އެއް ކުޅުންތެރިޔަކު މަދުކޮށް، ބަންގުލަދޭޝުން އިންޑިއާ ހިފަހައްޓައިފި. މެޗު ނިމިގެންދިޔައީ 1-1ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެން.
މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ހަތަރު މިނެޓުގެ ކުޅުން ދައްކައިފި.
'89 - އިންޑިއާގެ ލަލެންގްމާވިއާ ދުރުން ފޮނުވާލި ހަމަލާ، ބަންގުލަދޭޝްގެ ކީޕަރު އަނީސުރް މަތަކޮށްފި.
'85 - އިންޑިއާއަށް ހުސް ފުރުސަތެއް. ޗެތުރީ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން މަންވީރު ފޮނުވާލި ބާރު ހަމަލާ ބަންގުލަދޭޝްގެ ޑިފެންޑަރު ޓޮޕޫ ވަނީ ބޮލުން ދިފާއުކޮށްފައި.
މިއީ ޔާސިން ބަންގުލަދޭޝްއަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑު. ލަނޑާއެކު ދަނޑަށް ވަން ގިނަ އަދަދެއްގެ ބަންގުލަދޭޝް ސަޕޯޓަރުން ވެސް ވަނީ އުފާފާޅުކޮށްފައި.
'74 - ބަންގުލަދޭޝް އިން ނަތީޖާ ހަމަހަމަކޮށްފި. ކޯނަރެއްގެ ތެރެއިން ލިބުނު ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ބޮލުން ފޮނުވާލައިގެން ބަންގުލަދޭޝްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޔާސިން އަރަފާތު.
ބަންގުލަދޭޝް އިން އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅެމުންދިޔަ ނަމަވެސް، އޭގެ ފައިދާ އިންޑިއާއަށް ނެެގޭ ގޮތެއް ނުވޭ. އަދިވެސް އިންޑިއާ އިން މަސައްކަތްކުރަނީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެން.
'60 - ކައިރިކައިރީގައި އިންޑިއާއަށް ހުސް ދެ ފުރުސަތެއް، ބަންގުލަދޭޝް ކީޕަރު އަނިސުރްގެ މޮޅު ދެ ސޭވްއެއް. ޕެނަލްޓީ އޭރިއާ ތެރެއިން މަންވީރު ފޮނުވާލި ހަމަލާ، ބަންގުލަދޭޝްގެ ކީޕަރު އަނިސުރް މަތަކުރުމާއެކު ލިބުނު ރީބައުންސް ބޯޅައިން ސުނިލް ޗެތުރީ ޖައްސާލި ބޯޅައިން އުދަންތާ ފޮނުވާލި ހަމަލާ ވެސް ކީޕަރު އަނިސުރް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.
'54 - ލިސްޓަން ނައްޓާލުމަށްފަހު ކުރިއަށް ދަނިކޮށް، އެންމެ ފަހަތުން ކުޅުނު ބަންގުލަދޭޝްގެ ބިޝްވަނާތު ގޯޝް ހިފެހެއްޓުމުން އޭނާއަށް ރަތް ކާޑެއް.
'52 - ބަންގުލަދޭޝްއަށް ހުސް ފުރުސަތެއް. ސާދު ނަގައިދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ރާކިބް ބޮލުން ފޮނުވާލި ހަމަލާ، އިންޑިއާގެ ގޯލާ އަމާޒުވެފައެއް ނުވޭ.
މެޗުގެ ދެވަނަ ހާފްގެ ކުޅުން ފަށައިފި.
މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން އިންޑިއާ ކުރީގައި އޮވެގެން. އިންޑިއާގެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން ސުނިލް ޗެތުރީ.
ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެމުންދަނީ އިންޑިއާ އިން. ބަންގުލަދޭޝް އިން މަސައްކަތްކުރަނީ ކައުންޓާ އެޓޭކުތަކުން ނުރައްކާކުރަން.
ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދެ މިނެޓުގެ ކުޅުން ދައްކައިފި.
'39 - ބަންގުލަދޭޝްގެ ކައުންޓާ އެޓޭކެއް. ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ބިޕްލޯ ފޮނުވާލި ހަމަލާ، އިންޑިއާގެ ކީޕަރު ގުޕްރީތު ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.
'38 - ސުނިލް ޗެތުރީގެ ނުރައްކާތެރި ހަމަލާއެއް. އޭރިއާ ބޭރުން ގޯލުގެ ކަނަށް އަމާޒުކޮށް ފޮނުވާލި ބާރު ހަމަލާ ހުޝިޔާރު ކަމާއެކު މަތަކޮށް ބޭރުކޮށްލީ ބަންގުލަދޭޝް ގޯލްކީޕަރު އަނީސުރު.
'36 - އިންޑިއާގެ ހަމަލާއެއް. ލިސްޓޮން އަރިމަތިން ވަދެ ތިރިތިރިން ފޮނުވާލި ހަމަލާ ދިޔައީ ބަންގުލަދޭޝް ގޯލްކީޕަރު އަތަށް.
'31 - މެޗުގައި ވޯޓާ ބްރޭކް ދީފި. މިއަދު ފާހަގަ ކުރެވެނީ މާލެއަށް މޫސުން ރަނގަޅު ހޫނު ގަދަ ދުވަހެއްގެ ގޮތުގައި.
'30 - އަނެއްކާވެސް ބަންގުލަދޭޝްއިން ނުރައްކާ ކޮށްފި. އަރިމަތިން ކެޕްޓަން ޖަމާލް ނަގައިދިން ހިލޭ ޖެހުން މަތިން މިއާ ބޮލުން ޖެހި ނަމަވެސް ރަނގަޅަށް ލައްވައެއް ނުލި.
'28 - ބަންގުލަދޭޝްއަށް ފުރުސަތެއް. އޭރިއާ ބޭރުން ބިޕްލޯއަށް ލިބުނު ފުރުސަތުގައި އޭނާ ބާރު ހަމަލާއެއް ފޮނުވާލި ނަމަވެސް ގޯލާ އަމާޒެއް ނުވި.
'26 - އިންޑިއާއިން ލީޑު ނަގައިފި. އަރިމަތިން އުދަންތާ ސިންހުގެ ބާރު ދުވެލީގައި އޭރިއާ ތެރެއަށް ވަދެ ތިރިތިރިން ނަގައިދިން ބޯޅަ ހުރަސް ދަނޑީގައި ޖައްސާ ގޯލަށް ވައްދާލީ ސުނިލް ޗެތުރީ. އެގޯލަކީ ސާފް ޗެމްޕިއަންޝިޕްގައި ޗެތުރީ ޖެހި 14 ވަނަ ގޯލު.
'23 - އިންޑިއާއަށް ފުރުސަތެއް. އަރިމަތިން ސުބަހަޝީޝް ބޯޝް ނަގައިދިން ހުރަސް މަންވީރު ސިންހު ބޮލުން ޖެހި ނަމަވެސް އަމާޒުވީ ބަންގްލަދޭޝް ގޯލްކީޕަރު އަތަށް.
'21 - ބަންގުލަދޭޝްއިން ފުރުސަތެއް ފަހި ކުރުމަށް އަރިމަތިން ބިޕްލޯ ނަގައިދިން ހުރަސް އިންޑިއާ ޑިފެންސަށް ސާފު ކޮށްލަން އުނދަގޫތަކެއް ދިމާވި ނަމަވެސް ބަންގުލަދޭޝް ފޯވަޑަކަށް ލިބޭ ގޮތެއް ނުވި.
އިންޑިއާއިން މެޗުގެ ކޮންޓްރޯލް ހޯދުމަށް މަސައްކަތް ކޮށް، ގިނަ ޕާސްތަކެއް ޖަހަމުންދާކަން ފާހަގަވޭ. އިންޑިއާގެ އެޓޭކް ލީޑު ކުރަމުން ދަނީ 37 އަހަރުގެ ސުނިލް ޗެތުރީ. އޭނާ ވަނީ މިހާތަނަށް ސާފް ޗެމްޕިއަންޝިޕްގައި 13 ގޯލު ޖަހައިފައި.
'9 - އިންޑިއާގެ ފުރަތަމަ އެޓޭކް. އަރިމަތިން އުދަންތާ ސިންހު އޭރިއާ ތެރެއަށް ހުރަސް ކޮށްލި ބޯޅަ ބަންގުލަދޭޝް ޑިފެންޑަރު ޓޯޕޫ ސާފުކޮށް ބޭރުކޮށްލައިފި.
'5 - ބަންގުލަދޭޝްގެ ޔާސިން އަރަފާތު ދުރުން ފޮނުވާލި ހަމަލާ ދިޔައީ މަޑުމަޑުން އަރިމަތި ދަނޑީ ކައިރިން ބޭރަށް.
މެޗުގެ ކުޅުން ފަށައިފި. ފުރަތަމަ ހާފްގެ ކުޅުން ފެށީ ބަންގުލަދޭޝްއިން.
އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021 ގެ ތިންވަނަ މެޗުގައި ބަންގްލަދޭޝްއާއި އިންޑިއާ ވާދަކުރާ މެޗުގެ ލައިވް ކަވަރޭޖަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!
މިއީ ސާފް ޗެމްޕިއަންޝިޕުގެ 13 ވަނަ މުބާރާތް. މިއަހަރުގެ މުބާރާތް ރާއްޖޭގައި ހޯސްޓް ކުރާއިރު، މިއީ ރާއްޖޭގައި ފުލީ ހޯސްޓް ކުރާ ފުރަތަމަ މުބާރާތް. މުބާރާތް ފުރަތަމަ ބާއްވާ ގޮތަށް އޮތީ ބަންގުލަދޭޝްގައި ނަމަވެސް މިފަހަރުގެ މުބާރާތް ރާއްޖޭގައި ހޯސްޓް ކުރަން ނިންމީ ބަންގުލަދޭޝްގެ ކޮވިޑު ހާލަތު އޮތް ގޮތުން.
މިއަދުގެ މެޗަކީ އިންޑިއާއިން މިއަހަރުގެ މުބާރާތުގައި ކުޅޭ ފުރަތަމަ މެޗު. އަނެއްކޮޅުން ބަންގުލަދޭޝް އޮތީ ފުރަތަމަ ކުޅުނު މެޗުގައި 1-0 އިން ސްރީލަންކާ ބަލިކޮށްފައި. ބަންގުލަދޭޝްއިން މީގެ ކުރިން މުބާރާތް ކާމިޔާބު ކުރީ އެއްފަހަރު. އެއީ 2003 ވަނަ އަހަރު. އޭގެ ފަހުން ބަންގުލަދޭޝްއަށް އަދި މުބާރާތް ކާމިޔާބު ކުރެވިފައިނުވާ އިރު، އަނެއްކޮޅުން ނުކުންނަ އިންޑިއާއަކީ ރެކޯޑު ހަތް ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ގައުމެއް. އެންމެފަހުން އިންޑިއާއިން މުބާރާތް ކާމިޔާބު ކޮށްފައި ވަނީ 2015 ވަނަ އަހަރު.
އުމުރުން 37 އަހަރުގައި ޗެތުރީ އަނެއްކާވެސް އިންޑިއާ ގޮވައިގެން ސާފް ޗެމްޕިއަންޝިޕަށް ނުކުންނަ އިރު، އޭނާގެ އަތުގައި މިހާރުވެސް 2011 ވަނަ އަހަރާއި 2015 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕްގެ ރަން މެޑަލް އެބައޮތް. 2011 ވަނަ އަހަރު މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޗެތުރީ، އޭރުގެ ފޯމުގައި މިހާރު ނެތް ނަމަވެސް އަދިވެސް ނުރައްކާވާނެ ކަމަށް އިދިކޮޅު ކޯޗުން ދެކޭ. ޗެތުރީއަކީ އިންޑިއާގެ ރެކޯޑު ގޯލު ޖެހުންތެރިޔާ. ބައިނަލްއަގުވާމީ ފުޓުބޯޅައިގައި ގައުމީ ޓީމަށް ކުޅުނު 120 މެޗުން 75 ގޯލު ޖަހައިދީފައި ޗެތުރީއަކީ ސާފްގެ ތާރީހުގައިވެސް ދެވަނައަށް އެންމެ ގިނަ ގޯލު ޖަހައިދީފައިވާ ކުޅުންތެރިޔާ. އެއްވަނައިގައި އޮތް ރާއްޖޭގެ އަލީ އަޝްފާގުގެ ފަހަތުން ޗެތުރީ ދެވަނައިގައި އޮތީ 13 ގޯލު ޖަހައިގެން.
ބަންގުލަދޭޝް ޗެމްޕިއަން ބަޝުންދަރާ ކިންގްސް ކެޕްޓަން ޓޯޕޫ ބާމަންއަކީ ބަންގުލަދޭޝްގެ ސެންޓަ ޑިފެންސުގެ އެއް ތަނބު. ޓޯޕޫ ވަނީ ލަންކާ ބަލިކުރުމަށް ބަންގްލަދޭޝްއިން ޖެހި ޕެނަލްޓީވެސް އެ މެޗުގައި ކާމިޔާބު ކޮށްފައި. 2018 ވަނަ އަހަރު އަމިއްލަ ގައުމުގައި އޮތް ސާފް ޗެމްޕިއަންޝިޕްގައިވެސް މުހިއްމު ދައުރެއް އަދާކުރި އުމުރުން 26 އަހަރުގެ ޓޯޕޫއަކީ ދަނޑުމަތީގެ ލީޑަރެއް. 2015 ވަނަ އަހަރާއި 2018 ވަނަ އަހަރު، އަދި މިއަހަރުވެސް ޓޯޕޫ ސާފް ޗެމްޕިއަންޝިޕްގައި ގޯލު ޖަހައިފައިވާ އިރު، ބަންގްލަދޭޝްއިން ރަން މެޑަލްއަށް ކުރަމުން އަންނަ މަސައްކަތް ކާމިޔާބު ކުރުމަށް އޭނާގެ ދައުރު ބޮޑުވާނެ.