިންސާނީ ހުރިހައި ޖަޒުބާތުތަކެއްގެ ދައުރު އޮވެއެވެ. އެކަމަކު އެގެކޮޅުގައި ކުޑަކޮށްވެސް އުރެދުންތެރިކަމެއް ނޯވެއެވެ. އެގެކޮޅުންވެސް ކަރުނަފޮދުގެ މުތީތައް ވިދައެވެ. ހިނިފުޅުވެޑުވުމުގެ ނޫރު ފާޅުވެއެވެ. ޢާއްމުކޮށް ފެންނަނީ އެކުވެރިކަމާއި ލޯތްބެވެ. ބައެއްފަހަރު ނުރުހުންވެވަޑައިގެންނެވުމާއި ޝަކުވާގެ ހިނދުހިނދުކޮޅުވެސް ނުފެނިއެއް ނުދެއެވެ. ކަންބޮޑުވުމާއެކު އުފާފާގަތިކަންވެސް އޮވެއެވެ. އިތުރު ސާހިބާ ބޭރުގައި އުޅުއްވައިފައި އެ ގުލްޒާރަށް ފައިންޕުޅު ބީއްސެވުމުން ހީވަނީ ނަސީމުގެ ހިތްގައިމު ވައިރޯޅިޔެއް އައިސް ބީހިލާހެންނެވެ. ގެކޮޅުގެ މާހޫލަށް ވެރިވަނީ އާދަޔާ ޚިލާފު އުފާފާގަތި ކަމެކެވެ. ނުހަނު އެކުވެރި ޖައްވެއްގައި ޢާއްމު ކަންކަމާމެދުވެސް ވާހަކަ ދެކެވެއެވެ. ބައެއްފަހަރު އެކިއެކި ސަމާސާ ކުރެއްވުންވެސް އޮވެއެވެ. (ނަޢީމު ޞިއްދީޤީ)
ކައުސާހިބާ صلّــى اللّـه عليـه وسلّـم އެކަލޭގެފާނުގެ ގެކޮޅުގައި އުޅުއްވާއިރު ސުންނަތް ނަމާދު ކުރައްވަން ވަރަށްގިނަ ވަގުތު ހޭދަކުރައްވައެވެ. އެކަންވަނީ ދުވާލާއި ރޭގަނޑުގެ އެކިވަގުތުތަކަށް ބައްސަވައިފައެވެ. ޚާއްޞަކޮށް ރޭގަނޑުގެ ދެބައިންބައިގެ ގިނަވަގުތު ހޭދަކުރައްވަނީ އަޅުކަން ކުރެއްވުމުގައެވެ. عـبـداللّـه بــن عـمــر رضى اللّـه عنــهما ވިދާޅުވެފައިވެއެވެ. ކައުސާހިބާ صلّــى اللّـه عليـه وسلّـم މެންދުރު ނަމާދުގެ ކުރީގެ ދެރަކުޢަތާއި ފަހުގެ ދެރަކުޢަތް ކުރައްވަނީ އެކަލޭގެފާނުގެ ގެކޮޅުގައެވެ. ޢިޝާނަމާދުގެ ފަހުގެ ދެރަކުޢަތްވެސް ކުރައްވަނީ ގެކޮޅުގައެވެ. ހުކުރު ނަމާދަށްފަހު ސީދާ ވަޑައިގަންނަވަނީ ގެކޮޅަށެވެ. ވަޑައިގެން ސުންނަތް ދެރަކުޢަތް ކުރައްވައެވެ. (ބުޚާރީ، މުސްލިމު)
أبــوسـعيـدالخــدرى رضى اللّـه عـنــه ވިދާޅުވެފައިވެއެވެ. ކައުސާހިބާ صلّــى اللّـه عليـه وسلّـم އިރުޝާދު ދެއްވިއެވެ. "ތިޔައިގެ ތެރެއިން ބޭކަލަކު ފަރުޟު ނަމާދުން ނިމިވަޑައިގެންފިނަމަ ތިޔަބޭކަލުންގެ ގެކޮޅުތަކުގައިވެސް ބައެއް ނަމާދު ކުރައްވާށެވެ. އަރަހުށި މާތް اللّـه ގޭގައި ނަމާދު ކުރުމުން، ގޭގައި ބަރަކާތާއި ހެޔޮކަން ލައްވާނެއެވެ." (އިބްނު މާޖާ)
عـبـداللّـه بــن سعــد رضى اللّـه عنــه ރިވާކުރައްވައިފައިވެއެވެ. ކައުސާހިބާ صلّــى اللّـه عليـه وسلّـم ގެ އަރިހުގައި އަހަރެން ދެންނެވީމެވެ. "ނަމާދުކުރުން (ފަރުޟު ނަމާދު ނޫން އެހެން ނަމާދުތައް) ރަނގަޅީ މިސްކިތުގައިތޯއެވެ؟ ނުވަތަ ގޭގައިތޯއެވެ؟" ޙަދީޘްކުރެއްވިއެވެ. "ނިކަން ދެކެބަލާށެވެ! އަހުރެންގެ ގެ މިސްކިތާ ކިހައި ކައިރިހެއްޔެވެ؟ އެކަމަކު ފަރުޟު ނަމާދު ފިޔަވައި އެހެނިހެން ނަމާދުކުރަން އަހަރެން ލޯބިކުރަނީ ގޭގައެވެ." (އިބްނު މާޖާ)
إبــن عـمــر رضى اللّـه عنــه ވިދާޅުވެފައިވެއެވެ. ކައުސާހިބާ صلّــى اللّـه عليـه وسلّـم އިރުޝާދު ދެއްވައިފައިވެއެވެ. "ތިޔަބައިމީހުން ގޭގައިވެސް ބައެއް ނަމާދު ކުރާށެވެ. ގެއަކީ ޤަބުރުސްތާނަކަށް ނަހަދާށެވެ." (ބުޚާރީ)
ކައުސާހިބާ صلّــى اللّـه عليـه وسلّـم އެމާތް ސާހިބާގެ ވެރި މާތް اللّـه އަށް އެމާތް ސާހިބާގެ ގެކޮޅުގައި ވަރަށްގިނައިން އަޅުކަން ކުރައްވައެވެ. ޤިޔާމްކުރައްވައި ރުކޫޢުކުރައްވައި ސަޖިދަކުރައްވައެވެ. ސަލާމާއި ޞަލަވާތްލެއްވި އިތުރު رسـول اللّـه ގެފާނު އެކަލޭގެފާނުގެ ދެފައިތިލަފުޅު ދުޅަވެއްޖައުމަށްދާންދެން ނަމާދު ކުރައްވަތެވެ. އެކަމާމެދުގައި އެއްދުވަހަކު ދެންނެވުނެވެ. "ކަލޭގެފާނުގެ އިސްވެދިޔަހައި ކުށަކާއި ފަހުން ވާނޭހައި ކުށެއް މާތްރަސްކަލާނގެ ފުއްސަވައިފައިވާކަން އަންގަވައިފައި ވުމާއެކުގައި ތިޔަ ހިސާބުގެ މަސައްކަތްޕުޅު އުފުއްލަވަނީ ކޮންކަމަކާތޯއެވެ." ޙަދީޘްކުރެއްވިއެވެ. "ފަހެ އެހެންވިއްޔާ ޝުކުރުވެރިވާ އަޅަކަށް އަހަރެން ވާކަށެއް ނުވޭހެއްޔެވެ." (صـلاح الـدّيــن) أمّ المـؤمـنــيـن السّـيّدة مـيـمــونــة رضى اللّـه عنـهــا ރިވާކުރައްވައިފައިވެއެވެ. "ނަބިއްޔާ صلّــى اللّـه عليـه وسلّـم ރޭގަނޑު ވަރަށްގިނައިން ނަމާދު ކުރައްވައެވެ. އެކަލޭގެފާނުގެ އަރިހުގައި އަހަރެން ނިދައިފައި އޮންނަމެވެ." (ބުޚާރީ)
أمّ المـؤمـنــيـن السّـيّدة عـائـشــة رضى اللّـه عنـهــا ވިދާޅުވެފައިވެއެވެ. ކައުސާހިބާ ރޭގަނޑު ނަމާދުކުރައްވާއިރު ބައެއްރޭރޭ އެކަލޭގެފާނާއި ޤިބުލަޔާ ދެމެދު އަހަރެންގެ އެނދުގައި ނިދައިފައި އޮންނަމެވެ. (ބުޚާރީ)
أمّ المـؤمـنــيـن السّـيّدة عـائـشــة رضى اللّـه عنـهــا ވިދާޅުވާގޮތުގައި ކައުސާހިބާ އާދަކޮށް ކުރައްވަނީ އެގާރަ ރަކުޢަތެވެ. އެމާތް ސާހިބާ ސަޖިދައިގައި ވަރަށްގިނައިރު އޮންނަވައެވެ. ތިޔައިގެ ތެރެއިން މީހަކަށް ފަންސާސް އާޔަތް ކިޔެވޭހައިއިރު ސަޖިދައިގައި އޮންނަވައެވެ. ފައިންޕުޅު ދުޅަވާންދެން ޤިޔާމުގައި ހުންނަވައެވެ. (ބުޚާރީ)
عـبـداللّـه بــن مسعـود رضى اللّـه عنــه ވިދާޅުވެފައިވެއެވެ. "އަހަރެން ކައުސާހިބާ صلّــى اللّـه عليـه وسلّـم ގެ ފަހަތްޕުޅުގައި އެއްރެޔަކު ނަމާދުކުރީމެވެ. އެކަލޭގެފާނު ޤިޔާމުކުރެއްވިލެއް ދިގުކަމުން އަހަންނަށް ކެތްނުކުރެވޭވަރުވިއެވެ. އަހަންނަށް ނުބައިކަމެއް ކުރާން ގަސްދު ކުރެވުނެވެ." އެކަލޭގެފާނުގެ ދަރިވަރުން ސުވާލު ކުރެއްވިއެވެ. "ކޮންކަހަލަ ނުބައިކަމެއްތޯއެވެ؟" ވިދާޅުވިއެވެ. "އަހަރެން ގަސްދުކުރީ ނަމާދުން ނުކުމެ އިށީނުމަށެވެ." (ބުޚާރީ)
أمّ المـؤمـنــيـن السّـيّدة عـائـشــة رضى اللّـه عنـهــا ގެ އަރިހުން އެކަމަނާގެ ދަރިވަރު أســود رحـمــه اللّـه ސުވާލު ކުރެއްވިއެވެ. "ކައުސާހިބާ صلّــى اللّـه عليـه وسلّـم ރޭގަނޑު ނަމާދު ކުރައްވަނީ ކޮންގޮތަކަށްތޯއެވެ؟" أمّ المـؤمـنــيـن ޖަވާބު ދެއްވިއެވެ. "އެކަލޭގެފާނު އިރާކޮޅު އަވަހާރަފުޅު ލައްޕަވައެވެ. މެންދަންވުމުން ތެދުވެވަޑައިގެން ނަމާދު ކުރައްވާން ފައްޓަވައެވެ. ދެން ފަޖުރުލުމުގެ ކުޑަތަންކޮޅެއްކުރީން ނަމާދު ނިންމަވައިލައްވައިފައި އިރުކޮޅަކު އަރާމުކޮށްލައްވައެވެ. ބަންގިދޭމީހާ ބަންގިދޭން ފެށުމާއެކު ތެދުވެވަޑައިގަންނަވައެވެ." (ބުޚާރީ)
އިތުރު ސާހިބާ ރޭއަޅުކަން ކުރައްވާއިރު ބައެއްފަހަރު ޢާއިލާގެ މެމްބަރުން ބައިވެރިކުރައްވައެވެ. ޚާއްޞަކޮށް ވިތުރި ކުރައްވަންވުމުން އަނބިއަނބިކަނބަލުންނަށް ވިދާޅުވެ އެބޭކަނބަލުން ބައިވެރިކުރައްވައެވެ.
(ނުނިމޭ)