ކުޅިވަރު

އަނިޔާގެ ސަބަބުން ޗުމްޕު އާއި ނާއިމް ސްކޮޑުން ބޭރުކޮށް، ޔާންބެ ޓީމަށް

ސާފް ޗެމްޕިއަންޝިޕަށް ރާއްޖެއިން ނެގި ސްކޮޑުގައި ހިމެނުނު އަލީ ހައިޝަމް (ޗުންޕު) އާއި މުހައްމަދު ނާއިމް އަށް ލިބިފައިވާ އަނިޔާގެ ސަބަބުން، އެ ދެކުޅުންތެރިން ނުލައި، ފައިނަލް ސްކޮޑު އިއުލާން ކޮށްފިއެވެ.

ރާއްޖެއިން ގަތަރުގައި ކުރިއަށް ގެންދިޔަ ތަމްރީނުތަކަށްފަހު 24 ކުޅުންތެރިންގެ ސްކޮޑެއް އިއުލާން ކޮށްފައިވާއިރު، އޭރުވެސް ބުނެފައި ވަނީ ޗުމްޕު އާއި ނާއިމްގެ އަނިޔާއަށް ބަލައި، ސްކޮޑަށް ބަދަލުތަކެއް އަތުވެދާނެ ކަމަށެވެ. އެފްއޭއެމް އިން ބުނެފައިވަނީ އެ ދެކުޅުންތެރިންގެ ބަދަލުގައި ސްކޮޑަށް ނަގައިފައި ވަނީ މާޒިޔާގެ ޑިފެންޑަރު މޫސާ ޔާމީން (ޔާންބެ) ކަމަށެވެ.

މީގެ ކުރިން ޔާންބެ ގައުމީ ޓީމުގެ ސްކޮޑުގައި ހިމެނިފައިވީ ނަމަވެސް މި ފަހަކަށް އައިސް އޭނާއަށް ޓީމަށް އެރިފައެއް ނުވެއެވެ. އަނިޔާތަކާއެކު މާޒިޔާ ޓީމުންވެސް ފުރުސަތު ހަނިވުމުން ޔާންބެ އަށް އުނދަގޫ ދުވަސްތަކެއް ކުރިމަތިވި ނަމަވެސް، މިދިޔަ ސީޒަންގައި އޭނާ ވަނީ ފޯމު ރަނގަޅުކޮށް، ގައުމީ ޓީމާ ހަމައަށް ގޮސްފައެވެ.

ގައުމީ ޓީމުން ސާފަށް ތައްޔާރުވުމަށް ކުރިން ފުރަތަމަ އިއުލާން ކުރި ޕްރިލިމިނަރީ ސްކޮޑުގައި 34 ކުޅުންތެރިޔަކު ހިމެނުނު ނަމަވެސް އޭގެ ތެރެއިން ގަތަރުގެ ކޭމްޕަށް ދިޔައީ 29 ކުޅުންތެރިއެކެވެ. އޭގެ ތެރެއިން 24 ކުޅުންތެރިންގެ ސްކޮޑެއް ކުރިން އިއުލާން ކޮށްފައިވާއިރު، މިއަދު ސްކޮޑަށް ގެނައި ބަދަލާއެކު މުބާރާތަށް ސްކޮޑު ވަނީ ފައިނަލް ކޮށްފައެވެ.

މިވަގުތު ޓީމުގައި ތިބި އެންމެ ތަޖުރިބާކާރު ކުޅުންތެރިން ކަމަށްވާ އަކުރަމް އަބްދުލްޣަނީ އާއި އަލީ އަޝްފާގު (ދަގަނޑޭ) އަދި އަސްހަދު އަލީ (އަޑުބަރޭ) އަށްވެސް ކޯޗު އަލީ ސުޒޭން ޖާގަ ދީފައިވާ އިރު، މުޅިން އަލަށް މުބާރާތަށް ނުކުންނާނެ ހަތް ކުޅުންތެރިޔަކު ސްކޮޑުގައި ހިމަނާފައިވެއެވެ.

އެއީ މާޒިޔާގެ އިބްރާހިމް އައިސަމް އާއި ޒުވާން ގޯލްކީޕަރު އަލީ ނާޖިހާއި ކްލަބު އީގަލްސްގެ ހުސެއިން ރާއިފް އަހުމަދު (ހަންނަ) އާއި މުހައްމަދު ނާއިމް އާއި ވެލެންސިއާގެ ގޯލްކީޕަރު މުހައްމަދު ޝަފީއު (ޗެކް) އަދި ދަ ގްރާންޑޭގެ ގާސިމް ސައްމާމް (ސައްމޭ) އެވެ.

ސްކޮޑުން ބާކީވި ކުޅުންތެރިންނަކީ މާޒިޔާގެ އަހުމަދު އަބްދުﷲ (ލިލީ) އާއި ޓީސީ ސްޕޯޓްސްގެ އަލީ ޝާމިސް (ތޮއްޕޭ) އާއި ގްރީން ސްޓްރީޓްސްގެ ހަސަން ނަޒީމް (ޗޯޓޭ) އަދި ދަ ގްރާންޑޭގެ ޔަސްފާދު ހަބީބް (މުލަކޭ) އެވެ.

ރާއްޖޭގެ ފައިނަލް ސްކޮޑު

  • މުހައްމަދު ޝަފީއު (ޗެކު)
  • ސަމޫހު އަލީ (ސަމުއްޓެ)
  • އަހުމަދު ނޫމާން (ހެލްމެޓް)
  • ހުސައިން ޝިފާއު ޔޫސުފް (ކްރޯ)
  • މުހައްމަދު އުމައިރު
  • އިސްމާއީލް އީސަ
  • އަލީ އަޝްފާގު (ދަގަނޑޭ)
  • އިބްރާހީމް އައިސަމް
  • އިބްރާހީމް މަހުދީ (ފޭދޫ އިއްބެ)
  • މޫސާ ޔާމީން (ޔާންބެ)
  • ގާސިމް ސައްމާމް
  • އަކްރަމް އަބްދުލްޣަނީ (އަކޫ)
  • އަލީ ފާސިރު (ސެންޓޭ)
  • ހަމްޒާ މުހައްމަދު (ހަމްޕު)
  • އަސަދުﷲ އަބްދުﷲ (އަސައްކޮ)
  • އަލީ ނާޖިހު
  • ހައިޝަމް ހަސަން (ބިޑި)
  • އަސްހަދު އަލީ (އަޑޭ)
  • މުހައްމަދު ފައިސަލް
  • ހުސައިން ނިހާން (ނިހާޓު)
  • އިބްރާހީމް ހަސަން ވަހީދު (އިއްބެ)
  • ނާއިޒު ހަސަން (ދާދު)
  • ހަސަން ރާއިފް (ހަންނަ)

ރާއްޖެއިން މުބާރާތުގައި ކުޅޭ ފުރަތަމަ މެޗުގައި ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ. އެއްވަނަ ދުވަހުގެ ރޭ އެ މެޗު އޮންނައިރު، މިހާރު ވަނީ ގައުމީ ދަނޑުން ޓިކެޓް ވިއްކަން ފަށައިފައެވެ.