ބޮލީވުޑް

ކޫލީ ނަންބަރު1ގައި ހިމެނޭ ތުޖޭ މިރްޗް ލަގީ ލަވައިގެ ރިމިކްސްއެއް ބަލަން ބޭނުން: ކަރިޝްމާ

ފިލްމު ކޫލީ ނަންބަރު1 ގެ ރީމޭކެއް ހެދުމުގެ މަސައްކަތް ފެށިފައިވާ އިރު ފިލްމުގެ ކުރީގެ ބަތަލާ ކަރިޝްމާ ކަޕޫރާ ވަނީ ފިލްމާ ގުޅޭ ގޮތުން ސުވާލުކޮށްފައެވެ.

ބުދަ ދުވަހު އޮތް އިވެންޓަކަށް ކަރިޝްމާ ދިއުމުން ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެމުން ބުނި ގޮތުގައި ކޫލީ ނަންބަރު 1ގެ ރީމޭކެއް ހަދާކަމުގެ އެއްވެސް ހަބަރެއް އޭނާއަށް ލިބިފައި ނުވާ ކަމަށެވެ. ނަމަވެސް މި ޒަމާނަކީ ރިމިކްސް ލަވަތައް މަޝްހޫރުވެފައިވާ ޒަމާންތަކެއް ކަމަށްވާތީ އެ ފިލްމުގައި ހިމެނޭ ލަވަ "ތުޖޭ މިރްޗް ލަގީ" ގެ ރިމިކްސް އެއް ބަލައިލަން ބޭނުން ކަމަށް އޭނާ ބުންޏެވެ.

މި ލަވައިގެ ވާހަކަ ދެކެވިފައި ވަނީ އެ އިވެންޓަށް ކަރިޝްމާ ލާފައި ހުރީ އިންޑިއާގެ މާތަކާއި ސްޕައިސަސް އިން އިންސްޕަޔާވެފައިވާ ސާރީގެ ސަބަބުންނެވެ. އެ ސާރީ އިން ދޭހަކޮށްދެނީ މިރުހާއި ކުޅިކަން ކަމަށް ކަރިޝްމާ ބުންޏެވެ.

ކަރިޝްމާ ވަނީ ސާރީގެ ފޮޓޯ އިންސްޓަގްރާމުގައި ހިއްސާކޮށްފައެވެ. އަދި ކެޕްޝަނުގައި ވާގޮތުގައި އެއީ "މިރްޗީ ސާރީ" އެކެވެ. އެ ސާރީ ޑިޒައިން ކޮށްފައިވަނީ ސަތްޔާ ޕައުލް އެވެ.

ކަރިޝްމާ އަކީ މަގްބޫލު ފިލްމުތަކެއް ކުޅެފައިވާ ތަރިއެކެވެ. އޭގެ ތެރޭގައި ރާޖާ ހިންދުސްތާނީ، ރާޖާ ބާބޫ އަދި ކޫލީ ނަންބަރު 1 ހިމެނެއެވެ.