ހައުސިން މިނިސްޓްރީ

ހުޅުމާލެ ދެވަނަ ފިޔަވަހިން 400 ގޯތި ވިއްކަން ނިންމައިފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 400 ގޯތި ވިއްކުމަށް މިއަދު ކުރިމަތިލާން ހުޅުވާލަން ހައުސިން މިނިސްޓްރީން ނިންމައިފިއެވެ.

ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަކީ ފާއިތުވެދިޔަ އަހަރުތަކުގައި އެއްވެސް ސަރުކާރަކަށް ހައްލު ހޯދައި ދެވިފައިނުވާ މައްސަލައެއް ކަމަށާއި ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އެކަމަށް ހައްލު ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށެވެ.

މާލޭގެ ރައްޔިތުންގެ ތެރެއިން ގެދޮރުގެ ދަތިކަން އެންމެ ބޮޑަށް ދިމާވެފައިވާ މީހުންނަށް ގޯއްޗަށް ކުރިމަތިލުމަށް މިއަދު ހަވީރު 4:30 އިން ފެށިގެން ހުޅުމާލެއިން ގޯތި ބޭނުންވާ މީހުންނަށް ފޯމު ދޫކުރުމަށް ވަނީ ނިންމައިފައެވެ.

މުއިއްޒު ވިދާޅުވީ އެ ގޯތިތައް ދޫކުރާނީ 400،000 ރުފިޔާއަށް ބިމެއް ކަމަށާއި ޑައުން ޕޭމަންޓުގެ ގޮތުގައި 25،000 ރުފިޔާ ދެއްކުމަށްފަހު ބަކީ ފައިސާ ދިހަ އަހަރު ތެރޭ ކޮންމެ މަހަކު ދައްކާ ހަލާސް ކުރެވޭނެ ކަމަށެވެ. އަދި ބޭނުންވާ ފަރާތްތަކަށް އެއް ފަހަރާ ފައިސާ ދެއްކުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"އެންމެން ހަމަހަމަ ވާނެ މީގައި ތަފާތު ކުރުމެއް ނޯންނާނެ، 400 ފަރާތް އެންމެންގެ ހާޒިރުގައި ލައިވް ޓީވީގައި އަޅުގަނޑުމެން ގުރުއަތު ލައިގެން 400 ފަރާތް ނަގާނީ،" މުއިއްޒު ވިދާޅުވިއެވެ.

ގޯއްޗަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި 18 އަހަރުވެފައިވާ މާލޭގެ ރައްޔިތަކަށްވުން ނުވަތަ ދަފްތަރުގައި ޖެހިފައިވުމާއި ކައިވެންޏެއް ކޮށްގެން އުޅުމާއި 600 އަކަފޫޓުގެ ގޯއްޗެއް ނުވަތަ ފްލެޓެއް ނެތް މީހަކަށްވުން އަދި ސަރުކާރުގެ ބޯހިޔާވެހިކަމުގެ އެއްވެސް މަޝްރޫއަކުން ބޯހިޔާވެރިކަމެއް ލިބިފައި ނެތް މީހަކަށްވުން ހިމެނެއެވެ.

މި ސަރުކާރުން ގޯތި ވިއްކުމަށް ނިންމާފައި މިވަނީ ދައުލަތުގެ ބިންތައް ނުވިއްކުމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގޮވާލައްވަމުން ގެންދަވަނިކޮށެވެ.