ޓޫރިސްޓް ރިސޯޓު ތަރައްގީކުރުމަށް ބިޑަކާނުލައި ދޫކޮށްފައިހުރި ރަށްތަކާއި ފަޅުތައް ދައުލަތަށް ނަގަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަދި މަޝްހޫރު ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.
މިއަދު ކުރެއްވި ޓްވީޓެއްގައި އަލީ ހުސައިން ވިދާޅުވީ ބިޑަކާއި ނުލައި ދީފައިހުރި ރަށްތަކާއި ފަޅުތަކުގެ އިތުރުން ކޮރަޕްޝަނާއި ޚިޔާނާތުގެ ތެރެއިން ދޫކޮށްފައި ހުރި ރަށްތަކާއި ފަޅުތައް ވެސް ދައުލަތަށް ނެގުމަކީ އަންނަން އޮތް ޖީލުތަކަށްޓަކައި ކުރަންޖެހޭ ކަމެއް ކަމަށެވެ.
އެމްއެމްޕީއާރްސީ މެދުވެރިކޮށް ޓޫރިސްޓު ރިސޯޓު ތަރައްގީ ކުރުމަށް ގިނަ އަދަދެއްގެ ފަޅުރަށްތަކާއި ފަޅުތަކާއި ފިނޮޅުތައް ވަނީ އެކި މީހުންނަށް ދީފައެވެ. އެ ރަށްތަކާއި ފަޅުތަކާއި ފިނޮޅުތައް ދީފައި ވަނީ ނުއަގުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވެސް ވަނީ އިއުތިރާފުވެވަޑައިގެންފައެވެ.
އެ ރަށްތަކާއި ފަޅުތަކާއި ފިނޮޅުތައް ހަމައަގުގައި ދިންނަމަ ދައުލަތުގެ އާމްދަނީ އެތައް ގުނައަކުން އިތުރުވެގެންދާނެ ކަމަށް އިގްތިސޯދީ މާހިރުން ބުނެއެވެ.
ނުއަގުގައި ރަށްތަކާއި ފަޅުތަކާއި ފިނޮޅުތައް ދިން މައްސަލާގައި އިދިކޮޅު އެމްޑީޕީން ވަނީ ރައީސް ޔާމީންގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުކޮށްފައެވެ