މެޗުން ބަލިވި ނަމަވެސް، ފަހު މެޗުގައި ނޭޕާލް ބަލިކޮށް ބަންގުލަދޭޝްއަށް ފައިނަލަށް ދިއުމުގެ ފުރުސަތު އޮންނާނެ.
މެޗުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 2-0ގެ ނަތީޖާއަކުން ރާއްޖެ ކުރީގައި އޮވެގެން. މިއީ މުބާރާތުގައި ރާއްޖެއިން ހޯދި ފުރަތަމަ މޮޅު. ރާއްޖެއިން މިވަނީ ފައިނަލަށް ދިއުމުގެ އުންމީދު އާކޮށްފައި.
'90+3 - ބަންގުލަދޭޝްގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން މަޓިން ފޮނުވާލި ހަމަލާ ދިޔައީ ރާއްޖޭގެ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށް.
'90+1 - ޕެނަލްޓީ އޭރިއާ ބޭރުން ދާދު ފޮނުވާލި ހަމަލާ، ބަންގުލަދޭޝްގެ ގޯލާ އަމާޒެއް ނުވި.
ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ތިން މިނެޓުގެ ކުޅުން ދައްކައިފި.
'84 - ރާއްޖޭގެ ތިންވަނަ ބަދަލު. ހަމްޕުގެ ބަދަލުގައި ކުޅެން ނުކުތީ އަސަދުﷲ އަބްދުﷲ (އަސައްކޮ).
'83 - ސެންޓޭ ދުރުން ފޮނުވާލި ހިލޭ ޖެހުމުގައި ނުރައްކަލެއް ނެތް. އެ ހަމަލާ ދިޔައީ ބަންގުލަދޭޝް ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށް.
'80 - ދަގަނޑޭ ދިން ބޯޅަ، ހުސްކޮށް ހަމްޕުއަށް ލިބުމުގެ ކުރިން ބަންގުލަދޭޝްގެ ކީޕަރު އަނީސުރް ރަހުމާން ވަނީ ކުރިއަށް ޖެހި އެ ބޯޅަ ހޯދާފައި.
'79 - ރާއްޖެއަށް ފުރުސަތެއް. ބަންގުލަދޭޝްގެ ޑިފެންޑަރުން ކައިރިން ދަގަނޑޭ ނައްޓާލުމަށްފަހު ދިން ބޯޅައިން ޕެނަލްޓީ އޭރިއާ ތެރެއިން ހަމްޕު ފޮނުވާލި ހަމަލާ، ތާރިގު ވަނީ ބްލޮކްކޮށްފައި.
'79 - ރާއްޖެއަށް ފުރުސަތެއް. ބަންގުލަދޭޝްގެ ޑިފެންޑަރުން ކައިރިން ދަގަނޑޭ ނައްޓާލުމަށްފަހު ދިން ބޯޅައިން ޕެނަލްޓީ އޭރިއާ ތެރެއިން ހަމްޕު ފޮނުވާލި ހަމަލާ، ތާރިގު ވަނީ ބްލޮކްކޮށްފައި.
'78 - ބަންގުލަދޭޝްގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން ސުމޮން ރެޒާ ފޮނުވާލި ހަމަލާ، ރާއްޖޭގެ ކީޕަރު ފައިސަލް ވަނީ މަތަކޮށްފައި.
'76 - ރާއްޖޭގެ ރީތި ކުޅުމެއް. ދަގަނޑޭ ދިން ބޯޅަ ދާދު އަނބުރާ ދިނީ ދަގަނޑޭއަށް. އެ ބޯޅަ ދަގަނޑޭ ސެންޓޭއަށް ދިނުމުން އޭނާ ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާ، ބަންގުލަދޭޝްގެ ކީޕަރު އަނީސުރް ރަހުމާން ވަނީ މަތަކޮށްފައި.
'74 - ރާއްޖެއިން ލީޑު ފުޅާކޮށްފި. ރާއްޖޭގެ ޕެނަލްޓީ ދަގަނޑޭ ވަނީ ވަރަށް ހަމަޖެހިލާފައި ބަންގުލަދޭޝްގެ ގޯލުގެ ތިރީ ކަނަކަށް އަމާޒުކޮށްލާފައި.
'73 - ރާއްޖެއަށް ޕެނަލްޓީއެއް. ރާއްޖެއަށް ޕެނަލްޓީ ދިނީ ބަންގުލަދޭޝްގެ ޕެނަލްޓީ އޭރިއާ ތެރެއިން ދާދުއަށް ސޮހެލް ރަނާ ކުރި ފައުލަކާ ގުޅިގެން.
'69 - ބަންގުލަދޭޝްގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ޖަމާލް ފޮނުވާލި ބާރު ހަމަލާ، މަޓިން މިއާ ގައިގައި ޖެހި ވަނީ ބްލޮކްވެފައި.
'66 - އަނިޔާވުމުގެ ސަބަބުން ނިހާޓުގެ ބަދަލުގައި ރާއްޖެއިން ވަނީ މުހައްމަދު އުމައިރު ކުޅެން އަރުވާފައި. ރާއްޖޭގެ ފުރަތަމަ ބަދަލު ގެންނަން ޖެހުނީ ވެސް އަޑޭއަށް ލިބުނު އަނިޔާއަކާ ގުޅިގެން.
'64 - ދެވަނަ ހާފުގެ ކުރީކޮޅުގައި ނިހާޓުއަށް ލިބުނު އަނިޔާއިން އަދިވެސް މުޅިން ރިކަވާ ނުވޭ. އޭނާ ވަނީ އިތުރު ފަރުވާއަށް ދަނޑުން ފައިބައިފައި.
'61 - ދާދުއަށް ބަންގުލަދޭޝްގެ ޔާސިން ކުރި ފައުލަކާ ގުޅިގެން ރާއްޖެއަށް ހިލޭ ޖެހުމެއް. ޔާސިންއަށް ފުރަތަމަ ހާފުގައި ވަނީ ރީނދޫ ކާޑެއް ދައްކާފައި.
މިއީ ހަމްޕުއަށް އަދި ރާއްޖެއަށްވެސް ހާއްސަ ގޯލެއް. މިއީ މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއިން ޖެހި ފުރަތަމަ ގޯލު. ހަމްޒާ ގައުމީ ޓީމުގައި އެންމެ ފުރަތަމަ ގޯލެއްވެސް ޖެހީ ބަންގުލަދޭޝްއާ ދެކޮޅަށް. އެ ގޯލު ހަމްޕު ޖެހީ 2016 ވަނަ އަހަރު ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހު.
ނޭޕާލާ ދެކޮޅަށް ކުޅުނު މެޗެކޭ އެއްގޮތަށް މި މެޗުގައި ވެސް ރާއްޖޭގެ ފޯވަޑް ހަމްޕުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދޭ.
'58 - ހަމްޕު ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން ދަގަނޑޭއަށް ލިބުމުގެ ކުރިން ބަންގުލަދޭޝްގެ ކީޕަރު އަނީސުރް ރަހުމާނު ހޯދައިފި.
މިއީ މި މުބާރާތުގައި ރާއްޖެއިން ޖެހި ފުރަތަމަ ލަނޑު. ހަމްޕުގެ ހިތްގައިމު ލަނޑެއް.
'54 - ރާއްޖެއިން ލީޑު ހޯދައިފި. ނިހާޓު ދިން ބޯޅައަކުން ރާއްޖެއަށް ލީޑު ހޯދައިދިނީ ހަމްޕު. ހަމްޕު އެ ލަނޑު ކާމިޔާބުކުރީ ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި އޯވާހެޑަކުން.
'53 - ރާއްޖޭގެ ނުރައްކާތެރި ހަމަލާއެއް. ހަމްޕު ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ސެންޓޭ ފޮނުވާލި ބާރު ހަމަލާ، ބަންގުލަދޭޝްގެ ކީޕަރު އަނީސުރް ރަހުމާން ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.
ދެވަނަ ހާފުގައި ވެސް ބަންގުލަދޭޝްގެ ކުޅުންތެރިންގެ ފަރާތުން ދަނީ ގިނަ ފައުލުތަކެއް ފެންނަމުން.
'47 - ޕެނަލްޓީ އޭރިއާ ބޭރުން ރާއްޖޭގެ ހަމްޕު ފޮނުވާލި ބާރު ހަމަލާ، ބަންގުލަދޭޝްގެ ގޯލާ އަމާޒެއް ނުވި.
ރާއްޖެއިން ދެވަނަ ހާފަށް ނުކުތީ ބަދަލަކާއެކު. ފޭދޫ އިއްބެގެ ބަދަލުގައި ކުޅެން ނުކުތީ ނާއިޒް ހަސަން (ދާދު).
ދެވަނަ ހާފުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ބަންގުލަދޭޝް އިން.
މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެން.
'45+1 - ރާއްޖޭގެ ނުރައްކާތެރި ހަމަލާއެއް. ހިލޭ ޖެހުމަކުން ބަންގުލަދޭޝްގެ ގޯލުގެ މަތީ ކަނަކަށް އަމާޒުކޮށް ދަގަނޑޭ ފޮނުވާލި ހަމަލާ، ބަންގުލަދޭޝްގެ ކީޕަރު އަނީސުރް ރަހުމާން ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.
ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި އެއް މިނެޓުގެ ކުޅުން ދައްކައިފި.
'45 - ރާއްޖެއަށް ހުސް ފުރުސަތެއް. ހިލޭ ޖެހުމުން ދަގަނޑޭ ދިން ބޯޅައިން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ދަގަނޑޭ ފޮނުވާލި ހަމަލާ ދިޔައީ ބަންގުލަދޭޝް ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް.
'44 - ސެންޓޭއަށް ކުރި ފައުލަކާ ގުޅިގެން ބަންގުލަދޭޝްގެ ތާރިގްއަށް ރީނދޫ ކާޑެއް.
'42 - ހަމްޕުއަށް ބަންގުލަދޭޝްގެ ދެ ޑިފެންޑަރުން ފައުލް ކުރި ނަމަވެސް، ކާޑު ދެއްކީ ހަމްޕުއަށް. އޭނާ ވަނީ ފުރަތަމަ ފައުލުން ނުވެއްޓި ކުރިއަށް ދިއުމަށް މަސައްކަތް ވެސް ކޮށްފައި. ރެފްރީ ނިންމީ ޕެނަލްޓީ އޭރިއާ ތެރެއަށް ހަމްޕު ޑައިވް ކުރީ ކަމަށް.
ނިހާނުގެ ބަދަލު ފާހަގަކުރެވެނީ ރަނގަޅު ބަދަލެއްގެ ގޮތުގައި. ނިހާނުގެ ފަރާތުން މެދުތެރެއިން ބޯޅަ ހިފެހެއްޓުމާއެކު އެޓޭކަށް ކުރިއަށް ޖެހެމުންދާކަން ފާހަގަކޮށްލަން. ނިހާނަކީ 2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ޓީމުގައިވެސް ހިމެނުނު ކުޅުންތެރިއެއް.
ފުރަތަމަ 20 ވަރަކަށް މިނެޓު ތެރޭގައި ބަދަލެއް ކުރަން ޖެހުމަކީ ކޯޗު ސުޒޭން އުންމީދު ކޮށްގެން ހުންނާނެ ކަމެއް ނޫން. ހާއްސަކޮށް އަޑޭ ކަހަލަ ތަޖުރިބާކާރު ކުޅުންތެރިޔަކު މެޗުގެ ކުރީކޮޅުގައި ބާލަން ޖެހުމަކީ ރާއްޖެ ޓީމަށް އުނދަގޫ ނިންމުމަކަށް ވާނެ. އެހެން ނަމަވެސް ބަދަލުގައި ކުޅެން ނުކުތް އައިޝަމް އަކީ މިހާރު ރާއްޖޭގައި ހުރި އެންމެ މޮޅު އެއް މިޑްފީލްޑަރު. ރާއްޖެއިން ނޭޕާލާ ދެކޮޅަށް ކުޅުނު މެޗުގައިވެސް އޭނާ މުހިއްމު ކުޅުމެއް ދެއްކި.
'38 - ނިހާޓު އާއި ދަގަނޑޭ އަދި ހިސާމްގެ ގިނަ ޕާސްތަކެއް ފެނުނު ނަމަވެސް، ބަންގުލަދޭޝްގެ ކުޅުންތެރިން ޕެނަލްޓީ އޭރިއާ ތެރޭ ފަހަތަށް ޖެހި ތިބުމުން ގޯލަށް ނުރައްކާކުރުމަށް އުނދަގޫތަކެއް ވަނީ ކުރިމަތިވެފައި.
'36 - ބަންގުލަދޭޝްގެ ގޯލު ކުރިމައްޗަށް ފޭދޫ އިއްބެ ބޯޅައެއް ހުރަސްކޮށްލި ނަމަވެސް، އެ ބޯޅަ ލިބޭ ހިސާބުގައި ރާއްޖޭގެ ކުޅުންތެރިޔަކު ނެތް.
ރާއްޖޭގެ ޓީމުގެ ކުޅުންތެރިން އަތުން މުހިންމު ބޯޅަތަކެއް ގެއްލޭކަން ފާހަގަކޮށްލެވޭ. އޭގެ ތެރެއިން ބައެއް ބޯޅަތައް ފަހަތުން ވެސް ގެއްލޭ.
'29 - ރާއްޖެއަށް ރަނގަޅު ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއިން ދަގަނޑޭއަށް ހުސްކޮށް ލިބުނު ބޯޅަ ރަނގަޅަށް ފޮނުވާލެވިފައެއް ނުވޭ. އެ ބޯޅަ ނިހާޓަށް ލިބުމުން އޭނާ ފޮނުވާލި ހަމަލާ ސާދް ވަނީ ބްލޮކްކޮށްފައި. ނިހާޓަށް ބޯޅަ ލިބުނު އިރު، އޭނާ ހުރީ ވެސް އޮފްސައިޑު މަގާމެއްގައި.
'27 - ރާއްޖޭގެ ބަދަލެއް. އަޑޭއަށް އަނިޔާވުމުން އޭނާގެ ބަދަލުގައި ކުޅެން ނުކުތީ ނޭޕާލު މެޗުގައި ފުރަތަމަ 11 ގައި ހިމެނުނު އިބްރާހިމް އައިސަމް.
'25 - ހަމްޕު ދިން ބޯޅައަކުން ސެންޓޭ ދުރުން ފޮނުވާލި ހަމަލާގައި ބާރެއް ނެތް. ބަންގުލަދޭޝްގެ ކީޕަރު އަނީސުރް ރަހުމާން ވަނީ ފަސޭހަކަމާއެކު އެ ބޯޅަ ހޯދާފައި.
'24 - އަޑޭއަށް އަނިޔާވެގެން އޭނާ އަމިއްލައަށް ބަދަލުކުރަން އެދިއްޖެ. އޭނާ ވަނީ ދަނޑުން ވެސް ފައިބައިފައި.
'23 - ބަންގުލަދޭޝްގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން މުހައްމަދު އިބްރާހިމް ފޮނުވާލި ހަމަލާ ރާއްޖޭގެ ގޯލާ އަމާޒުވެފައެއް ނުވޭ.
'22 - ރާއްޖޭގެ ޕެނަލްޓީ އޭރިއާ ތެރެއިން ބަންގުލަދޭޝްގެ މަޓިން، ގޯލަށް ނުރައްކާކުރުމުގެ ކުރިން ސަމޫހު އަލީ (ސަމުއްޓޭ) ކޯނަރަކަށް ބޯޅަ ބޭރުކޮށްލައިފި.
'19 - ދަގަނޑޭއަށް ބަންގުލަދޭޝްގެ ތާރިގް ކުރި ފައުލަކާ ގުޅިގެން ރާއްޖެއަށް ހިލޭ ޖެހުމެއް. ބަންގުލަދޭޝްގެ ފައުލުތައް ގިނަ. ނަމަވެސް މެޗުގައި އަދި ކާޑެއް ނުދައްކާ.
'17 - އަޑޭ ދިން ބޯޅަ، ބަންގުލަދޭޝްގެ ޕެނަލްޓީ އޭރިއާ ތެރެއިން ދަގަނޑޭއަށް ރަނގަޅަށް ކޮންޓްރޯލު ކުރެވޭ ގޮތެއް ނުވި.
ރާއްޖެއިން ބޯޅަ ހިފަހައްޓަމުން ކުޅެމުން އަންނަނީ ރަނގަޅު ކުޅުމެއް. ނަމަވެސް މެޗުގެ 15 މިނެޓުގެ ކުޅުން ނިމުނު އިރު، ރާއްޖެއަށް ލަނޑުޖަހާނެ ފުރުސަތެއް ތަނަވަސްކުރެވިފައެއް ނުވޭ.
ނޭޕާލާ ދެކޮޅަށް ކުޅުނު މެޗުގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކި ހަމްޕުއަށް ބަންގުލަދޭޝްގެ ކުޅުންތެރިން ފައުލުތަކެއް ކުރާކަން ފާހަގަކޮށްލެވޭ. ހަމްޕުއަށް ބޯޅަ ލިބުމާއެކު ބަންގުލަދޭޝްގެ ގިނަ ކުޅުންތެރިންތަކެއް އޭނާ އަތުން ބޯޅަ ހޯދުމަށް ކައިރި ކުރޭ.
ބަންގުލަދޭޝްގެ ފަރާތުން ފެނިގެން ދަނީ ޑިފެންސިވް ކުޅުމެއް. ރާއްޖެއިން މެޗުގެ ކޮންޓްރޯލު ނަގައި، އެޓޭކިން ކުޅުމަކުން މެޗު ފެށި ނަމަވެސް އަދި ހަމަލާއެއް އުފެއްދިފައެއް ނުވޭ. ބަންގުލަދޭޝުން މަޑު ކުރުމުން ދަނީ ކައުންޓާ އެޓޭކުގައި ރާއްޖެއަށް ނުރައްކާ ކުރުމަށް. އަވަސް ޓްރާންސިޝަންތަކަކާއެކު ޑިފެންސް އެޓޭކަށް ބަދަލުކޮށްލުމުގެ ސްޓައިލަކީ ބަންގުލަދޭޝް ކޯޗު އޮސްކާ އާންމުކޮށް ބޭނުންކުރާ ސްޓައިލު.
މިރޭގެ މެޗުގައި ބަންގުލަދޭޝްގެ ވަރުގަދަ ޑިފެންޑަރު ޓޮޕޫ ކުޅެމުންދަނީ ރާއްޖޭގެ އެންމެ މުހިންމު ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ވަރަށް ރަނގަޅަށް މާކުކޮށްގެން.
'6 - ހަމްޕުގެ ރީތި ބޯޅައެއް. ހަމްޕު ދިން ބޯޅަ، ބަންގުލަދޭޝްގެ ޕެނަލްޓީ އޭރިއާ ތެރެއިން އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އަށް ހޯދޭ ގޮތެއް ނުވި.
މިރޭ މެޗަށް ނެގި ފުރަތަމަ 11 އިން ފެންނަނީ އެންމެ ބަދަލެއް. އެއީ ނޭޕާލުގެ މެޗުގެ ފުރަތަމަ 11 އަށް ނެގި އިބްރާހިމް އައިސަމްގެ ބަދަލުގައި ހުސައިން ނިހާން (ނިހާޓު)އަށް ފުރުސަތު ދިނުން.
'4 - ބަންގުލަދޭޝްގެ ސާދުގެ އިތުރު ފައުލެއް. ސެންޓޭއަށް ކުރި ފައުލަކާ ގުޅިގެން ރާއްޖެއަށް ހިލޭ ޖެހުމެއް. ސެންޓޭ ފޮނުވާލި ހިލޭ ޖެހުން ރާއްޖޭގެ ކުޅުންތެރިޔަކަށް ލިބުމުގެ ކުރިން ބަންގުލަދޭޝްގެ ކީޕަރު އަނީސުރް ރަހުމާން ވަނީ ބޯޅަ ހޯދާފައި.
'2 - މެޗުގެ ފުރަތަމަ ހަމަލާ އުފެއްދީ ބަންގުލަދޭޝް އިން. ފަހަތުން ސެންޓޭ އަތުން ގެއްލުނު ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ބަންގުލަދޭޝްގެ ބިޕްލޯ ފޮނުވާލި ހަމަލާގައި ބާރެއް ނެތް. ރާއްޖޭގެ ކީޕަރު ފައިސަލް ވަނީ ފަސޭހަކަމާއެކު އެ ބޯޅަ ހޯދާފައި.
'1 - ހަމްޕުއަށް ބަންގުލަދޭޝްގެ ސާދު ކުރި ފައުލަކާ ގުޅިގެން ރާއްޖެއަށް ހިލޭ ޖެހުމެއް.
މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ރާއްޖެއިން.
މިރޭގެ މެޗު ބައްލަވައިލެއްވުމަށް ވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ދަނޑަށް ވަޑައިގެންފައި.
މެޗަށް ރާއްޖެ އަދި ބަންގުލަދޭޝް ޓީމު ވެސް ދަނޑަށް އަރައިފި.
މިރޭގެ މެޗަށް ގިނަ އަދަދެއްގެ ސަޕޯޓަރުން އަންނަނީ ދަނޑަށް ވަންނަމުން. ރާއްޖޭގެ އިތުރުން ބަންގުލަދޭޝް ސަޕޯޓަރުންގެ ފޯރި ވެސް މި މެޗުގައި ފެންނާނެ. މެޗަށް ވިއްކި 5000 ޓިކެޓު ވަނީ ވިކި ހުސްވެފައި. އޭގެ ތެރެއިން ބަންގުލަދޭޝް ސަޕޯޓަރުންނަށް ހާއްސަކުރީ 200 ޓިކެޓު. ރާއްޖެއަކީ ހޯމް ޓީމު ކަމުން ގިނަ ޓިކެޓު ހާއްސަކުރީ ދިވެހި ސަޕޯޓަރުންނަށް.
އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021ގެ ހަވަނަ މެޗުގައި ދިވެހި ރާއްޖެއާއި ބަންގުލަދޭޝް ވާދަކުރާ މެޗުގެ ލައިވް ކަވަރޭޖަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!
މިއީ މުބާރާތުގައި ރާއްޖެ ކުޅޭނެ ދެވަނަ މެޗު. ފުރަތަމަ މެޗުގައި ރާއްޖެ ބަލިވީ ނޭޕާލުން އަތުން 1-0 އިން. މިރޭގެ މެޗު ރާއްޖެއަށް މުހިއްމު. އެއީ މޮޅު ވެގެން ނޫނީ އަމިއްލަ ބާރުގައި ފައިނަލަށް ދިއުމަށް ފުރުސަތު ނޯންނާނެތީ. އަނެއްކޮޅުން މެޗަށް ނުކުންނަ ބަންގުލަދޭޝްއަކީ މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އެންމެ ރަނގަޅު ފޯމެއްގައި ކުޅެމުންދާ ޓީމު. ފުރަތަމަ މެޗުގައި ލަންކާ ބަލިކޮށް ބަންގުލަދޭޝްއިން މުބާރާތް ފެށި އިރު، ދެން ކުޅުނު މެޗުގައި އިންޑިއާއާ އެއްވަރު ކުރި. އިންޑިއާއާ ބަންގުލަދޭޝް އެއްވަރު ކުރި މެޗުގެ ބޮޑު ބައެއްގައި އެޓީމުން ކުޅުނީ ކުޅުންތެރިޔަކު މަދުކޮށް.
މިރޭގެ މެޗަކީ މުޅި މުބާރާތުގައިވެސް ސަޕޯޓަރުންގެ ފޯރި އެންމެ ގަދަވާނެ މެޗު. މެޗަށް ވިއްކި 5000 ޓިކެޓު ވިކި ހުސްވި. އޭގެ ތެރެއިން ބިދޭސީންނަށް ވިއްކީ 200 ޓިކެޓު. އެކަމުގެ ނުރުހުމުގައި ރާއްޖޭގައި ދިރިއުޅޭ ބަންގުލަދޭޝް ރައްޔިތުން ވަނީ އެފްއޭއެމްއަށް ފާޑު ކިޔައިފައި. ރާއްޖޭގެ ސަޕޯޓަރުންނާއި ބަންގުލަދޭޝް ސަޕޯޓަރުން ވަނީ މިރޭގެ މެޗަށް ތައްޔާރުވެގެން މިހާރު ދަނޑަށް ވަދެފައި.