މެޗުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 3-2ގެ ނަތީޖާއަކުން ނޭޕާލު ކުރީގައި އޮވެގެން. މިއީ ނޭޕާލުން ފުރަތަމަ ފަހަރަށް ފައިނަލަށް ދަތުރުކުރުމަށް މުހިންމު މޮޅެއް.
'90+4 - ލަންކާއަށް ނަތީޖާ ހަމަހަމަކުރުމަށް ރަނގަޅު ފުރުސަތެއް. ޑި ސިލްވާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޗަމޯދު ފޮނުވާލި ހަމަލާ ދިޔައީ ނޭޕާލު ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް.
'90+3 - ލަންކާގެ ދެވަނަ ލަނޑު ޕެނަލްޓީން. ނޭޕާލަށް އެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ ޑިލޮން ޑި ސިލްވާ.
'90+2 - ނޭޕާލުގެ ޕެނަލްޓީ އޭރިއާ ތެރެއިން ގޯތަމް ޝްރެސްތާ އަތުގައި ބޯޅަ ޖެހުމުން ލަންކާއަށް ޕެނަލްޓީއެއް.
'86 - ނޭޕާލުން އަލުން ލީޑު ފުޅާކޮށްފި. ތޭޖް ތަމަންގްގެ ރީތި ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ނޭޕާލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އަޔުޝް ގަލަން. އޭނާއަކީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފަށް ކުޅެން ނުކުތް ކުޅުންތެރިއެއް.
'82 - ލަންކާގެ އިތުރު ހަމަލާއެއް. އިޝާން ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޑި ސިލްވާ ފޮނުވާލި ހަމަލާ ވެސް ދިޔައީ ނޭޕާލު ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް.
'81 - ލަންކާގެ ހަމަލާއެއް. ވަސީމް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން އިޝާން ފޮނުވާލި ހަމަލާ ދިޔައީ ނޭޕާލު ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް.
'79 - ނޭޕާލުގެ ޕެނަލްޓީ އޭރިއާ ތެރެއަށް ޑައިވްކުރި ކަމަށް ބަލައި، ލަންކާގެ މުހައްމަދު ފަސަލްއަށް ރީނދޫ ކާޑެއް ދައްކައިފި.
'76 - ލަންކާގެ ހަމަލާއެއް. ދުރުގައި ހުރެ ނޭޕާލުގެ ކީޕަރު ކިރަންގެ ބޯމަތިން ގޯލުގެ ތެރެއަށް ފޮނުވާލުމަށް މަސައްކަތްކުރި ނަމަވެސް، ކިރަން ވަނީ ފަހަތަށް ޖެހި މަތަކޮށްފައި.
'75 - ނޭޕާލަށް އިތުރު ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ އަޔުޝް ފޮނުވާލި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވޭ. އެ ބޯޅައަށް ވެސް ލަންކާގެ ކީޕަރު ސުޖަން މަސައްކަތްކުރި.
'74 - ލަންކާގެ ކީޕަރު ސުޖަންގެ އިތުރު ސޭވްއެއް. ކައުންޓާ އެޓޭކެއްގައި ލަންކާގެ ޗަރިތާ ކައިރިން ނައްޓާލުމަށްފަހު ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު މަނީޝް ޑަންގީ ފޮނުވާލި ހަމަލާ، ކީޕަރު ސުޖަން ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.
'67 - ލަންކާގެ ކީޕަރު ސުޖަންގެ މޮޅު ދެ ސޭވްއެއް. ވަރަށް ހުސްކޮށް ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ނޭޕާލުގެ ސަންތޯޝް ފޮނުވާލި ހަމަލާ ކީޕަރު ސުޖަން ކުރިއަށް ނުކުމެ މަތަކުރުމާއެކު ލިބުނު ރީބައުންސް ބޯޅައިން މަނީޝް ޑަންގީ ވަނީ ބޮލުން އަޔުޝް ގަލަންއަށް ބޯޅަ ޖައްސާލާފައި. ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ އަޔުޝް ފޮނުވާލި ހަމަލާ ވެސް ލަންކާގެ ކީޕަރު ސުޖަން ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.
'62 - ލަންކާއަށް ރަނގަޅު ފުރުސަތެއް. ޗަރިތަ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރެއިން އިޝާން ފޮނުވާލި ހަމަލާ، ނޭޕާލުގެ ޑިފެންޑަރުން ވަނީ ބްލޮކްކޮށްފައި.
'57 - ލަންކާ އިން ލަނޑެއް ޖަހައިފި. ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ބޯޅައަކުން ލަންކާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ މާވިން ހެމިލްޓަން އޮމޮލޭ. އޭނާ ފޮނުވާލި ހަމަލާ އަމާޒުކޮށްލީ ނޭޕާލު ގޯލުގެ މަތީ ކަނަކަށް.
'57 - ލަންކާއަށް ހުސް ފުރުސަތެއް. ހެމިލްޓަން ދިން ބޯޅައަކުން ވަރަށް ހުސްކޮށް ހުރެ އިޝާން ފޮނުވާލި ހަމަލާ، ނޭޕާލުގެ ސުމަން ވަނީ ބްލޮކްކޮށްފައި.
'51 - ނޭޕާލުން ލީޑު ފުޅާކޮށްފި. ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުން ނޭޕާލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އަންޖަން ބިސްޓާ. ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު އަޔުޝް ފުރަތަމަ ޖައްސާލީ ނަވަޔުގް ޝްރެސްތާއަށް. އޭނާ ފޮނުވާލި ހަމަލާ، ލަންކާގެ ކީޕަރު ސުޖަން މަތަކުރުމާއެކު ލިބުނު ރީބައުންސް ބޯޅަ، އަންޖަން ވަނީ ފަސޭހަކަމާއެކު ލަންކާގެ ގޯލަށް ފޮނުވާލާފައި.
'47 - ނޭޕާލުގެ ނުރައްކާތެރި ހިލޭ ޖެހުމެއް. ގޯލުގެ މަތީ ކަނަކަށް އަމާޒުކޮށް އަންޖަން ބިސްތާ ފޮނުވާލި ހިލޭ ޖެހުން، ލަންކާގެ ކީޕަރު ސުޖަން ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.
މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި.
މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން ނޭޕާލު ކުރީގައި އޮވެގެން. ނޭޕާލުގެ ލަނޑު ކާމިޔާބުކޮށްދިނީ ލަމާ.
'44 - ނޭޕާލުގެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު ލަންކާގެ އަހްމަދު ވަސީމް ރަޒީކް، ޕެނަލްޓީ އޭރިއާ ތެރެއަށް ވަން ނަމަވެސް އޭނާ ވަނީ ކައްސާލައިގެން ވެއްޓިފައި.
'38 - ނޭޕާލަށް ރަނގަޅު ފުރުސަތެއް. ލަންކާގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، ލަމާ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޝްރެސްތާ ފޮނުވާލި ހަމަލާ ވަނީ ބްލޮކްވެފައި.
'31 - ނޭޕާލުން ލީޑު ހޯދައިފި. ވަރަށް ރީތިކޮށް ލަންކާގެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު ނަވަޔުގް ޝްރެސްތާ ދިން ބޯޅައަކުން ނޭޕާލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ސުމަން ލަމާ. ޕެނަލްޓީ އޭރިއާ ތެރެއިން އޭނާ ފޮނުވާލި ހަމަލާ ގޯލުގެ ތެރެއަށް ވަދެފައިވަނީ ލަންކާގެ ކީޕަރު ސުޖަން ޕެރޭރާ އަތުގައި ބޯޅަ ޖެހި، ގޯލުގެ ހުރަސް ދަނޑީގައި ޖެހިފައި.
'29 - ނޭޕާލުގެ އަންޖަންއަށް ކުރި ފައުލަކާ ގުޅިގެން ލަންކާގެ ޗަރިތަ ބަންޑާރާއަށް ރީނދޫ ކާޑެއް.
'25 - ލަންކާގެ ހަމަލާއެއް. ކޯނަރެއްގެ ތެރެއިން ލިބުނު ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ޑި ސިލްވާ ފޮނުވާލި ހަމަލާ ދިޔައީ ނޭޕާލުގެ ގޯލާ އަމާޒު ނުވެ ބޭރަށް.
'21 - ލަންކާ ކީޕަރު ސުޖަންގެ ގޯހެއް. ނޭޕާލުން ނެގި ކޯނަރެއްގެ ތެރެއިން ލަންކާގެ ކީޕަރު ސުޖަން، ބޯޅަ ހިފަން އުޅުމުގެ ތެރޭގައި ވަނީ އަތުން ބޯޅަ ދޫވެފައި. ޕެނަލްޓީ އޭރިއާ ތެރެއިން ނޭޕާލުގެ ރޯހިތު ޗާންދު އެ ބޯޅަ ފޮނުވާލަން މަސައްކަތްކުރި ނަމަވެސް، ކީޕަރު ސުޖަން ވަނީ ބޯޅަ ހޯދާފައި.
'20 - ޕެނަލްޓީ އޭރިއާ ތެރެއިން ނޭޕާލުގެ ޑިފެންޑަރު ކައިރިން ނައްޓާލުމަށްފަހު ލަންކާގެ ޑި ސިލްވާ ނަގައިދިން ހުރަސް ބޭކާރު.
'14 - ނޭޕާލުގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ތެރެއިން ނޭޕާލުގެ ސުމަން އާރިޔަލް ފޮނުވާލި ހަމަލާ، ލަންކާގެ ކީޕަރު ސުޖަން ވަނީ މަތަކޮށްފައި.
ފުރަތަމަ މެޗުގައި ބަންގުލަދޭޝްއާ ދެކޮޅަށް ކުޅެ 1-0ގެ ނަތީޖާއަކުން ބަލިވި މެޗުގައި ލަންކާގެ ޑިފެންޑަރު ޑަކްސަންއަށް ދެއްކި ރަތް ކާޑާ ގުޅިގެން މިއަދުގެ މެޗަށް އޭނާ ހުރީ ސަސްޕެންޝަނުގައި.
ލަންކާއިން ފޮނުވާލި ހިލޭ ޖެހުން ނޭޕާލުގެ ވޯލުގައި ތިބި ކުޅުންތެރިން ގައިގައި ޖެހި ބްލޮކުވެއްޖެ.
'10 - ނޭޕާލުގެ ކޯޗު އަބްދުﷲ އަލް މުތައިރީއަށް ރީނދޫ ކާޑެއް.
'8 - ނޭޕާލުގެ ޕެނަލްޓީ އޭރިއާ ބޭރުން ލަންކާގެ އިޝާނަށް ނޭޕާލުގެ ބިޝާލް ރާއީ ކުރި ފައުލަކާ ގުޅިގެން ރަނގަޅު ހިސާބަކުން ލަންކާއަށް ހިލޭ ޖެހުމެއް.
ނޭޕާލް އަދި ލަންކާގެ ވެސް ކެޕްޓަންކަން އަދާކުރަނީ ގޯލްކީޕަރުން. ނޭޕާލުގެ ކީޕަރު ކިރަން ކުމާރާއި ލަންކާގެ ކީޕަރު ސުޖަން ޕެރޭރާއަކީ ވެސް ރާއްޖޭގެ ކްލަބުތަކަށް ކުޅުނު ކީޕަރުން.
ލަންކާއިން ފެންނަނީ ވަރަށް ބޮޑަށް ޕްރެސްކޮށްގެން ކުޅެމުންދާ މަންޒަރު. ނޭޕާލަށް ވަނީ އުނދަގޫތަކެއް ކުރިމަތިވެފައި.
މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ލަންކާއިން.
އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021 ގެ ހަތަރުވަނަ މެޗުގައި ނޭޕާލްއާއި ސްރީ ލަންކާ ވާދަކުރާ މެޗުގެ ލައިވް ކަވަރޭޖަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!
މިރޭގެ މެޗަށް ނުކުންނައިރު ނޭޕާލުން އޮތީ ފުރަތަމަ މެޗުގައި ރާއްޖެ ކައިރިން 1-0 އިން މޮޅުވެފައި. އަނެއްކޮޅުން ނުކުންނަ ލަންކާ އޮތީ 1-0 އިން ބަންގުލަދޭޝް އަތުން ބަލިވެފައި. މިރޭގެ މެޗުން މޮޅުވެ ނޭޕާލަށް ފައިނަލަށް އުންމީދު އާކުރެވޭނެ. މިހާތަނަށް ސާފްގެ ތާރީހުގައި ނޭޕާލުން ފައިނަލެއް ކުޅެފައެއް ނުވޭ. ލަންކާގެ ސާފް ތާރީހަށް ބަލާއިރު، ލަންކާއިން 1995 ވަނަ އަހަރު މުބާރާތުގެ ރަން މެޑަލް ހޯދާފައިވޭ. މިހާރު ލަންކާ ފުޓުބޯޅަ އެންމެ ރަނގަޅު ހާލަތުގައި ނެތް ނަމަވެސް އެޓީމުން މިރޭ ހިތްވަރު ކުރާނެ ކަމަށް ކޯޗު ވަނީ މެޗުގެ ކުރިން ބުނެފައި.
"އަހަރެމެން ބުރަ މަސައްކަތުން ފުރަތަމަ މެޗުން މޮޅުވެފައި، މާދަމާ މޮޅެއް ނުލިބިއްޖިއްޔާ ރާއްޖެ މެޗުގައި ކުރި މަސައްކަތުގެ އެއްވެސް ބޭނުމެއް ނެތް. ލަންކާ މެޗަށް ނުކުންނައިރު އަހަރެމެން ރާއްޖެ މެޗުގެ އުފަލުގައި ތިބެއްޖެ ނަމަ މާދަމާ އަހަރެމެން ވަރަށް ގަދަޔަށް ރޯން ޖެހިދާނެ. ރާއްޖެ މެޗުން މޮޅުވުމުން އުފާވިޔަސް މިވަގުތު އެކަން ހަނދާނެއް ނުކުރާނަން. އަހަންނަށް އެނގޭ ލަންކާއަކީ ވަރަށް ވަރުގަދައަށް ޓެކްލް ކުރާ ޓީމެއް ކަން. އެ ޓެކުލްތަކުން ލަންކާ ކުޅުންތެރިންނަށް ފައިދާ ވިޔަ ނުދޭން ބޭނުން ހިފާނަން"
"މެޗުން ޕޮއިންޓެއް ލިބުމަކީ ވެސް ގޯސް ނަތީޖާއަކަށް ނުވާނެ. އެކަމަކު އަހަރެމެންނަށް (ފައިނަލުގެ ޖާގަ ހޯދުމުގެ) ރޭހުގައި ދެމި އޮވެވޭނީ މިރޭގެ މެޗުން މޮޅުވެގެން. ފުރަތަމަ މެޗުން ބަލިވުމަކީ އަހަރަމެންނަށް ގަބޫލުކުރަން ދަތި ނަތީޖާއެއް. އެއީ އެ މެޗުގައި ކަންތައްތައް ދިޔަ ގޮތުން. އުންމީދުކުރަނީ (މިރޭގެ) މެޗުގައި ލަންކާ ޓީމުން ރަނގަޅު ވާދައެއް ކުރާނެކަމަށް."